(6 ޖޫން 2021 އާ ގުޅޭ)
މިވީ ދުވަސްތަކުގައި އޭނާގެ ސިކުނޑީގައި ކޮށަމުން އައި މުހިންމު ކަމެއްކަމުގައި އެކަން ވެއެވެ. އެކަމަކު އަސްލަންގެ ހުއްދައެއް ނެތި އެކަމަށް އޭނާ ގޮތެއް ނިންމުން ކަމު ނުދާނޭކަން ވިސްނޭތީ މަޑުކުރީ އެވެ. އޭނާ އެހުރީ އަސްލަންގެ ބެލުމުގެ ދަށުގައި ވިއްޔާ އެވެ. ފަހަރެއްގައި އަސްލަން ހިތްހަމަ ނުޖެހިދާނެތީ އެވެ. އޭނާ ގަޔާވާ ނިންމުމަކަށް ނުވެދާނެތީ އެވެ.
"ލެޓް މީ ގެސް... ނޯޔާ ވަޒީފާއަކަށް ދާންވީ ދޯ." ފަރުވާތެރި ކަމާއެކު ނޯޔާއަށް ބަލާލުމާއެކު އަސްލަން ބުންޏެވެ. އަނބިމީހާއަށް ނުލިބިވާ ހަމައެކަނި އުފަލަކީ އެއީ ކަމުގައި ވިސްނިފައި އޮތީމަ އެވެ. ނަމަވެސް އޭނާގެ ވާހަކައަށް ނޯޔާ ބޯހޫރުވާލީ ނުހަނު އަވަހަށެވެ.
"ގޭގަ ވެސް މި އާދާ ކުރަނީ ވަޒީފާއެއްނު. ބައެއްގެތެރޭ، ބޮޑު ގޮނޑީގަ އިނުމަށްވުރެ މިހާރުގެ ވަޒީފާއާމެދު މާބޮޑަށް ވެސް ހިތްހަމަޖެހޭ. ކުރާ ހިތުން ހުރެ ހުރިހާ ކަމެއް ކުރެވޭ. އެކަމާމެދު އެއެއްވެސް ޝަކުވާއެއް ނެތް."
"އެއީ ކީއްވެ؟ މޮޅަށް ކިޔަވައިގެން އައިސް ވަޒީފާ އަދާ ކުރުމުގެ ވިސްނުން ގިނަ އަންހެން ކުދީން ގެންގުޅެނީ. އެ މިނިވަންކަން އެމީހުން ބޭނުންވޭ. އަހަންނާ ކައިވެނިކޮށް ދަރީންތަކެއް ތިބުމުން، އެކުދީން ބަލަން ޖެހޭނެތީ ނޯޔާއަށް އެ ފުރުސަތު ގެއްލުނީ. ނޯޔާ ރެޑީ ނުވަނީސް މަންމައަކަށްވާން މަޖުބޫރުވީ. އަމިއްލަ ހުވަފެންތަ ސެކްރިފައިސް ކުރީ." އެއްއަތުގައި ކޮފީ ޖޯޑުވީއިރު އަނެއްއަތުން ނޯޔާގެ ކޯތާފަތުގައި އަސްލަން ފިރުމާލި އެވެ.
"ކޮންމެ މީހެއްގެ ހިޔާލަކީ ތަފާތު އެއްޗެއް. އެކި މީހުންނަށް މުހިންމު ވާނީ އެކި ކަންކަން. ތެދެއް، އަހަރެންގެ ކިޔެވުން ނިމުމާއެކު ގަސްދު ކޮށްގެން ހުރީ ވަޒީފާއެއް ހޯދަން. ކައިވެނީގެ ޚަބަރު ލިބުނީމަ އެ ހިޔާލުތައް އަހަރެން ދޫކޮށްލިން. އެކަމަކު ފުރިހަމައަށް އެ ނިންމުން ގަބޫލެއް ނުކުރެވިފަ އިނީ. ފުރުސަތު ވެސް ލިބުނު. އޭރު ނުވިސްނޭ އަހަރެން ދާން ބޭނުންވީ ވަޒީފާއަށްވުރެ، ﷲ މިންވަރު ކުރެއްވި ވަޒީފާގެ ހުރި މާތްކަން. އެކަން އިހްސާސް ކުރެވުނު ހިސާބުން ކުރީގެ ވިސްނުން ބަދަލުވެއްޖެ. ވަޒީފާއަކަށް ނުދެވުނީތީ އެކަމާ މިހާރު އަހަރެން ދެރައެއް ނުވޭ. މޮޅަށް ކިޔަވައިގެން ހުރުމަކީ އެކަމުން އަހަރެންގެ ދަރީންނަށް ފައިދާ ކުރާނޭ ކަމެއް. އެކުދީންނަށް ތަންދޮރު