ވާހަކަ

ހީނލާގޮތުން

(3 ޖޫން 2021 އާ ގުޅޭ)

"އުޅޭން ނޭނގުނީ އަހަންނަށް..." މަޑުމަޑުން އަރީނަށް ބުނެވުނެވެ. އޭނާގެ ކުރީގެ ދިރިއުޅުން އަނބުރާ ލިބުމަށް އިންތިހާއަށް ބޭނުންވެފައި ވެއެވެ. އަދި އެ ދިރިއުޅުން ހާސިލުވޭތޯ ކުރެވެން އޮތްކަމެއް ކުރާން އޭނާ ހުރީ ތައްޔާރަށެވެ.

* * * * *

"ޑެޑީ!." ބެލްކަނީގައި ހުރި ފަވާދު އެނބުރިލީ ފަހަތުން ރީވާގެ އަޑު އިވިފަ އެވެ. އެކުއްޖާގެ އަތުގައި އައިޕެޑް އޮތެވެ. ބޮލުން އިޝާރާތެއްކޮށްލީ ކިހިނެއްވީތޯ ދަރިފުޅުގެ ގާތުން އަހާ ފަދައިންނެވެ.

"ކޮންމެވެސް ކަމެއް ވެފަ އައިޕެޑަށް އޮތީ." ރީވާ މިހެންބުނެ އައިޕެޑް ދައްކާލި އެވެ.

ކޮޓަރިއަށް ވަންއިރު ފަލަކް އެއްވެސް ކަމެއް ނުކޮށް އެނދުގައި އޮށޯވެލައިގެން އޮތްތަން ފަވާދަށް ފެނުނެވެ. ފަވާދާއި ރީވާ ކޮޓަރިއަށް ވަނުމުން ވެސް އެ ކުއްޖާ ބަލައެއް ނުލި އެވެ. އެގޭގައި އުޅޭން ބޭނުން ނުވާކަމާއި އެނބުރި މަންމަ ކައިރިއަށް ދާން ބޭނުން ވެގެން ފަލަކް އޮތީ ވާހަކަ ދައްކާފައެވެ. ފަވާދުމެން ގޭގައި އެކުދީން އިހު އުޅުނު ދިރިއުޅުން ނޫޅެވޭތީ އެވެ. މިހާރު ގަޑިގަޑިން ކަންކަން ކުރަން ޖެހެއެވެ. ބަރާބަރަށް ނަމާދަށް އަރަން ޖެހެ އެވެ. މުޅި ދުވަހު އައިޕެޑް ހިފައިގެން ސަކަރާތުގައި ހޭދަ ކުރެވޭކަށް ނޯވެއެވެ. ދެބެން އުޅެން ޖެހިފައި އޮތީ އެއްކޮޓަރިއެއްގަ އެވެ. އެކަމާ އަބަދުމެ ދެބެން ތިބެނީ ކޯޅިކޯޅި އެވެ. އެއްކޮޓަރިއެއްގެ ތެރޭ އިން ވަކިކޮށްގެން، އެއްކުޖަކު އުޅޭ ހިސާބަށް އަނެއްކުއްޖަކު ނުގޮސް އުޅޭ ފަދައިން އެކުދީން އުޅެއެވެ. ކުދީންނަށް އާދަވެފައި ހުރި ނުރަނގަޅު އާދަތަކުގެ ސަބަބުން އެކުދީން އަބަދުވެސް ނަގާނީ މަންމަގެ ކޮޅުކަން ފަވާދަށް މާކުރިން ވެސް އެނގެއެވެ. ހޭޖެހެންފެށި ހިސާބުން އެކުދީންގެ އުޅުން އިސްލާހުކޮށް އެކަމަށް ބާރު އަޅަމުން އައީ ފަވާދުވީމައެވެ.

"މަންމައަށް ގުޅަން ބޭނުން." ރީވާއާއެކު އެކުއްޖާގެ އެނދުގައި އިން ފާވާދާ ދިމާއަށް އެނބުރިލަމުން ފަލަކް ބުންޏެވެ.

"މަންމަ ގުޅާނެއޭ ބުނީމެންނު. ރަނގަޅު ކުދީންގެ ސިފައެއް ކެތް ކުރުމަކީ." ފަވާދު ބުންޏެވެ.

