ވާހަކަ

ހީނލާގޮތުން

(8 ޖޫން 2021 އާ ގުޅޭ)

"އެހެން ނުހަދާ... އާދޭ އަހަންނާއެކު. މިއަދު އެކުދީން ބަލާ ފައިބަން ވާނެ." އަރީންގެ އަތުގައި ހިފާލަމުން ނޯޔާ ހިނގައިގަތެވެ. އޭނާގެ މިސްރާބު ހުރީ ކޮޓަރިއާ ދިމާއަށެވެ.

ނޯޔާގެ ސިކުނޑީގައި ވަނީ ކީކޭކަން އަރީނަށް ޔަގީނެއް ނުވިއެވެ. އޭނާ ބޭނުން ވަނީ އަރީނާއި ފަވާދު ބައްދަލުވާން ހެއްޔެވެ. ނޫނީ ކުދީންނަށް ޓަކައި މަންމަ އިންތިޒާރުގައި ހުރިކަން ބުނެދޭން ހެއްޔެވެ. އޭނާ ހިޔާލު އެ ކުރަނީ އެ ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތެއްކަން އަރީނަށް ގަބޫލު ކުރެވެއެވެ. ނަމަވެސް އަރީނު އެންމެ ޖެހިލުން ވަނީ ފާވާދާ ބައްދަލުވެދާނޭތީ އެވެ.

* * * * *

ރޯޝަނީވިލާގޭ ދޮރުމައްޗަށް މަޑުކުރި ޓެކްސީގެ ކުރީ ސީޓުގައި އިން ފަވާދު ފޭބި އެވެ. ފަހަތުގައި ތިބި އޭނާގެ ދެ ދަރީން ފައިބައިގެން އައިސް ދޮރޯށި ކައިރީ މަޑުކުރި އެވެ. ދޮރޯށި ހުޅުވީ ފަވާދެވެ. ކުދީން އެތެރެއަށް ވަނުމުން ފަވާދު ވެސް ހުރީ ދޮރޯށިން އެތެރެއަށް ހިސާބަކަށް ވަދެ އެވެ. އެހިސާބަށް ކުދީން ބަލާ އަރީން ނުފައިބަނީ އޭނާއާ ބައްދަލުވާން ނޭދޭތީއޭ ފަވާދުގެ ހިތުގައި އޮވެއެވެ.

"ޑެޑީ. މަންމައަށް ގުޅައިފިންތަ؟." އެތެރެއަށް ވަދެގެން ދިއުމުގެ ކުރީން ރީވާ ބުނެލި އެވެ.

ފަވާދު ޖިންސުގެ ޖީބުން ފޯނު ނެގި އެވެ. އަރީނަށް ގުޅިއެވެ. ކުދީން ގޮވައިގެން އައިސް ހުރިކަން އޭނާ ބުންޏެވެ. އެހެން ބުނެވުމާއެކު ކޯލު ދެން ކަނޑާލީ އެވެ. ބައްޕަގެ ފޯނުކޯލު އަޑުއަހަން ތިބި ދެ ކުދީން ހިނގައިގަތީ ދެނެވެ. އެ ދެބެން ލޯ މައްޗަށް އޮބައިލަން ދެން ފަވާދު ބަލަން ހުއްޓެވެ. ދޮރޯށި ކައިރީ ހުންނަ މީހަކަށް އެގޭ ލިފްޓެއް ނުފެންނާނެ އެވެ. ނަމަވެސް އެތެރެއަށް ވަދެގެން ދިޔަ ދެބެންގެ އަޑު ފަވާދަށް އިވުނެވެ. އެތެރޭގައި އަރީނު ހުރިކަން އެނގުނީ އެހެން ވެއެވެ. ނޭނގޭ ބާރުމިނެއްގައި އޭނާގެ ހިތް ތެޅެން ފެށިއެވެ. ދޮރޯށީގެ ތަޅުގައި ހިފާލައިގެން ދެ ހިޔާލެއްގައި އޭނާއަށް ހުރެވުނީ އެވެ. ނަމަވެސް އެތެރެއަށް ފަވާދު ފިޔަވަޅު އަޅާލީ ބޭއިހްތިޔާރުގައި ކަހަލައެވެ. އަރީން ދުށުމަށް އެހިތް އެދޭ އެދުމަށް ފުރަގަސްދޭނޭ ހިތްވަރު ނެތުނީ އެވެ. ކުރިއަށް ޖެހިލައިފިނަމަ ފެންނަ ހިސާބުގައި އަރީން އެބަހުރިކަން އެނގުނީމައެވެ.