އޮޅުންފިލުވައި ދެވޭނެ. ޢިލްމުގެ ބޭނުން ހަމައެކަނި ހިފެނީ ވަޒީފާއަކަށް ގޮސް މޭޒުދޮށުގައި އިނދެގެން ނޫން. އަންހެނުން އުނގެނުމަކީ އެކަމުން އެމީހުންގެ ދަރީންނަށް ފައިދާ ކުރާނޭ ކަމެއް. އަހަރެންގެ މަންމަ ހުރީ ކިޔަވައިގެން. އެކަމަކު ދުވަހަކު ވެސް ވަޒީފާއަކަށް ނުދޭ. އަހަންނާއި ތާތިއަށް އެތައް ކަމެއް އެ މަންމަ އުގަންނައިދިން. އަހަރެމެން ދެބެން ބެލުމުގައި މަންމަގެ ހުރިހާ ވަގުތެއް އެ ހޭދަކުރީ ގޭގައި. ދަރީންގެ ގާތުގައި މަންމަ ބަހައްޓާފައި ފައިސާ ހޯދުމުގައި އަވަދިނެތި އުޅުނީ ބައްޕަ. ހެދިކާ ވިއްކުމަކީ ފައިސާއަށް ވުރެ ބޮޑަށް މަންމަ ހިތްހަމަޖައްސަން ފެށި މަސައްކަތެއް. މަންމައާއި އަހަރެމެން ބެލެހެއްޓުމަކީ ބައްޕަގެ ބޮލުގައި އެޅިފައި އޮތް ޒިންމާއެއް. ކީއްވެ އަހަންނަށް ވަކި މަންމަހެން ނޫޅެވޭންވީ. އަހަރެންނަށް ﷲ ދެއްވި ތިން ދަރީން ރަނގަޅު ގޮތުގައި ބޮޑު ކުރެއްވިއްޖެނަމަ އެ ވަޒީފާއަށް ގޮސް ލިބޭ މުސާރައަށް ވުރެ ﷲގެ ހަޟްރަތުން ލިބެންހުރި ހެޔޮކަން މާ މަތިވެރި. އެހެންވީމަ ވަޒީފާގެ ވާހަކަ ބާއްވާ... އަހަންނާއި ދަރީންގެ ކަންކަން ކުރުމަށްޓަކައި ފައިސާ ހޯދުމަށް އަސްލަން ވަޒީފާއަށް ދަމެންނު. ދެމީހުން މަސައްކަތުގެ މައިދާނަށް ނުކުތުން މުހިންމެއް ނޫން. އެހާ ދަތި ހާލުގައެއްނޫން މިއުޅެނީ. އަހަރެންގެ ފިރިމީހާއާއި ދަރީންނާއި މި އާއިލާއަށް ޓަކައި ހުރިހާ ވަގުތެއް ހުސް ކުރެވެން އޮއްވާ އެ ފުރުސަތު ނަގާލަންވީ ކީއްކުރަން." ކޯތާފަތުގައިވީ އަސްލަންގެ އަތުގައި ނޯޔާ އަތްތިލަ ޖައްސާލުމާއެކު ލުއި ހިނިތުންވުމެއް ބަދަލު ކޮށްލި އެވެ.
"މަންމަގެ މަޤާމާ އަޅާކިޔޭނޭ މަޤާމެއް ނުވޭ. ތީ އަހަރެންގެ ނަސީބު. މައިރާ ދޫކޮށްދިޔަ ތިން ދަރީންނަށް ﷲ ލެއްވި އަގު ނުކުރެވޭނޭ ނިޢުމަތެއް. އެހެންވިޔަސް ޔަޝާގެ ވާހަކަތަކުން އަހަރެން ވަރަށް ގިލްޓީވި. އަހަރެންގެ ކުށް ގަބޫ ލުކުރަން. ނޯޔާ އަހަރެމެންނަށްޓަކައި ގުރުބާން ވާއިރު، ނޯޔާއަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލެވޭކަން އިހްސާސް ކުރެވޭ. އެހެންވެ އެކަހަލަ އެއްޗެއް ހިތަށް އެރީ. އަހަންނާ ހެދިއޭ ނޯޔާގެ މުސްތަޤުބަލް ހުއްޓުމަކަށް އައީ. މިނިވަންކަން ގެއްލި، ކުރިއަށްދާންވީ ދާއިރާގެ ފުރުސަތުތައް ބަންދުވީ." އަސްލަންގެ ހިތުގައި ހިނގަމުންދިޔަ ޝުޢޫރުތައް ހާމަކުރި އެވެ.
