ޖަލުތަކުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކޮށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސް އިން ބުނެފި އެވެ.
ރާއްޖޭގެ ކޮވިޑް ހާލަތު ގޯސްވެ ޖަލުތަކުގައި ވެސް ކޮވިޑް ފެތުރުނެވެ. ކަރެކްޝަންސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 100 އަށްވުރެ ގައިދީންނަށާއި ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ކޮވިޑްގެ ބިރުވެރިކަން ބޮޑުވެ ގައިދީންގެ ތެރެއިން ހައިރިސްކް މީހުން އެމީހުންގެ ގޭގެއަށް ވަގުތީ ގޮތުން ކަރެކްޝަނުން ވަނީ ބަދަލު ކޮށްފަ އެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ޖަލުތަކުގައި ކޮވިޑު ފެތުރުން ހުއްޓުވިއްޖެ ކަމަށާއި ހުރިހާ ޖަލެއް ވެސް މިހާރު ވަނީ އާންމު ހާލަތުގައި ކަމަށެވެ.
ޖަލަށް ޒިޔާރަތް ކޮށްގެން އާއިލީ ބައްދަލުވުމާއި، ވަކީލު ބައްދަލުވުން ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށާއި މި ހަފުތާގެ ތެރޭގައި އެކަމަށް ހާއްސަ އުސޫލެއް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އީދު ބަންދު ތެރޭގައި ޖަލަށް ޒިޔާރަތްކުރަން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު ފަހިވާނެ ކަމަށެވެ.
ރާއްޖޭގައި ހުންނަނީ ފަސް ޖެލެވެ. އެ ޖަލުތައް ހުންނަނީ މާލެ އާއި ހުޅުމާލެ އާއި ދޫނިދޫ އާއި މާފުއްޓާއި ހިންމަފުށީގަ އެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު އަންނަނީ މަދުވަމުން ނެވެ. ރާއްޖޭގެ ކޮވިޑް ހާލަތު ރަނގަޅުވަމުން އަންނާތީ ސަރުކާރުން ވަނީ ލުއި ވެސް ދީފަ އެވެ.