ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

އެއް ދުވަހުން ކޮވިޑްގެ ފަސް މަރު

ކޮވިޑް-19 ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފި އެވެ.

އެ ބަލީގައި އެއް ދުވަހެއްގައި ފަސް މީހަކު މަރުވެފައި މިވަނީ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައި ރާއްޖެ ވަނިކޮށެވެ.

ކޮވިޑް ޖެހި ފަރުވާ ދެމުންދިޔަ އުމުރުން 77 އަހަރުގެ ދިވެއްސަކު ރޭ ވަނީ މަރުވެފައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އޭގެ ފަހުން މިއަދު މެންދުރު ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 83 އަހަރުގެ ދިވެއްސަކު ވަނީ މަރުވެފައެވެ. އޭނާ މަރުވީ މެންދުރު 12:30 ގައެވެ.

ކޮވިޑްގައި ދެން މަރުވީ އިންޑިއާ މީހެކެވެ. އެއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އައި އުމުރުން 61 އަހަރުގެ ފަތުރުވެރި އެކެވެ. އެމީހާގެ ޗުއްޓީ ދަތުރު ނިންމާލުމަށް ފަހު ފުރުމުގެ ކުރިން ހެދި ޓެސްޓުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭނާ މަރުވީ ކަރަންޓީންގައި ގެސްޓްހައުސްގައި ހުއްޓައެވެ.

އޭގެ ފަހުން ޅ. ނައިފަރުން ވަނީ ކޮވިޑްގައި ދެވަނަ މީހަކު މިއަދު މަރުވެފައެވެ. އެއީ އުމުރުން 97 އަހަރުގެ އަންހެނެކެވެ. އެމީހާއަކީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ފެށިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެކެވެ. އެ މީހާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަން މާލެ ފޮނުވި ނަމަވެސް އިއްޔެ ވަނީ ނަތީޖާ ލިބޭ ގޮތް ނުވެއެވެ. އަދި އިތުރު ސާމްޕަލް ނަގާ މިއަދު މާލެ ފޮނުވިއެވެ. އެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމިހާ މިރޭ މަރުވި ފަހުންނެވެ.

އަދި އޭގެ ފަހުންވެސް އިތުރު މީހަކު ވަނީ ކޮވިޑްގައި މަރުވެފައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެމީހާއާ ގުޅޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެއްވަމުން ގެންދަވާ ޑޮކްޓަރުން ވަނީ އިތުރު މީހަކު މަރުވެ މިދިޔަ ސައުވީސް ގަޑިިއިރު މަރުވި މީހުންގެ އަދަދަދު ފަހަކަށް އަރާފައިވާކަން ޔަގީންކޮށްދީފައެވެ.