ފަވާދު އެ ހުންނަނީ އަރީން ގުޅާތޯ އެވެ. ދަރީން މުހިންމު ނަމަ އަރީން ގުޅީހޭ އޭނާގެ ހިތަށް އަރައެވެ. އެއްވެސް އިރަކު އަރީން ކުދީން ބޭނުން ކަމާމެދު ފަވާދު ސުވާލު އުފެދިފައި ވެއެވެ. ގައިމު ބައްޕައަށްވުރެ ދަރީންގެ މައްޗަށް މައެއްގެ އިހްސާސް ވަރުގަދަވާނޭ ބުނާތީ އޭނާ ވެސް އަޑު އަހައެވެ. ދަރީންނާއި މަންމަ ދުރުކުރުމުގެ ވިސްނުމެއްނެތް ފަވާދު ހުރީ އަރީން އިސްވެ އެކުދީންނަށް ބޭނުންވެގެން އިޝާރާތެއް ކުރޭތޯއެވެ. އެ ދެބެން ފެންނަ ކޮންމެ ފަހަރަކު ފަވާދުގެ ހިތް ރޯލަ އެވެ. އެކުދީންނަކީ އޭނާއާއި އަރީންގެ ދެމެދުގައި އޮތް ލޯތްބެވެ. އެ ލޯތްބަށްވީ ކިހިނެއްކަމާމެދު އޭނާއަށް ތަކުރާރުކޮށް ސުވާލު ކުރެވެއެވެ. އަރީންދެކެ އެހާ ލޯބިވެވެންވީ ސަބަބެއް ވެސް ނުވިސްނުނެވެ. ފޫހިވެ ރުޅި އާދެވުނަސް ފާވާދުގެ ހިތުގައި އެކުދީންގެ މަންމަގެ މައްޗަށް އަދިވެސް ލޯބީގެ ވިންދު ފަނޑު ނުވެ ޖަހާކަން ޔަގީނެވެ. އިސްލާމީ އުސޫލުތަކާއި ދީނީ ކަންކަމަށް އިސްކަންދޭ އަނތްބަކަށް އަރީން ހެދުމަށް އޭނާ މަސައްކަތް ކުރިއެވެ. ހަނދާންކޮށްދީ އެކަންކަމަށް ގޮވާލި ފިރިއަކަށް ޔަގީނުން ވެސް އޭނާ ވާނެއެވެ.

* * * * *

އިންތިޒާރުގެ ނިމުން ފޮނިވުމަކީ އެކަމަށް ޓަކައި ކެތްތެރިވުމަށް އުފުލި ދަތި އުނދަގޫ ހުރަސްތަކުން މިންޖުވެވިއްޖެކަމުގެ ހެއްކެކެވެ. އަދި ހިތުގެ މުރާދު ހާސިލުވުމުން އެކަމަށް ޓަކައި ކުރި އިންތިޒާރުގެ މަތިން ހަނދާންނެތެއެވެ. އިރުއޮއްސުނީސްސުރެ އަސްލަންގެ މޭގައި އޮތް ހިތުގެ ތެޅުން އަވަސްވެއްޖެ އެވެ. އުފާވެރިކަމުގެ ޖޯޝާއެކު ނަފްސުގެ މައްޗަށް ޖެހިލުންވުމުގެ އަސަރު ވެރިވެފައިވެއެވެ. ތަފާތު ޖަޒުބާތުތަކުން ނަފްސު ހިސާރުވެފައި ވެއެވެ. ކުދީންގެ ކޮޓަރިން އަސްލަންއާއެކު ނޯޔާ ނުކުތީ އެކުއެކީ އެވެ. އެ ކޮޓަރީގެ ދޮރު ލައްޕާލުމާއެކު އަސްލަންއަށް މަޑުކޮށްލެވުނެވެ. އަނބިމީހާގެ ސާފު ރީތި މޫނަށް އޭނާ ބަލާލި އެވެ. ލަދުން ހުރި ފަދަ ރަކި ހިނިތުންވުމެއް ނޯޔާގެ ތުންފަތުގައި ވާތީ ފެނުނެވެ. ނޯޔާގެ އަތްކުރީގައި ހިފާލައި އަސްލަންއާ ގާތަށް ދަމާލި އެވެ. އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ ނޯޔާގެ ކޯތާފަތުގައި އަސްލަން ބޮސްދިނެވެ.

"އަދި ވަރަށް ގިނައިރު ވާނެތަ؟" އަސްލަން ބުންޏެވެ. ލަދުންހުރި ވަރުން އިސްއުފުލާ އަސްލަންއާ ހަތަރުކަޅި ހަމަކޮށްލާކަށް ނޯޔާއަކަށް ނުކެރުނެވެ. އާނއެކޭ ބުނުމަށް ނޯޔާ ހަމައެކަނި ބޯ ޖަހާލީ އެވެ. އޭނާގެ އުނަގަނޑު އަސްލަން ދޫކޮށްލުމުން ނޯޔާ އަވަހަށް ފަހަތަށް ޖެހިލިއެވެ.