"އަސްލަން ގިލްޓީވާންޖެހޭ އެއްވެސް ސަބަބެއް ނެތް. މީ އަހަރެންލައްވާ މަންމަމެން ގަދަކަމުން ކުރުވި ކައިވެންޏެއް ނޫނޭ ބުނީމެންނު. އަހަރެންގެ ފިރިމީހާއާއި ކުދީންދެކެ ލޯބިވޭ. މި އުފާވެރިކަމާއި ހަމަޖެހުން ގެއްލޭކަށް ނޭދެން. އަސްލަންގެ ކިބައިގަ ހުރި ކޮންމެ ސިފައެއް އަހަރެން ގަބޫލު ކުރަން. އުނި ސިފައެއް ވިޔަސް، ރަނގަޅު ސިފައަކަށް ވިޔަސް، އަހަރެން ބަލައިގެންފިން. ދުނިޔެ މަތީގާ ފުރިހަމަ އިންސާނަކު ނުފެންނާނެ. އެކަމަކު އަހަރެން ލޮލުން ބަލައިފިނަމަ އަސްލަންގެ ކަމުނުދާ ސިފައެއް ނެތް. ބޭކާރު ފިކުރުތައް ނުކުރޭ. ޔަޝާއަށް އެހެން އެވީ އަސްލަން އުޅުނުލެއް ދުރު ކަމުން. އޭނާ ކަންބޮޑުވީ އަހަންނާ މެދު. އޭނާގެ ހިތް ގޯހީކީ ނޫން. އޭނާއަށް ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ ގާތްކަން އަހަރެމެންގެ ފުށުން ނުފެންނާތީ އެކަހަލަ ވާހަކަތަކެއް އެ ދެއްކީ. އެކަމަކު މިހާރު އެ ދުރުކަން ނެތިއްޖެ. ނޫންތަ؟" ނޯޔާ ބުނެލި އެވެ. އަސްލަން ވަގުތުން ބޯޖަހާލީ އެއްބަސްވަމުންނެވެ. ބެލްކަނީގައި ތިބެފައި ދެމަފިރިން އެކުގައި ގޭތެރެއަށް ވަނެވެ.
"އަސްލަން! އަހަރެން ދައްކަން އުޅުނީ އަރީންގެ ވާހަކަ. މާބަނޑު އަންހެނަކު އެގޮތަށް އެކަނިވާން ދޫކޮށްލުން ރަނގަޅު ކަމަކަށް ނުފެންނާތީ. ކާން ޖެހޭ ވަރަށް އަރީނަށް ނުވެސް ކެވޭ. އޭނާ ވަރަށް ހިތާމަ ކުރޭ." ސޯފާގައި އަސްލަންއާއެކު އިށީންނަމުން ނޯޔާ ވާހަކަ ދެއްކި އެވެ.
"އެއީ އޭނާ އަމިއްލައަށް ބުއިބޮނޑިއެއް."
"އަސްލަން!... ރުޅި ނާދެބަލަ. ދަރިއަކަށް އަންހެނަކު ބަލިވެއެއް ނީންނާނެ ދެ ޖިންސު ޝާމިލު ނުވެ. އަރީނަށް މަގު އޮޅުނީ. އޭނާ ހިތްވަރު ބޭނުންވާނެ. ގާތްމީހުންގެ އަޅާލުމާއި ލޯބި ބޭނުންވާނެ. ރަނގަޅު ގޮތް ވިސްނައިދޭނެ ބަޔަކު ބޭނުންވާނެ. އަދިވެސް އެ އިންނަނީ އެކަނިމާއެކަނި އެ އެޕާޓްމެންޓުގަ. އެހެން އެކަނި އިނދެއިނދެ ބޯގޮވާފާނެ. އަރީން މިބަޔަށް ގެންނަންވީނު... އޭނާ ހަމައަކަށް އެޅެން ދެން. ދަރިފުޅު ވިހާ ގަދަވަންދެން. ކައިރީގަ ހުރީމަ ދޯ ވާނުވާ ބެލޭނީ. އެތަނުގައި އޭނާއަށް ކަމެއްވެފައި އޮތަސް އަހަރެމެން މީހަކަށް އެނގޭނީ ވަގުތުފާއިތުވާ ފަހުން. ކިހިނެއް އިރުއިރުކޮޅާ ހާލުބަލަން ދާނީ. އަހަރެން ވެސް ގޭތެރޭގައި އެއްކަމެއްކޮށްލާފަ އަނެއް ކަމެއްކޮށްލާފަ ދޯ އުޅޭނީ. އަހަރެން ވެސް ހިތްހަމަޖެހޭނެ އެހާލުގައި އަރީން އިންއިރު އަހަރެންނަށް ފެންނަ ހިސާބުގައި އޭނާ އިނީވިއްޔާ." ނޯޔާ ބުންޏެވެ.
