ވިޔަފާރިތަކަށާއި ހޮޓާ ރެސްޓޯރެންޓްތަކަށް މިހާރު ދޫކޮށްފައިވާ ވެހިކަލް ޕާމިޓްތައް ބޭނުން ކުރެވޭނީ އަންނަ އަންގާރަ ދުވަހާ ހަމައަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިހާރު ދޫކޮށްފައި ހުރި ވެހިކަލް ޕާމިޓްތައް ސަޕޯޓް ޕާމިޓަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން ކުރިން ދޫކޮށްފައިވާ ވެހިކަލް ޕާމިޓްތައް މި މަހުގެ އަށް ވަނަ ދުވަހުގެ ފަހުން ބޭނުން ނުކުރެވޭނެ އެވެ.
ސަޕޯޓް ޕާމިޓަށް އެދި ހުށަހެޅޭނީ ޕޮލިސް ޕާމިޓް ޕޯޓަލް މެދުވެރި ކޮށެވެ.
ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު ގޯސް ވެފައިވާތީ ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. އެގޮތުން ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނާއި މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6:00 އިން މެންދަމު 12:00 އަށެވެ. އަދި ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޓޭކްއަވޭގެ ހިދުމަތާއި މުދާ ވިއްކާ ތަންތަނުން އާއްމުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.