"ތިކަން ނިންމާލާފައި ކޮޓަރިއަށް އާދޭ." އަސްލަން ބުނެލި އެވެ. ދެން ވެސް ނޯޔާ ބޯ ޖަހާލީ އެވެ.

ބަދިގޭގެ ކަންކަން ނިންމާލުމަށް ނޯޔާ އެނބުރުނެވެ. އަސްލަން ގޮސް ކޮޓަރިއަށް ވަނީ އެވެ. މިރޭ ނޯޔާ ހޭދަ ކޮށްފައިވާ އެހެން ރޭތައް ފަދައިން ނުވާނޭކަން އޭނާއަށް އެނގެ އެވެ. ހިތްބިރުގަންނަ ގޮތްވެފައި ހުއްޓެވެ. ވަގުތުތައް ދާނީ ކިހިނެއްކަމެއް ނޭނގިފަ އެވެ. ފިރިމީހާއާ މެދު ފިކުރުކުރެ ވެއެވެ. މިރޭ މީ އެ ދެމަފިރިންގެ ދެމެދުގައި ކުރިން ކަހާނުލެވި އޮތް ފަރުދާއެއް ކެހިގެން ދާނޭ ރެއެކެވެ. އެތައް ސިއްރުތަކެއް ކަޝްފުވެ ހާމަވާނޭ ރެއެކެވެ. ދެހިތް މިލްކުވެ ކައިވެނީގެ ގުޅުން ބަދަހިވެ ވަރުގަދަވެގެން ދާނޭ ފާލަމެއް އަޅާލެވޭނެ ރެއެކެވެ. އެކަކުއަނެކަކުގެ މައްޗަށް އިތުބާރު ބޮޑުވެގެންދާނެ އެވެ.

މަސައްކަތްތަކުން އަވަދިވެ މަޑު ހިނގުމުގައި ނޯޔާ އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާލި އެވެ. ކޮޓަރިތެރެއަށް ވަދެވުނުއިރު އަސްލަން ފާޚާނާއިން ނުކުތީ އެވެ. ނިތްކުރިމައްޗަށް ބައެއް އިސްތަށިތައް ވެރިފައި ހުއްޓެވެ. އުނުގައި އޮތީ ތުވާއްޔެއް އެކަންޏެވެ. އޭނާ އެ ނުކުތީ ފެންވަރައިގެންކަން އޭސީގެ ކޮޓަރީގެ ތެރެއަށް ފެތުރިގެންދިޔަ ވަހުން އެނގެ އެވެ. އެތެރެއަށް ވަދެ ދޮރުލައްޕާލުމާއެކު ނޯޔާއަށް މަޑުކޮށްލެވުނެވެ. ކުރިއަށް އަންނަން ނުކެރިފަ އެވެ. އެ ހަށިގަނޑު ފެނިފައި ނޯޔާ ފިނިވާ ގޮތްވީ އެވެ.

"އައި ހޭވް ސަމްތިން ފޯ ޔޫ." އަސްލަން އައިސް އަލަމާރި ހުޅުވާލަމުން ބުންޏެވެ. އޭނާ އަލަމާރި ތެރެއިން ނެގި ކޮތަޅު ނޯޔާއަށް ދިއްކޮށްލިއެވެ. އެއީ ހަވީރު މީހަކު އައިސް ގުޅުމުން އަސްލަން ނުކުމެގެން ގޮސްފައި ހިފައިގެން އައި ކޮތަޅެކެވެ. އޭގައި ވަނީ ކޯއްޗެއްކަން ނޯޔާ އެހުމުން ފަހުން ދައްކާނެ ކަމުގައި އަސްލަން އޮތީ ބުނެފަ އެވެ.

ނޯޔާ ކޮތަޅުގައި އޮތް އެއްޗެއް ނެގިއެވެ. އެއީ ކަނޑުނޫކުލައިގެ ސެޓިން ނިދާ ހެދުމެކެވެ. ހެދުން ފަތުރާލިއިރު ކުރެއް ނޫނެވެ. ފެންނަފެނުމަށް ކަށިމައްޗާ ހަމައަށް ހުންނާނެ އެވެ. ނަމަވެސް ހެދުމުގެ ދެ އަރިމަތިން ފަލަމަސްގަނޑުގެ ބޮޑުބައެއް ފާޅުވާނޭ ވަރަށް ފަޅާލާފައި ވެއެވެ. އެތެރެއިން ލާބައިގެ ކަރު ވަރަށް ފުނެވެ. ހަމައެއާއެކު އަތެއް ނެތެވެ. އުނަގަނޑާ ހަމައަށް ބުރަކަށި އޮތީ ލޭސްފޮތީގެ ބައެކެވެ. މޭ ދަށުން ތިނެސްކަނަށްވާހެން ހަމަ އެ ލޭސް ފޮތިން ރީތި ފަރުމާއަކަށް ކައިރިފަށުގައި ރޭނދާ އަޅާއި ހަރުކޮށްފައި ހުއްޓެވެ. އެ ހާމަކަން ފޮރުވުމަށް ޓަކައި ނިދާ ހެދުމުގެ ބޭރުން ލާނޭ ކަނޑުނޫކުލައިގެ "ރޯބް" އެއް އޮތެވެ. ކިރިޔާ ވެސް ހިތްހަމަޖެހުމެއް ނޯޔާއަށް ލިބުނީ ދެނެވެ.