"އަރީން ގަބޫލު ވެދާނެތަ؟ ހިޔެއް ނުވޭ." އަސްލަންއަށް ވިސްނާލެވުނެވެ.
"އަހަންނަށްވުރެ އަސްލަން އެވާހަކަ ދެއްކިއްޔާ ރަނގަޅުވާނީ. މަންމައާ ވެސް ވާހަކަ ދައްކަބަލަ. މިތާ ހުންނަން ބޭނުން ނުވާނަމަ މަންމަ ކައިރި އަރީނަށް ހުރެވޭނެއެއްނު. މަށަށް ޔަގީން މަންމަ ގަބޫލުވާނެކަން އެބައިގަ އަރީން ބަހައްޓަން. މިހާރު ރުޅިގަދަވެފައެއް ނުހުރޭ. އަބަދުވެސް ފިކުރަކަށް ގެއްލިފައި ހުންނަނީ. ބަސް މަދުވެފަ... ތީ ބޭބެ. ހިމާޔަތާއި ރައްކާތެރިކަން ދޭން ހުރި މީހާ. ކުށް ހޯދާ، އެކަން ހަނދާން ކޮށްދިނުމުގެ ބަދަލުގައި އޯގާތެރި ކަމާއެކު ހިތްވަރުގެ ބަސްތަކުން އަރީންއާ ވާހަކަ ދައްކަބަލަ. ރަނގަޅު ގޮތް ހިޔާރު ކުރަންވީ ވަގުތު ޖެހިއްޖެކަން ހަނދާން ކޮށްދޭންވީ ލޯތްބާއެކު. ވިސްނައިދޭންވީ އެންމެން އެކުގައި ގުޅިގެން އުޅޭން. މިތަނުގައި ދުރު މީހަކު ނުވޭ. އަސްލަން އެދެފިނަމަ އަރީން ގަބޫލުވެދާނޭ ވަރަށް ހީވޭ." ނޯޔާގެ ހިޔާލު ފާޅުކުރި އެވެ.
"އަހަރެން ހިތަށް އަރާ އަރީން އެންމެންނާ ގުޅިގެން އުޅެދާނެބާއޭ." އަރީންއާ މެދު ހިޔާލު ކުރަމުން އަސްލަން ބުނެލި އެވެ. ނޯޔާ ބުނި ފަދައިން އަރީން އިސްލާހުވެ އާއިލާއާ ގުޅިގެން އުޅޭނެ ނަމައޭ އަސްލަން ވެސް ހިތަށް އަރަ އެވެ. އެހެން އެކަންވާން ނުހަނު ބޭނުމެވެ. އެކަމަކު ކޮއްކޮގެ ހުންނަ ބޮޑާކަމާއި ގޮތްދޫނުކުރާ ސިފައިގެ ސަބަބުން ގޮތެއް ނިންމަން އަސްލަންއަށް އުނދަގޫވަނީ އެވެ. ވުމަށްވުރެ ނުވުން ގާތްކަމެއްހެން ހީވަނީ އެހެންވެއެވެ.
"މިބަޔަށް އަންނަން ހުރިއްޔާ އަސްލަންއަށް އޯކޭތަ؟" ނޯޔާ އަހާލި އެވެ. ބޯ ޖަހާލަމުން އަސްލަން ވާހަކަ ދެއްކި އެވެ.
"ނޯޔާ ހުރި ކޮޓަރި ހުންނާނެއެއްނު." އަސްލަން ބުންޏެވެ.
"ނޫން. އެ ކޮޓަރިއެއް ނޫން... ފާޚާނާއެއް ނެތީމަ އަހަންނަށްވީ އުނދަގޫ އެނގޭ. މާބަނޑު އަންހެނަކަށް އަދި ކިހާ އުނދަގޫ ވާނެ. އަހަރެން ހިޔެއް ނުކުރަން އަސްލަން އަހަރެން ބަހައްޓާނީ އެކަހަލަ ކޮޓަރިގަނޑެއްގަ ކަމަކަށް. ވަރަށް އުނދަގޫވި ބޭރުގަ ހުރި ފާޚާނާ ބޭނުން ކުރަން ޖެހުނީމަ." ނޯޔާ ޝަކުވާގެ ރާގެއްގައި މިހެން ބުނެ އަސްލަންއަށް ބަލާލި އެވެ.
"ސޮރީ... އެކަމަކު ނޯޔާގެ ރީތި އިސްތަށިގަނޑު އަހަންނަށް ފެނުމުގެ ނަސީބު ލިބުނު." އަސްލަން ހީނލި އެވެ. އޭނާގެ ކޮނޑުގައި ނޯޔާ ޖެހިގަންނަމުން ތުންދަމާލި އެވެ. އަސްލަންއާއެކު ކައިވެނީގެ ފުރަތަމަ ދުވަސްތައް ވޭތުވިގޮތް ހަނދާންވުމުން އެ ދެމީހުންނަށް ވެސް ހީނލެވުނެވެ.