"ނޯޔާ..." ލެއްޕުނު ލިފްޓުން އެތެރޭގައި ހުރި މީހަކީ ކާކުކަން ސާފެއް ނުވި އެވެ. ނަމަވެސް ބުރުގާ އަޅާފައި ހުރި ގޮތާއި ލާފައި ހުރި ހެދުމުން އެއީ ނޯޔާއޭ ފަވާދުގެ ހިތަށް ވަގުތުން އެރީ އެވެ. އެނބުރި އެގެއިން އޭނާ ނުކުންނަން ހިނގައިގަތެވެ. ދާދި ދެންމެއަކު އޭނާގެ އަމަލުތައް ހުރި ގޮތާމެދު ވިސްނާލެވުނެވެ. ކުރެވުނީ ހާދަ މޮޔަ ކަމެކޭ ފަވާދުގެ ހިތަށް އެރިއެވެ. އެގެއިން ނުކުތުމަށް ފަހު އޭނާ ކުދީން ގޮވައިގެން ނޫން ގޮތަކަށް އެހިސާބަށް ނާރައެވެ. ކުދީން ގޮވައިގެން އަޔަސް މިނޫނީ އޭނާ އެގޭތެރެއަށް ވަދެފައެއް ނުވެއެވެ. އަމިއްލަ ހިތާމެދު އޭނާ އަޖައިބުވާހާ ވެއެވެ. އެހެންވިޔަސް އަރީނާ ދެމެދުގައި އޮތް ގުޅުން ކެނޑިއްޖެކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ.

* * * * *

"މަންމަ ވަރަށް ލޯބި. މި ހެދުން ވެސް ހާދަ ރީއްޗޭ." ލިފްޓު ތެރޭގައި އަރީނަށް ބަލަން ހުރެ ފަލަކް ބުންޏެވެ. ދެބެންނަށް މަންމަ ފެނުނުއިރު ބުރުގާ އަޅާފައި ހުރުމުން ލިބުނީ ހައިރާން ކަމެވެ. އެހެންނަމަވެސް އެކުދީންނަށް އަރީން ބުރުގާ އެޅުމުން ރީތި ވިއެވެ. އަރީންއާ އެ ސިފަ މާގުޅޭކަން އެކުދީންގެ ވާހަކަތަކުން އެނގުނެވެ.

"ދެން އެއްކޮށް ބުރުގާ އަޅާފަތަ މަންމަ ހުންނާނީ." ރީވާ އަހާލި އެވެ.

"އަންހެންކުދީން ތިބެންވާނީ މިހެން. މަންމައަށް ވިސްނުނީ އަދި ކިރިޔާ. ކުރިން އުޅެވުނީ ރަނގަޅަކަށް ނޫން. މަންމަ ހާދަ އުފާވޭ ފަލަކްއާއި ރީވާ ނަމާދު ކުރާކަން އެނގުނީމަ. ހުރިހާ ކަމެއްގައި މޮޅުވާނީ ނަމާދުކޮށް ޤުރުއާން ކިޔަވާ އުޅޭ ކުދީން. ރީވާގެ ހަނދާން ވެސް މިހާރު ގަދައެއްނު. ޑެޑީ ބުނި މިހާރު ވަރަށް އަވަހަށް ފިލާވަޅު ދަސް ކުރެޔޭ." ދެ ދަރީން ގެނެސް ދެފަރާތުން ގާތްކޮށްލައިގެން ހުރެ އަރީން ވާހަކަދެއްކިއެވެ.