"މާއަވަހަށް ތި ބްލަޝް ވަނީ." ނިދާ ހެދުން ފެނި ނޯޔާގެ މޫނު ރަތްވަމުން އައީތީ އަސްލަން ބުނެލި އެވެ. އެހިނދު އަލުން އަވަސްއަވަހަށް ކޮތަޅުގެ ތެރެއަށް ނޯޔާ ހެދުން ކޮއްޕާލި އެވެ.

"ފާޚާނާއަށް ވަންނަންތަ؟" އަސްލަން އަހާލި އެވެ. ނޯޔާ ބޯ ޖަހާލި އެވެ. އެއާއެކު އަސްލަން ބުނީ އޭނާ ސޯފާގައި މަޑުކޮށްލާނަން ކަމުގައެވެ. ނޯޔާ ރެޑީވުމުން ގޮވާލުމަށެވެ. އޭނާ ކޮޓަރިން ނުކުތީ ވެސް ތުވާލިކޮޅުގައި ހުރެއެވެ. ނޯޔާއަށް އެކަން ފާހަގަ ކުރެވުނެވެ. އެހިތް ނެގިނެގި ޖެހެމުންދިޔައެވެ. ކޮޓަރިން އަސްލަން ނުކުތުމާއެކު ފުންނޭވާއެއް ނޯޔާ ހަށިފުރާ ދޫކޮށްލި އެވެ. ހީވީ މިހުރިހާއިރު ނޭނގި ނަމަވެސް ހިފެހެއްޓިފައި ހުރި ނޭވާ ބޭރުކޮށްލީ ހެނެވެ.

"އަސްލަން ލައިކްވާނެތަ؟" ނޯޔާއަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. ކުރިން ހިތަށް ނާރާ އެތައް ހިޔާލުތަކެއް އޭނާ ވަށާލަމުން ދިޔައެވެ. އަސްލަންއަށް އޭނާ ހުންނަ ގޮތް ކަމުނުގޮސްފާނެއޭ ހީކުރެވެނީއެވެ. އެނދުމަތީ ނިދާ ހެދުން ފަތުރާލާފައި ނޯޔާ ފާޚާނާއަށް ވަނެވެ.

ގޭތެރެއަށް ވެރިފައި އޮތީ ފަނޑު އަލިކަމެވެ. ބެލްކަނީގެ ދޮރު ލައްޕާ ފަރުދާތައް ދަމާލެވިފައިވާ އިރު މުޅިތަނުގައި ރަސްކަން ކުރަނީ ފުން ހިމޭންކަމެވެ. ސޯފާއަށް ހަށިގަނޑު ދޫކޮށްލައިގެން އަސްލަން އިނެވެ. ކުރިއަށް އޭނާގެ ދެފައި ދަމާލައިގެން ދެއަތް އުރާލައިގެންނެވެ. އެމޫނުގައިވީ ސީރިއަސް އަސަރު ތަކެކެވެ. ހީވަނީ ކޮންމެވެސް ކަމަކާ އޭނާ ވިސްނަނީ ހެނެވެ.