* * * * *
ބޭބެގެ ވާހަކަތަކުން އަރީންގެ ދެ ލޯ ކަރުނުން ފުރުނެވެ. ނަހާލަލަށް ބަލިވެ އިނުމުން އާއިލާއިން ބާކީވާނޭ ކަމަށް އަރީން ހުރީ ޔަގީން ކޮށްގެންނެވެ. އެންމެން ވެސް އޭނާދެކެ ފޫހިވާނެކަން އެނގޭތީ އެވެ. ކުރެވުނީ ކުޑަ ކުށެއް ނޫންކަން ވިސްނޭތީ އެވެ. އިސްލާހުގެ މަގަށް އަންނާނީ ކިހިނެއްކަން ނޭނގިފައި ހުރެވުނީ އެވެ. ފުރިހަމަ ތަޢުބާއަކީ ކޮބާކަން ނުވިސްނިފަ އެވެ. ފާފައިގެ ބޮޑުކަން އިހްސާސްވެ މަޢާފު ލިބުމެއްނުވެތޭ ހީވެފައި ހުރެވެނީ އެވެ. ތަޢުބާގެ ދޮރު ހުޅުވައި އެ އޮޅިން ގިރާކުރާނޭ ހިތްވަރަކަށް މިއަދު އޭނާ ނުހަނު ބޭނުންވެފައެވެ. ހެޔޮކަމުގެ ތިލަފަތް ބަރުކުރުމުގައި އޭނާއަށް އެހީވާނޭ މަދަދުގާރަކު ލިބުމަށް ހިތް އެދެއެވެ. އޭނާއަކީ އަޅުވެރި އަންހެނެއްނޫނެވެ. ދީނުގެ ގިނަ ކަންކަން ހަނދާނުން ފުހެވިފައިވެއެވެ. މުސްލިމަކަށްވެ ހުރެ އޭނާ އުޅެމުން އައީ ކާފަރުންގެ ދިރިއުޅުމެވެ.
"ބަނޑުގައި ތިވަނީ އަރީނާ ހަވާލުވެފައިވާ އަމާނާތެއް. ނޯޔާ އިނީ ވަރަށް ކަންބޮޑުވެފައި. އަހަރެމެން އެކަކަށްވުރެ ވެސް އޭނާ އަރީނާއި ބަނޑުގައި ތިވާ ދަރިފުޅާމެދު ވިސްނާ. މިދެއްކި ހުރިހާ ވާހަކައެއް ދޮންބެއާ ދެއްކީ ނޯޔާ. އަރީނަށް ވިސްނައިދީ ނަސޭހަތް ދޭން ބުނީ. އަހަރެން ވެސް ބޭނުމީ އެގޮތް. އަހަރެމެންގެ ކައިރީ އަރީން ހުރުން. ނޯޔާއާއި ކުދީންނާއެކު އުޅެން ފެށުމުން ބޭކާރު ފިކުރުތަކާ ދުރުވެދާނެ. އަރީން އަންނާނަންތަ؟"
"އެބުރަ އުފުލަންވީ ކީއްވެ؟ މިތަން އަހަންނަށް ފުދޭ. މީ އަހަރެން އަމިއްލަ ލިބިގަތް ކަމެއް." ރޮވުނީތީ ދެ ލޯ ފުހެމުން އަރީން ބުންޏެވެ.
"ކުށެއް ނުކުރެވޭ ކަމަށް ނުވާނެ. އެހެންވިޔަސް އަރީން ނޫނީ އަންހެން ކޮއްކޮއަކު ނެތް. އޭނާގެ ބަލަދު އަރާނީ އަހަންނަށް. އޭނާ އިނީ ކޮންމެ ހާލެއްގައި ވިޔަސް އެކަނިވާން ދޫކޮށްލާނީ ކިހިނެއް؟. އަދި އަހަންނަށް ބުރަކަށްވާނެތަ؟ އަހަރެން ވެސް ހިތްހަމަޖެހޭނެ އަހަންނަށް ފެންނަ ހިސާބުގައި އަރީން އިނީމަ. ނޫނީ މައްސަލައަކީ ނޯޔާތަ؟" އަސްލަން އަހާލި އެވެ. އަރީން ޖަވާބެއްގެ ގޮތުން ދެފަރާތަށް ބޯހޫރާލީ އެވެ.