"މަންމަ ބުނެބާ ޑެޑީ ކައިރީ މިގެއަށް ބަދަލުވާން. އޭރުން ވެސް ނަމާދުކޮށް ޤުރުއާން ކިޔަވާ ހަދާނަން. ވަރަށް ބަސް އަހައިގެން އުޅޭނީ." ފަލަކްގެ އަޑުގައިވި އާދޭސް އަރީން ހިމޭން ކުރުވިއެވެ. ލިފްޓުގެ ދޮރު ހުޅުވުނީ އެވަގުތެވެ. އަރީން އަނގައިން ނުބުނުމުން މަންމާއޭ ކިޔާ ފަލަކު ގޮވާލި އެވެ. ކޮންމެވެސް ޖަވާބެއް އަރީންގެ ފަރާތުން އެކުއްޖާ ބޭނުންވެފައި ހުރިކަން ޔަގީނެވެ.

"ޑެޑީއާ މަންމަ ވާހަކަ ދައްކާނަން." ފަވާދު އެފަދަ އަޑެއް އަހަން ބޭނުން ނުވާނޭކަން އެނގުނަސް ދަރީންގެ ހިތްމަރާލަން އަރީނަށް ނުކެރުނީއެވެ.

"މަންމައަށް ބޭބީއެއް ލިބެން އުޅޭއިރު ޑެޑީއާ ހުރިހާ ކުދީން އުޅޭން ޖެހޭނީ އެކީގައެއްނު. ޑެޑީ އެހުންނަނީ މަންމައަށް ބޭބީ ލިބުނީމަ އަންނަންތަ؟" ފަލަކް އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

"މަންމަ ވާހަކަ ދައްކާނަމޭ ޑެޑީއާ." ހިތަށް އުނދަގޫވެފައި ހުރެ ވެސް އަރީން ހިނިތުންވެލިއެވެ.

ދެ ދަރީން ގޮވައިގެން އައިސް އަސްލަންއާއި ނޯޔާ ދިރިއުޅޭ އެޕާޓްމެންޓަށް އަރީން ވަނެވެ. ސާރާއާއި މަލްސާ ތިބީ އެ ކުދީންގެ އިންތިޒާރުގަ އެވެ. ހުރިހާ ދަރީން އެއްތަންވުމުން އަރީން ކައިރީ ދެއްކި ވާހަކަތައް އޭގެ ދެބެން ހަނދާން ނެތުނު ކަހަލައެވެ. ކުދީންގެ މެދުގައި އޮލަވާހަކަ ފެށުނީއެވެ. ކުޅިވަރުގެ މަޝްވަރާތައް ކުރިއަށް ދިޔައެވެ. އެ މަންޒަރު ބަލަން އަރީނަށް މަޑުކޮށްލެވުނެވެ. އޭނާ މީހުންނާ އެކުނުވާއިރު އެކުދީންގެ އުޅުން ވެސް ހުރީ އެފަދައިންކަން އަރީން ހިތަށް އެރިއެވެ. މައިމީހާއަކީ ދަރީންގެ ނަމޫނާކަން މިއަދު އަރީނަށް ވިސްނިއްޖެއެވެ. އެކުދީންގެ މެދުގައި އޮތް އެކުވެރިކަމަކީ ކިހާ ހިތްހަމަޖެހޭ މަންޒަރެއް ހެއްޔެވެ. އަރީންގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އެހެން ހުއްޓާ ނޯޔާ ގޮވާލުމުން އެ ދިމާއަށް އަރީން އައެވެ.

"ފަވާދު ދުށީންތަ؟" ނޯޔާ އަހާލި އެވެ. އަރީން ބަހެއް ބުނުމުގެ ބަދަލުގައި ދެފަރާތަށް ބޯ ހޫރާލީ އެވެ.