ފެންވަރާލައިގެން ނުކުމެ ނޯޔާ ފުރަތަމަ ކަމަކަށް ނަމާދަށް އެރި އެވެ. ރޭގެ ފަހުބައިގަ އެހެންޏާ ހޭލާ އުޅޭހެން ތެދުވެ އުޅުން މިރޭ ދަތިވާނޭ ހިތަށް އަރާތީ އެވެ. ފަހު ސަޖިދައިގައާއި ތެދުވެ އިނދެ އޭނާ ދުޢާ ކުރި އެވެ. ތަންމަތީގެ އަރާމު ކަމާއި ފިރިމީހާގެ ހިތްހަމަޖެހުން އޭނާގެ މައްޗަށް ލެއްވުމަށް އެދި އެވެ. ވޭނާއި ދަތިކަމެއްނެތް ހިތްހަމަޖެހުމުގެ މީރުކަން ދެމަފިރިންނަށް ލިބުމަށް އެދިއެވެ. ނަމާދުން ފޭބުމަށްފަހު ފަރުވާތެރިކަމާއެކު ނޯޔާ އެނދުމައްޗަށް ބަލާލި އެވެ. މިރޭ އެ ހަށިގަނޑުގައިވާނެ ހަމައެކަނި ނިވާ ކަމަކީ އެނދުމަތީ އޮތް ނިދާ ހެދުންކަން އޭނާއަށް އެނގެ އެވެ. ނަމަވެސް އެ ނިވާކަން ދެމިގެންދާނީ ކުޑަ ހިނދުކޮޅަކަށް ކަން ވެސް އޭނާއަށް އެނގެއެވެ. އަވަސްވެފައިވާ ހިތް ހިސާބަކަށް ހަމައަކަށް އެޅިފައި ވިއެވެ. ނިދާ ހެދުން ގަޔަށް ހެޔޮވަރު ކޮށްލިއެވެ. ނޯޔާގެ މޭމަތިން ހެދުން ހިފިފައި ހުއްޓަށް ތިރިއަށް ހެދުން ހުރީ ދޫކޮށެވެ. ރީތިވާ މޭޒުމަތީ ހުރި ސެންޓުފުޅިން ހަށިގަނޑުގެ ޚާއްޞަ ތަންތަނަށް ޖަހާލި އެވެ. ދެން އެ ހެދުމާއެކު އޮތް "ރޯބް" މަހާލި އެވެ. އަތްދިގު އެ ރޯބްއިން ހަށިގަނޑު ފުރިހަމައަށް ނިވާވެއްޖެކަމުގެ އިހްސާސް ކުރެވުނެވެ. ކޮޓަރިން ބޭރަށް ނޯޔާ ނުކުމެ އަސްލަންއަށް ގޮވާލިއެވެ.

ފަނޑު އަލިކަމުގެ ތެރެއަށް ހޭނިފައިވި އަސްލަންގެ ދެ ލޯ ނޯޔާއަށް ހުއްޓިފައި ވިއެވެ. އެ ރީތި ފަން އިސްތަށީގަނޑު ކަނާއަތް ފަރާތު ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލާފައި އޮތެވެ. އެ ހަށިގަނޑުގެ ހިމަކަން ފާޅުވޭވޭ ހުއްޓެވެ. ނޯޔާގެ ކުރިމައްޗަށް ހުއްޓެވުމާއެކު އޭނާގެ އިސްތަށިގަނޑާ އަސްލަން ކުޅެލިއެވެ. އެ އިސްތަށިގަނޑުގެ ކޮޅުން ބައެއް ހިއްލާލުމާއެކު ގެނެސް ނޭފަތާއި ތުންފަތުގައި އަސްލަން ޖައްސާލިއެވެ. ނޯޔާގެ ވަސް އެ އިސްތަށިގަނޑުން ދުވި އެވެ. ނޯޔާގެ އަތުގައި ހިފާލުމާއެކު ގާތްވެލިއެވެ. ނޯޔާގެ ހަށިގަނޑު ކޮޓަރީގެ ދޮރާ ޖެހިގެން ބިއްދޮށަށް ހުރި ފާރުގައި ތަތްކޮށްލި ކަހަލައެވެ. އަސްލަންގެ ހަށިގަނޑު ޖެހިފިތިފައިވިއެވެ.

"އައި ލަވް ޔޫ." ނޯޔާގެ ކަންފަތް ދޮށުގައި އަސްލަން ބުނެލި އެވެ. ނޯޔާގެ ޖަވާބަކަށް އޭނާ މަޑެއްނުކުރިއެވެ. ކަނދުރާގައި ވަސްގަނެލި ހިނދު ދުވި މީރު ފޮނިފޮނި ހުވަނދުގެ ވަހުން އަސްލަންގެ ބުއްދިއަށް އަސަރު ކުރިއެވެ. ގަދަފަދަ މަސްތު ކަމެއްގެ އޮއެވަރުގައި އޭނާ ޖައްސައިފި އެވެ.