"ނޯޔާ ބުނިތަ އަހަރެން ގެންނަން." އަރީން އަހާލި އެވެ. ހީވީ އަދިވެސް އަރީނަށް ގަބޫލު ނުކުރެވެނީހެނެވެ. އެހިނދު އަރީންގެ އަތްތިލަގައި އަސްލަން ދެއަތުން ހިފާލި އެވެ. އާނއެކޭ ބުނުމަށް ބޯ ޖަހަމުން އޭނާ ވާހަކަ ދެއްކި އެވެ. އެ ދެމަފިރިންނާއެކު އުޅޭން އަންނަން އަރީންގެ ގާތުގައި ބުންޏެވެ. ނުކެރިފައި އިނދެވެސް އަރީން ބޯ ޖަހާލީ އެވެ. ހަގީގަތަކީ އޭނާ ވަރަށް އެކަނިވެރި ވެއްޖެ ކަމެވެ. އެ އެޕާޓްމެންޓުގައި ކުރީންވީ ދިރިއުން ނެތި ފަޅުތަނަކަށް ވެއްޖެކަމެވެ. އެކަނި އިންނަންވުމުން ހިތާމަތައް ބޮޑުވެއްޖެ އެވެ.
* * * * *
ދުނީގެ ދައުރުވުން މަޑުޖެހުމެއްނެތި ވެއެވެ. ވަގުތު ހިނގަމުން ދެއެވެ. އެ ވަގުތާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ދިރިއުޅުމުގެ ހާލަތު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ވެސް ބަދަލުވެދާނެއެވެ. އެއްބަޔަކަށް ވިރާނާކަމާއި ފުންހިތާމައާ ކުރިމަތިލާން ޖެހިދެއެވެ. އަނެއްބަޔަކު ވަށާލަނީ އާބާދުކަމާއި އުފާވެރި ކަމުންނެވެ. މިއީ ދުނީޔޭގެ އާދައެވެ. ސާލިހު އަޅުންގެ ދިރިއުޅުން އިމްތިހާނުތަކުން ފުރިފައި ވެއެވެ.
ނޯޔާގެ އުޅުން ފެނި އަރީން އަޖައިބުވެފައި ވިއެވެ. އުމުރުގެ ގޮތުން ބަލާނަމަ އޭނާގެ ކޮއްކޮއަކަށް ނޫނީ ނޯޔާ ނުވާނެ އެވެ. އެ ކޮއްކޮއަށް ނަމޫނާ ދައްކަން ޖެހޭނެ މީހަކަށް ވާނީ އޭނާ އެވެ. އެކަމަކު ކުރިމަތިން ފެންނަނީ އެ ހަގީގަތެއް ނޫނެވެ. މިއަދު ޚުދު އޭނާއަށް ނަމޫނާ ދައްކާ އަންހެނެއް ކަމުގައި ނޯޔާ ވެއެވެ. އެކުވެރިކަން ބަދަހި ކުރުމުގެ ޝައުގު އަރީންގެ ހިތުގައި އުފަންކުރުވީ ނޯޔާގެ ހިތްހެޔޮ މިޒާޖާއި އޯގާތެރިކަމެވެ. އޭނާ ނޯޔާއާ މެދު ދުށް ގޮތާއި ހީކުރި ހީކުރުންތައް ހަނދާންވާ ކޮންމެ ފަހަރަކު ހިތަށް އުނދަގޫވެއެވެ. ލަދުގަނެ އިސްޖަހާލެ ވެއެވެ. ނޯޔާގެ ހެދުން އެޅުމާއި އޭނާގެ އުޅުމާމެދު އެކުވެރިންގެ ކައިރީ ދެއްކިފައި ހުރީ ކިހާ ވިޔާނުދާ ވާހަކަތަކެއް ހެއްޔެވެ. އަންހެނާ އުޅޭންވީ ގޮތަށް އެ އުޅެނީ ނޯޔާކަން މިއަދު އަރީންގެ ސިކުނޑިއަށް ވިސްނެއެވެ. އެ ރީތިކަމާއި އަހްލާގު ލިބިގަތުމަށް ހިތް އެދެން ފަށައިފިއެވެ. ލޯކުރިމަތިން އަބަދު ހެޔޮ ޢަމަލުތައް ފެންނަނަމަ އެކަމަށް ލޯބިޖެހޭނެއެވެ.
