ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ގިނަ ކ. ހުރާއިން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ހުރާއިން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެ ކޭސްއާ ގުޅިގެން މިހާތަނަށް 159 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ. އެޗްއީއޯސީން މިރޭ ބުނީ ކޮންޓެކްޓުންގެ ތެރެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވާ ކަމަަށެވެ. އެގޮތުން މިހާތަނަށް ހުރާއިން ޕޮޒިޓިވްވި އަދަދު ވަނީ 52 އަށް އަރާފައެވެ.
ހުރާގެ އިތުރުން ދިއްފުށިންވެސް ވަނީ ކޮވިޑްގެ ގިނަ ކޭސްތަކެއް ފެނިފައެވެ. ދިއްފުށިން ފުރަތަމަ ކޭސްއެއް ފެނުނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެ ރަށުން 115 ކޮންޓެކްޓް ފާހަގަކުރެވިފައިވާއިރު މިހާތަނަށް 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އަދި އުނގޫފާރުން 13 މީހަކު ތިނަދޫއިން ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.