"އަހަރެމެން ދެމީހުން އެކީގަ ނޫޅޭތީ ފަލަކްއާއި ރީވާގެ ސުވާލުތައް ވަރަށް ގިނަވެއްޖެ. އެމީހުން އެތިބީ ކަންކަން އެނގޭވަރުވެފަ. ހިތަށް މިއަރަނީ ބުނަންވީއޭ ތެދަށް. އަނދިރި ކަމެއްގައި އެކުދީން ބޭތިއްބުން ރަނގަޅު ކަމެއްހެން ހީނުވަނީ. ކޮންމެ ފަހަރަކު މިޖެހެނީ ދޮގެއް ހަދަން. އެމީހުން ހީކުރަނީ ބަނޑުގައި މިއޮތް ބޭބީއަކީ އެމީހުންގެ ބައްޕަގެ ކުއްޖެއް ކަމަށް. ފަވާދުގެ ކަންފަތަށް އެ އަޑު އިވިއްޖެނަމަ ވާނީ ކިހިނެއް. ހިތަށް އަރާނެ އަހަރެން އެކުދީން ކައިރީ އެގޮތަށް ވާހަކަ ދައްކަނީއޭ." އަރީން މަޑުމަޑުން ބުނެލިއެވެ. ނޯޔާގެ ނަޒަރު އަރީނުން ސިޓިންރޫމު ތެރޭ އުޅުނު ފަލަކްއާއި ރީވާއަށް ދަތުރުކޮށްލިއެވެ.

"އަހަންނަށް ތިކަމުގައި ހިޔާލެއް ދޭން ދަތި. އަހަރެމެން ބުނާއެއްޗެއް ގަބޫލު ކޮށްގެން ތިބޭ ވަރަށް ވުރެ ބޮޑެތިވެފަ އެތިބީ. ފެންނަ ކަންކަމާ ސުވާލު ކުރާނެ. ޖަވާބު ދޭން ދަތިވާފަދަ ސުވާލުތައް ވެސް ކުރިމަތިވާނެ. އެކުދީންނަށް ނުބައި ނަސޭހަތް އަރީން ނުދޭނެ. އެހެންވިޔަސް ބުނަން، ފަވާދުއާ އަރީން ވާހަކަ ދައްކަންވީ. ތި ދެމަފިރިން ވެގެން ގޮތެއް ނިންމުން އެއީ އެންމެ ރަނގަޅުގޮތް. އަރީންގެ ތި ހިޔާލު ފަވާދާ ހިއްސާ ކުރޭ. ކުދީން ދައްކާ ވާހަކަތައް ކިޔާދީ. އެއީ ދަރީންގެ ބައްޕަ. އޭނާގެ ކުރިމައްޗަށް ނާރާ އުޅުން ފަސޭހަކަމަކަށްނުވާނެ. ދަރީންނަށް ޓަކައި ވިޔަސް ދެމެދުގައި އޮތް ގުޅުން ރަނގަޅުވާންޖެހޭ. ދެމަފިރިކަމުގެ ގުޅުން ކެނޑިފައި ވިޔަސް ތި ދެމީހުންނަކީ މަންމައަކާއި ބައްޕައެއް. ދަރީން ތިބިހާ ދުވަހަކު އެގުޅުން ނެތިގެންނެއް ނުދާނެ." ނޯޔާ ބުންޏެވެ.

"އަހަރެންގެ ސޫރައަށް ފަވާދު ނަފުރަތު ކުރާނެ. ދަރީންގެ ސަބަބުން އަހަރެންނާ ގުޅުން ބަދަހި ކުރުން އޭނާއަށް ތަކުލީފަކަށް ނޫނީ ނުވާނެ. ކިހިނެއް އޭނާގެ ކުރިމަތީ އަހަރެން ހުންނާނީ. އޭނާއާ މެދު ކަންތައް ކުރެވުނު ގޮތާމެދު އަހަރެން ވަރަށް ދެރަވޭ. އޭނާއަކީ ރަނގަޅު މީހެއް. ތެދުވެރި އޯގާތެރި ފިރިއެއް. އޭނާއާ ކުރިމަތިލާނޭ ހިތްވަރާއި ކެތްތެރިކަން އަހަންނަށް ދެއްވާންދޭވެ." އަރީންގެ ހިތުގައި ވިއެވެ. އޭނާއަށް ނޯޔާ ދިން ހިޔާލު ބަލައިގަތެވެ. ހަމައެއާއެކު ފަވާދަށް ނޭނގި ނިންމުމެއް ނިންމަން އަރީން ފަސްޖެހެއެވެ. އިތުރަށް އޭނާދެކެ ފަވާދު ފޫހިވެ ރުޅި އަންނާނޭ ފުރުސަތެއް ދޭން އެއްގޮތަކަށް ވެސް ނޭދެއެވެ.