އަރީންގެ ހިޔާލުތައް ހާވިޔާ ކުރުވީ ދޮރުގައި ތަޅައިގެން އަޑެވެ. ޔަގީނުން ވެސް އެއީ މަލްސާކަން އަރީނަށް އެނގުނެވެ. ހިނިތުންވެ ހުރެ ދޮރުހުޅުވާލި އެވެ. އެކުއްޖާ ފޮނުވީ ނޯޔާ އެވެ. ބަންގި ގޮވީމަ އެވެ. އެންމެން ނަމާދަށް އަރަންވީކަން ބުނުމަށެވެ. ލޯބިން މަލްސާގެ ބޮލުގައި އަރީން ފިރުމާލި އެވެ. ނުކުންނަނީކަން ބުނެ އެކުއްޖާ ފޮނުވާލި އެވެ. ލޮލުން އެހިނދު ކަރުނަ ނިރާލި އެވެ. އަސްލަންގެ ކުދީންނާމެދު އޭނާ ހިތީ ކޮންފަދަ އިހާނެތިކޮށް ހެއްޔެވެ. އެކުދީން ތިބީ ކައިގެންތޯ ވެސް އޭނާ ބަލާލާފައެއް ނުވެއެވެ. އެކަމަކު މިއަދު އަސްލަންއާއި ނޯޔާގެ އޯގާތެރިކަން އެކުދީންގެ ހިތްތައް އޭނާގެ މައްޗަށް ސާފު ކުރުވައިފި އެވެ.
"ބޮޑުދޮންތި މުސައްލަ މައްޗަށް ނާރާނެ... އެކުއްޖެގެ މުސައްލަމަތީ ހުންނާނީ." މަލްސާގެ އަތަށް ދަމާލަމުން އެކުއްޖާ ހުންނަންވީ ތަން ނޯޔާ ބުނެދިނެވެ. މަލްސާއަށް ވެގެން އުޅޭ ގޮތަކީ އަރީންގެ މުސައްލަ މާ ރީތިވީ އެވެ. އޭނާގެ މުސައްލައަށްވުރެ ބޮޑުވެފައި ނޫކުލައިގަ އޮތީމައެވެ.
އަސުރު ނަމާދުން ފޭބި ގޮތަށް އަރީން ކޮޓަރިއަކު ނީނެވެ. ނޯޔާއާއި ކުދީންނާއެކު އޭނާ ނުކުމެ އުޅުނެވެ. ބަދިގޭގައި ނޯޔާ ހުރިއިރު އޭނާ ގާތަށް އައީ އެހީތެރިކަމެއް ފޯރު ކޮށްދޭށެވެ. އިސްނަގަން ބޭނުން ވެގެންނެވެ.
"ގުޅުނުތަ؟" އަރީން އައިސް ކައިރީގަ މަޑުކޮށްލުމުން ނޯޔާ އަހާލި އެވެ. އަރީން ބޯ ޖަހާލީ އެވެ.
"މިހާރު އަންނަން އުޅޭނެ. އަސުރުގެ ފަހުން ގޮވައިގެން އަންނާނަމޭ ބުނީ." އަރީން ވާހަކަ ދެއްކި އެވެ. އޭނާ އެ ދައްކަނީ ދެ ދަރީންގެ ވާހަކައެކެވެ.
ފަވާދަށް ގުޅި ދުވަހަކީ އޭނާ އަސްލަންމެން ބަޔަށް ބަދަލުވިތާ ހަފްތާއެއްވީ ދުވަހެވެ. ހީކުރެވުނީ ފަވާދު ފޯނުކޯލަށް ޖަވާބެއް ނުދޭނެ ކަމަށެވެ. ނަމަވެސް ގުޅިތާ މަދު ސުކުންތުކޮޅެއްގެ ތެރޭ ފަވާދުގެ އަޑު އަރީނަށް އިވުނެވެ. ހާލު އަހާލުމުން ވަކި ޖަވާބެއް ފަވާދު ނުދިނެވެ. އޭނާ ވާހަކަދެއްކީ ކުދީންގެ ހާލު އޮޅުންފިލުވުމަށް އަރީން ސުވާލު ކުރީމަ އެވެ. އެ ދެމެދުގައި ދެކެވުނީ ހަމައެކަނި ދަރީންގެ ވާހަކަ އެކަންޏެވެ. އެވަރަށް ވެސް ފަވާދުގެ އަޑު އިވުމުން އަރީން ޝުކުރުވެރިވި އެވެ. ކުދީންނާ ފޯނުން ވީޑިއޯ ކޯލް ކުރީ ފަވާދު ބުނި ދުވަހު، އޭނާ ބުނި ގަޑީގައެވެ. އެ ދުވަހު އަރީނަށް ވަރަށް ރޮވުނެވެ. ކުދީންގެ މަތިން ހަނދާންވާކަން ބުންޏެވެ. ނަމަވެސް ހަގީގަތެއް ނުބުނެވުނެވެ. ފަވާދު ވެސް އެކުދީން ކައިރީ ދެމަފިރިން ވަރިވެއްޖެކަން ބުނެފައި ނުވާތީ އެވެ. އަރީން ބަހަނާއަކަށް ދެއްކީ ވަރަށް ބޮޑަށް ބަލިވެއްޖެ ކަމެވެ. ބައްޕައާއެކު ދުވަސްކޮޅަކު މަޑުކޮށްލުމަށް އެދި ދަރީންނަށް ވިސްނައި ދިނެވެ. އެއްކޮށް މަންމަ ކައިރިއަށް ނާދެވުނަސް މަންމަ ދުށުމަށް އައުމުގެ ހުއްދަ ބައްޕަ ގާތުން ހޯދުމަށް އަރީން އެދުނެވެ. ފަވާދުގެ އަތުން ދަރީން އަތުލަން އުޅެނީއޭ ހީވާން އޭނާ ނޭދޭތީ އެވެ.
