ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: ހުރާއިން 135، ދިއްފުށީގައި 105 ކޭސް

ކ. އަތޮޅުގައި ކޮވިޑް ކޭސްތައް ގިނަ ދެ ރަށް ކަމަށްވާ ކ. ހުރާ އާއި ދިއްފުށިންް އިތުރު ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ ކ. ހުރާއިން މިހާތަނަށް 138 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެ ކޭސްތަކާއި ގުޅިގެން 250 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވެއެވެ. އަދި އެ ރަށުން މިހާތަނަށް 572 ސާމްޕަލް ވަނީ ނަގާފައެވެ.

ދިއްފުށިން ޕޮޒިޓިވް ވެފައިވަނީ 105 މީހެކެވެ. 750 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާއިރު އެ ރަށުން 598 ސާމްޕަލެއް ވަނީ ނަގާފައެވެ.

ކޭސްތައް ގިނަވެ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކ. ހުރާގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލަން އަންގާ ކަމަށެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަތޮޅުތެރޭގައި އެންމެ ޕޮޒިޓިވް ކޭސް ގިނައީ ޅ. ފެލިވަރުގައެވެ. އެ ރަށުން 347 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި ނައިފަރުން 179 މީހަކަށް ބަލި ޖެހިފައިވެއެވެ. ޕޮޒިޓިވް ކޭސް ދެން އެންމެ ގިނައީ އެ އަތޮޅު ހިންނަވަރުގައެވެ. ހިންނަވަރުގެ ޕޮޒިޓިވް ނަންބަރު ވަނީ 35 އަށް އަރާފައެވެ. އެ ކޭސްތަކާއި ގުޅުންހުރި 44 ކޮންޓެކްޓުން ފާހަގަ ކުރެވިފައިވާއިރު ހިންނަވަރުން ވަނީ 501 ސާމްޕަލް ނަގާފައެވެ.