ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިންގާ މަސްފެކްޓްރީ ހުންނަ ފެލިވަރުން އިތުރު 66 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ފެލިވަރުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުން ވަނީ ގިނަ ބައެއްގެ ސާމްޕަލް ނަގާފައެވެ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ ފެލިވަރުން މިހާތަނަށް 88 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާ އޭގެ ތެރެއިން 66 މީހެއް ޕޮޒިޓިވް ކަމަށެވެ. އަދިވެސް ނަތީޖާ ނުލިބޭ ބައެއް ސާމްޕަލްތައް ހުރިކަން އެ ހޮސްޕިޓަލުން ފާހަގަ ކުރެއެވެ.
ފެލިވަރުން ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށުގައި ވަނީ ބޮޑު ކްލަސްޓާއެއް އުފެދިފައެވެ. މިވަގުތު ކޮވިޑް ބަލި މީހުން އެންމެ ގިނައިން ތިބީ މާލެ ސިޓީގެ އިތުރުން ފެލިވަރުގައެވެ.
އެޗްޕީއޭގެ މޮނިޓަރިންގައި އޮތް އެރަށަށް ދަތުރުކުރި މީހުން ސިއްހީ ހިދުމަތްދޭ ސެންޓަރުތަކަށް އެންގުމަށް އަދި ސާމްޕަލް ނަގާ ޓެސްޓް ކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
ފެލިވަރުގެ އިތުރުން ނައިފަރުވެސް އޮތީ އެޗްޕީއޭގެ މޮނިޓަރިންގައެވެ. އެ ރަށުންވެސް ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
އެ ރަށުން ޕޮޒިޓިވްވީ އުނގޫފާރަށް ދިޔަ މީހެކެވެ. އުނގޫފާރަކީ ކޮވިޑް ކޭސްތައް ގިނަ ރަށެކެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ މި މަހުގެ 10ގެ ފަހުން ޅ. ނައިފަރުގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކުވާނަމަ ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށް އެދޭ ކަމަަށެވެ. އަދި މި ތާރީހުގެ ފަހުން ނައިފަރަށް ގޮސްފައިވާ މީހަކުނަމަ ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން މި މުއްދަތުން ފެށިގެން 10 ދުވަސް ހަމަވެފައިވާ މީހުންވެސް ސާމްޕަލްއެއް ނަގަައި ޓެސްޓްކުރުމަށާއި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެމީހުންގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ނައިފަރުން މާލެއަށް އައިސްފައިވާ މީހުޖން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށް އެދިފައިވެއެވެ.
ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ނައިފަރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބމަށް އަދި އެރަށަށް ކުރި ދަތުރުގެ މައުލޫމާތު 1676 އަށް ހިއްސާ ކުރަން އެޗްޕީއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން ނައިފަރުން ކުޅުދުއްފުއްޓަށް ދިޔަ މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ މީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށި ސިޓީއަށްވެސް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ކޭސްއާ ގުޅިގެން ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަަށެވެ. އަދި އެ ކޭސްއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ރަށުން އިތުރު މީހަކު ޕޮޒިޓިވްވެފައިނުވާ ކަމަަށް ބުންޏެވެ.
އުނގޫފާރުން ފެނުނު ޕޮޒިޓިވް ކޭސްތަކާއި ގުޅުންހުރި މީހަކު ހުޅުދުއްފާރުންވެސް ޕޮޒިޓިވްވެފައިވެއެވެ. އަދި ހުރާ އާއި ދިއްފުށިންވެސް އެ ކްލަސްޓާއާ ގުޅުންހުރި ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އުނގޫފާރު އަދި ކުޅުދުއްފުށި ސިޓީ މޮނިޓަރިންގައި އޮތުމުން ސިއްހީ ހިދުމަތް ހޯދަން އެ ދެ ރަށުގައި ހުންނަ ހޮސްޕިޓަލަށް ދެވޭ ގޮތް ނުވެ ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.