"އެނދަށް ދަމާ..." އަސްލަން ބުނެލި އެވެ. ނޯޔާއާ ހަތަރުކަޅި ހަމަވިއިރު އޭނާގެ ހިތް ހިނދުކޮޅަކަށް ހުއްޓުނު ކަހަލައެވެ. އަސްލަންގެ ބެލުމުގައިވީ އަސަރު ފެނިއެވެ. އެ ދެ ލޮލުން ފާޅުވާންހު ރީ ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ. އެހެންވިޔަސް އޭނާ އެ ވަރުގަދަ އެދުންތައް ހިފަހައްޓަން މަސައްކަތްކުރާކަން އެނގެއެވެ. ކޮޓަރިތެރެއަށް ނޯޔާއަށް ވަދެވުނީ އަސްލަންގެ ބާރުގައި ކަހަލައެވެ. ކޮޓަރީގެ ދޮރު ލެއްޕި ތަޅުލެވުމާއެކު ނޯޔާގެ ފައި ތަޅުމުން އުފުލިއްޖެ އެވެ. އަސްލަންގެ ދެއަތުގެ ތެރޭ އޭނާ އޮތެވެ. އޯގާތެރިކަމާއެކު ގެނެސް އެނދުގައި ނޯޔާ ބޭއްވުމާއެކު އޭނާގެ މަގަތުން އަސްލަން އެރިއެވެ. އަވަސް ހަރަކާތަކާއެކު ނޯޔާ ލައިގެން ހުރި "ރޯބް" ގައި ހިފާލިއެވެ. އަސްލަން އެ އެދެނީ ކޮންކަމެއްކަން އެނގި ނޯޔާ ރޯބް ބާލައި އެއްފަރާތްކޮށްލި އެވެ. އެހިނދު ދެ ކަކޫ މައްޗަށް އެނދުގައި ހުރި އަސްލަންގެ ހަރަކާތް ހުއްޓުނެވެ.

"އައި ވޯން ޓު ޓަޗް ޔޫ..." އަސްލަންގެ އަޑު އައީ ބުނެލި ސިއްރެއް ފަދައިންނެވެ. ފިރިމީހާގެ އެދުންތަކަށް ނޯޔާ އިޖާބަދިނެވެ. ބޯޖަހާލުމާއެކު އަސްލަންއަށް އަތް ދިއްކޮށްލި އެވެ. އަންނާށޭ ބުނާ ފަދައިންނެވެ. އެ ހިތާއި ހަށިގަނޑަކީ އަސްލަންގެ ހައްގެއްކަން ބުނެދޭން އުޅޭ ފަދައިންނެވެ.

އަސްލަންގެ ތުންފަތް ބީހިލާ ކޮންމެ ހިސާބަކުން މަޑު ހޫނުކަމެއް ނޯޔާއަށް އިހްސާސް ކުރެވެއެވެ. ހިތުގެ ތެޅުން އަސްލަންއަށް އިވޭނޭހާ އަވަސްވެފައި ވިއެވެ. ކޮންމެ ބީހިލުމަކާއެކު އެ ހަށިގަނޑު ވިރެމުންދާ ފަދައެވެ. ހީބިހިން މުޅި ހަށިގަނޑު ހޭލައްވަމުންދިޔައިރު ކުރިން އިހްސާސް ކުރެވިފައިނުވާ ހީލިކެރުވުމެއްގެ އަސަރުގައި ނޯޔާގެ މުޅި ހަށިގަނޑު ޖެހިއްޖެއެވެ. ނޭވާ ކުރުވެ އަވަސްވަމުންދިޔަ އެވެ.

"ވެއިޓް... ވެއިޓް..." ކުއްލިއަކަށް އަސްލަންގެ ގައިގާ ނޯޔާ ހިފަހައްޓަމުން ނިކަން އަވަހަށް ބުނެލި އެވެ. އަސްލަންއަށް ވެސް ލިބުނީ ސިހުމެކެވެ. ފަރުވާތެރިކަމާއެކު ނޯޔާގެ މޫނަށް އަސްލަން ބަލާލި އެވެ. އާދަޔާ ހިލާފު ޖެހިލުންވުމަކާއި ބިރެއްގެ އަސަރު ނޯޔާގެ މޫނުގައި ވާތީ އަސްލަން ދުށްޓެވެ. ސުވާލެއް ކުރަންވާއިރަށް އޭނާގެ މޫނުގައި ނޯޔާ ދެއަތުން ހިފާލިއެވެ. ކައިރިއަށް ދަމާލުމާއެކު އަސްލަންގެ ކަންފަތްދޮށުގައި ނޯޔާ ވާހަކަދެއްކިއެވެ.

"މައި ފަސްޓް ޓައިމް..." ނޯޔާ ބުނެލި އެވެ. އެއާއެކު އަސްލަންއަށް ވިސްނުނެވެ. ނޯޔާ ބިރުގަނެ ޖެހިލުން ވަނީ ކޮންކަމަކާކަން ސާފުވި އެވެ.

"އައި ނޯ، ޑޯންޓްވޮރީ... ޔޫ އާ ރެޑީ. ޓްރަސްޓް މީ." އަސްލަން ވެސް ބުނެލީ ނޯޔާގެ ކަންފަތްދޮށުގައި ސިއްރުންނެވެ. މަޑުމަޑުން ނޯޔާ ބޯޖަހާލިއެވެ.

