އެސްޓީއޯ

މި މަހު 10ގެ ކުރިން ޑިވިޑެންޑު ފައިސާ ޖަމާކުރާނެ: އެސްޓީއޯ

އެސްޓީއޯގެ ހިއްސާދާރުންގެ ތެރެއިން ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑިވިޑެންޑް ފައިސާ ޖަމާކުރާނެ ކަމަށް އެސްޓީީއޯއިން ބުނެފި އެވެ.

ހިއްސާދާރުގެ ބޭންކް އެކައުންޓް އެސްޓީއޯގައި ރަޖިސްޓްރީކޮށްފައި ނުވާ ހިއްސާދާރުން ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު އެސްޓީއޯގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް އެކުންފުނިން ވަނީ އެދިފަ އެވެ.

އެސްޓީއޯ އިން ބުނީ ފޯމް ހުށަހަޅާތާ ހަފްތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށެވެ.

މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ބޭއްވި އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާއިން 60 ރުފިޔާ ބަހަން ފާސްކޮށްފައިވެ އެވެ.

އެސްޓީއޯ އިން 2019 ވަނަ އަހަރު ހިއްސާ އަކަށް ބަހާފައިވަނީ 58 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާނަމަ ދެ ރުފިޔާގެ އިތުރު ވުމެކެވެ.

އެސްޓީއޯ އިން ހިއްސާ އަކަށް ބަހާ އަދަދު މަތިކުރީ މިދިޔަ އަހަރު ލިބުނު ފައިދާ ބޮޑުވެގެންނެވެ. އެސްޓީއޯ އަށް މިދިޔަ އަހަރު ބޮޑު ފައިދާއިން ލިބުނު އެއް ސަބަބަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ބޭނުންވާ މެޑިކަލް ސާމާނުގެ ބޮޑު ބައެއް އެ ކުންފުނިން ރާއްޖެ ގެނެސްފައި ވާތީ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން 2019 ވަނަ އަހަރު ނިމުނުއިރު އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު އުޅެނީ 302 މިލިއަން ރުފިޔާގަ އެވެ. އަދި މި އަދަދު މިދިޔަ އަހަރު ހުރީ 248 މިލިއަން ރުފިޔާގަ އެވެ.