"ނޯޔާ..." އަރީން ގޮވާލި އެވެ. ނޯޔާ ހޫން ލައްވާލީ އަވަނުގައި އޮތް ބޯކިބާ ފިހެވިއްޖެތޯ ބަލަމުންނެވެ. ދެން އޭނާ ހިންދެމިލައި އަރީނަށް ބަލާލިއެވެ.
"އަހަރެން ބުރުގާ އަޅަން ބޭނުން. ނޯޔާ ތިހުންނަ ގޮތަށް. ދެން އަދި... އަހަންނަށް... އަހަންނަށް ސުންނަތް ނަމާދުތައް ކުރާނޭ ގޮތް ދަސްކޮށްދީފާނަންތަ." އުމުރުން ތިރީސް އަހަރުވެގެން ދިޔައިރު ވެސް އަރީންނަށް ނަމާދުގެ ކަންކަން ނޭނގެއޭ ބުނަންވީމަ ހުރެވުނީ ލަދުގެންފަ އެވެ.
"އަލްހަމްދުއްލިﷲ! ލަސް ނުކޮށް އަވަހާ ތިކަމާ އުޅެންވީ. ދެން ނަމާދު ދޯ. އަހަންނާއެކު ކުރަންވީނު. އެންމެ އަވަހަށް ދަސްވެ އާދަވާނީ އެގޮތަށް. ނަމާދުގެ ވަގުތާއި ރަކުއަތުގެ އަދަދު ކިޔައި ދޭނަން. އަހަންނަށް އެނގިފައި ހުރި މިންވަރުން ބުނެދޭނަން. ބައެއް ފޮތް ވެސް ހުންނާނެ. ކިޔަން ރަނގަޅު ދުޢާތައް އެ ފޮތްތަކުގައި ހުންނާނެ. އަހަރެން ގެނެސްދޭނަން." ފުޅާ ހިނިތުންވުމާއެކު ނޯޔާ ވާހަކަ ދެއްކި އެވެ. ނުހުރެވިގެން ކަހަލަ ގޮތަކަށް އަރީންގެ ގައިގާ އޭނާ ބައްދާލި އެވެ. އެހިނދު އަރީންގެ ތުންފަތަށް ވެސް ފަނޑު ހިނިތުންވުމެއް ވެރިވި އެވެ.
"ފަވާދު ދުށުމަށް އެދުނީ މިފަދަ ރީތިކަމެއް. ފުރިހަމަ އަހުލާގެއް. އެކަމަކު މިއަދު އަހަރެން އެދެނީ ﷲ ގެ ރުއްސެވުން. އެކަލާނގެ މަގުގައި ސާބިތުވުން. ދެން ނުބައިކަމެއް ނުކުރާނެކަމުގެ ޔަގީންކަން މަންމައަށް ދިނުން. ގެއްލުނު އިތުބާރު ހޯދުން." އަރީންގެ ހިތުގައި ސާބިތުކަން އިތުރުވިއެވެ.
"ކުދީން އަންނަންވާއިރަށް ތައްޔާރު ނުވަންތަ؟" އަރީނާ ދުރަށް ޖެހިލުމާއެކު ނޯޔާ ބުންޏެވެ.
"މިގޮތް ރަނގަޅު. ތިރިއަކަށް ނުދާނަން. އެމީހުން އަމިއްލައަށް އަރާނެ މައްޗަށް." އަރީން ބުންޏެވެ. އޭނާ ކުދީން ބަލައި ތިރިއަށް ނުފައިބަނީ ފަވާދުއާ ކުރިމަތިލާނޭ ހިތްވަރު ނެތީމަ އެވެ. އެހެންވިޔަސް އެ ހިތް ފަވާދު ދުށުމަށް އެދިއެދި ވެއެވެ.
"އެހެން ނުހަދާ... އާދޭ އަހަންނާއެކު. މިއަދު އެކުދީން ބަލާ ފައިބަން ވާނެ." އަރީންގެ އަތުގައި ހިފާލަމުން ނޯޔާ ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާއަށެވެ. (ނުނިމޭ)