އަސްލަން އިސްނަގަމުންދިޔައިރު އޭނާ ނޯޔާގެ ނުކެރުމަށް ފަރުވާލެއް ނުބަހައްޓައެވެ. މިރޭ އޭނާގެ އަނބިމީހާ އުފާ ކޮށްދިނުމުގައި އެންމެ ތަންފުކެއް ވެސް އުނިވާން އަސްލަން ނޭދެއެވެ. ނޯޔާއަށް ނޭނގިއްޖެނަމަ އޭނާ ކެތްތެރިކަމާއެކު ބުނެދެއެވެ. ދެމަފިރިންނަށް ހިތްހަމަޖެހުން ލިބޭނޭ ގޮތް ބުނެދިނެވެ. އެވަގުތަކީ ވެސް ވާހަކަ ދައްކަން ޖެހޭނޭ ވަގުތެއްކަން އަސްލަން ހަނދާންކޮށްދިނެވެ. ނޯޔާގެ އަނގަމަތީ އޭނާ އަތްއަޅާލުމުން އަސްލަންއަށް ވިސްނުނެވެ. ދެމަފިރިންގެ އަޑު ގަދަވެއްޖެނަމަ ކުޑައެނދުގައި އޮތް ދަރިފުޅު ހޭލަފާނޭކަމެވެ. އެކުއްޖާ ހޭލައިފިނަމަ މިރޭގެ އުފާވެރިކަން މެދުކެނޑޭނެއެވެ. އެހެންވާން އަސްލަން އެއްގޮތަކަށް ވެސް ނޭދެއެވެ.

ނޯޔާގެ ލޯ މެރުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ދުވަހަކުވެސް އޭނާއަށް ނުލިބޭފަދަ ވަރުބަލިކަމެއް ހަށިގަނޑަށް ލިބިފައި ވުމުންނެވެ. ފުންނިދީގެ ތެރެއަށް އޭނާ ދިޔައިރު ގާތުގައި އޮތް އަސްލަންގެ ފިރުމުންތައް އިހްސާސް ކުރެވެއެވެ. ލޯބިން ފިރިމީހާއަށް ބަލާލަން ބޭނުންވިޔަސް ދެ ލޯ ހުޅުވާލާނޭ ވަރު ވެސް ނެތް ފަދައެވެ.

"ނޯޔާ... ޔޫ އާ ޕާފެކްޓް..." ނިދިފައި އޮތް ނޯޔާއަށް ބަލަން ކުރުއަތް މައްޗަށް އޮތް އަސްލަން ބުނެލިއެވެ. އެތައް އިރަކު ނޯޔާގެ ފުރިހަމަކަށް ބަލަން އަސްލަން އޮތެވެ. ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވެފައި ވިއެވެ. ނޯޔާގެ ފިރިމީހާއަށް ވުމާއި އަނބިމީހާގެ ފުރަތަމަ ރޭ ހާސިލުވެ އޭނާ ހިތްހަމަޖައްސާދެވުނު ކަމުގެ ފަޚުރު އަސްލަންގެ ހިތުގައި ވިއެވެ. އެކަމުގެ ހެއްކަކަށް އެ ތުންފަތުގައި ނުފިލާ ހުރި ލުއި ހިނިތުންވުން ފުދެއެވެ. މަޑުމަޑުން އަސްލަން ތެދުވެ ފައި ކައިރިން ރަޖާ ހިއްލާލި އެވެ. އެއިން ދެ ހަށިގަނޑު ނިވާކޮށްލިއެވެ. ލޯބިން ނޯޔާ ގާތްކޮށްލައި އެ މޫނުގައި ބޮސްދިނެވެ.

"ގުޑްނައިޓް މައި ލަވް." އަސްލަން ނިދަން ހަމަޖެހިލުމާއެކު ބުނެލި އެވެ.

އަސްލަންއަށް ހޭލެވުނީ ފިނިފިނި އަތްތިލައެއް އޭނާގެ ކޮނޑުގައި ބީހުމުންނެވެ. ނޯޔާ ގޮވާލި އަޑު ވެސް އިވުނެވެ. ލޯ ހުޅުވާލެވުނީ އެ އަތްތިލަ އޭނާގެ ތުނިކޮށް ހުރި ތުނބުޅީގައި ފިރުމާލުމުންނެވެ.

"ހޭ ބިއުޓިފުލް..." ލުއި ހިނިތުންވުމަކާއެކު އަސްލަން ބުނެލީ ނިދީގެ އަސަރާއެކު އެވެ. ގާތަށް ނޯޔާ ދަމާލަން އުޅުމުން ނިކަން އަވަހަށް އޭނާ ހުއްޓުވިއެވެ.

"މި ގަޑީގައެއް ނޫން... ވުޟޫކޮށްގެ މިހުރީ. ދެން ތެދުވޭ... ފަތިސް ނަމާދަށް ގޮވަން އެ އުޅެނީ. ފެންވަރާލައިގެން މިސްކިތަށް ދެވޭނީ ކިރިޔާ. އަވަހަށް ތެދުވޭ." ނޯޔާ ބުނެލި އެވެ. އިހުނަށްވުރެ އަސްލަންގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވެލި އެވެ. ރޭގައި އެ ދެމަފިރިން ނިދީ ލަހުންނެވެ. ނިދި ބޭނުން ވާނެކަން ޔަގީނެވެ. ނަމަވެސް ނިދީގެ މީރުކަމަށްވުރެ ވަރުބަލިކަމަށް ފުރުސަތު ނުތީ ނޯޔާ އެހުރީ ތެދުވެއެވެ. އަސްލަންއަށްވުރެ ކުރީންނެވެ. އެ މޫނުން މިހާރު ވަރުބަލިކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި ތަފާތު ތާޒާކަމެއް ފެންނަން ހުއްޓެވެ. އެ ސާލިހު އަނބިމީހާ ރަނގަޅު ކަމަކަށް ގޮވާލާއިރު ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ. އަސްލަން އެނދުން ތެދުވެ އަތްމަތި އަވަސް ކުރިއެވެ.

މިސްކިތުން އެނބުރި އަސްލަން އައިސް ގެއަށް ވަނެވެ. އޭރު ކޮޓަރިން ނޯޔާ ނުކުންނަނީ އެވެ. އަނުމްއަށް ބުއްފުޅި ދިނުމުން ނިދައިފި ކަމުގައި ނޯޔާ ބުނެ ކޮފީ ހަދަން އުޅުނެވެ. ކޮފީތަށި ހިފައިގެން ދެމިރިން ނުކުތީ ބެލްކަންޏަށެވެ.

"މެންދުރު ކާން އައީމަ ނޯޔާއާއެކު ވަގުތުކޮޅެއް އަހަންނަށް ލިބިދާނެތަ." ކޮފީ ބޯން ހުރެފައި އަސްލަން ބުނެލި އެވެ. އޭނާ އެބުނީ ކީކޭކަން ނޯޔާއަށް ފަހުމްވި އެވެ. ރަކިވެގެން ދުރަށް ނޯޔާ ނަޒަރު ހުއްޓާލި އެވެ. އެއާއެކު އަސްލަން ޖެހިލީ ނޯޔާއާ ނުހަނު ގާތަށެވެ.

"ނޯޔާ ކާރު ދުއްވަން ދަސްކުރަންވީނު." އަސްލަން ބުނެލި އެވެ.

"އެ ކީއްކުރަން؟" ލިބުނު ހައިރާން ކަމާއެކު އިހުވީ އަސަރުތައް އެ މޫނުން ހިނދިގެން ހިނގައްޖެއެވެ.

"ކުދީން ގޮވައިގެން އަބަދު ހިނގާފަ އުޅުމަށްވުރެ ފަސޭހަވާނެއެއްނު. ކާރެއް ނެގުމުގެ ވިސްނުން ހުރީމަ... ވީ ކޭން އެފޯޑް އިޓް. އަނެއްކާ މީހުންގެ އުނދަގުލުން ވެސް ސަލާމަތްވާނެއެއްނު." އަސްލަން ބުންޏެވެ.

"އަދިއެއް ނޫން... އެކަމަކު އަހަރެން ކަމަކު ކިޔަންވެފަ އޮތީ. އަސްލަންގެ ހުއްދަ ބޭނުން." އަސްލަންއާ ކުރިމަތިލަމުން ނޯޔާ ބުނެލި އެވެ. މިވީ ދުވަސްތަކުގައި އޭނާގެ ސިކުނޑީގައި ކޮށަމުން އައި މުހިންމު ކަމެއްކަމުގައި އެކަން ވެއެވެ. އެކަމަކު އަސްލަންގެ ހުއްދައެއް ނެތި އެކަމަށް އޭނާ ގޮތެއް ނިންމުން ކަމުނުދާނޭކަން ވިސްނޭތީ މަޑުކުރީ އެވެ. އޭނާ އެހުރީ އަސްލަންގެ ބެލުމުގެ ދަށުގައި ވިއްޔާއެވެ. ފަހަރެއްގައި އަސްލަން ހިތްހަމަނުޖެހިދާނެތީ އެވެ. އޭނާ ގަޔާވާ ނިންމުމަކަށް ނުވެދާނެތީ އެވެ. (ނުނިމޭ)