އަރީންގެ ދެ ކުދީން ގެއަށް އައީތީ ހަވީރު ސައި އޮތީ ޓެރެސްގައެވެ. އާއިލާގެ ހުރިހާ މެންބަރުން ޓެރެސްއަށް ޖަމާވިއެވެ. ނޯޔާ ނޫން އެންމެންގެ މޫނުތަކުގައި ވަނީ ހައިރާން ކަމެވެ. ހަމައެއާއެކު އުފާވެރިކަމެވެ. ސަބީނާ އައިސް ދަރިފުޅުގެ އަތުގައި ހިފާލިއެވެ. ފަރުވާތެރިކަމާއެކު އެ މޫނަށް ސަބީނާ ބަލާލި އެވެ. ބުރުގާ ރީތިކޮށްލަ ދެމުން އޭނާ ވާހަކަދެއްކިއެވެ.

"ތީއޭ ހުންނަންވީ ގޮތަކީ. މިހާރު ކިހާ ރީތި." ސަބީނާ ބުންޏެވެ.

"އެއީ ނޯޔާ ރީތި ވެގެން ގަތް ޝޯލްއެއް ނޫންތަ؟" ނޯޔާގެ ކަންފަތް ދޮށުގައި ސިއްރުން އަސްލަން ވާހަކަ ދެއްކި އެވެ.

"އަރީން ބުރުގާ އަޅަން ބޭނުމޭ ބުނީމަ ވަގުތުން އެކަންކޮށް ދޭން ބޭނުންވީ. އެވަގުތު އެ ޝޯލް މަތިން ހަނދާންވީ. ދޭހިތްވީ..." ނޯޔާ ވެސް ބުނެލީ ސިއްރުންނެވެ. އަލަށް ބުރުގާ އަޅާ މީހެއްގެ އަތުގައި އެކަށީގެންވާ ހެދުންތަކެއް ނުހުންނާނެކަން ނޯޔާއަށް ވިސްނެ އެވެ. އެހެންވެ އޭނާ ގަސްދު ކޮށްގެން ހުރީ މިވަގުތައް އަރީނަށް ހަތަރު ވަރަކަށް ހެދުމާއި އެއާ ގުޅޭނެ ބުރުގާ ހަދިޔާ ކުރާށެވެ. އެކަމުގައި އާއިލާގެ ހުރިހާ މެންބަރުން ބައިވެރި ކުރުމުގެ ވިސްނުން އޭނާ ގެންގުޅެއެވެ. އާއިލާގެ ކޮންމެ މެންބަރަކު އޭނާއަށް ހެދުމެއް ހަދިޔާ ކޮށްފިނަމަ އެވާނީ އަރީނަށް ވަރަށް ބޮޑު ހިތްވަރަކަށެވެ.

އެންމެންގެ ފަރާތުން ހެޔޮ ބަހެއް ނޫނީ އަރީނަށް ނީވެއެވެ. އެހެންނަމަވެސް އޭނާއަށް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބެއެވެ. ކުރެވުނު ފާފައިން ނުކުމެވިއްޖެކަމުގެ އިހްސާސެއް ނުކުރެވެއެވެ. ބަނޑުގައިވާ ދަރިފުޅާ މެދު އިންތިހާއަށް އޭނާ ކަންބޮޑުވެއެވެ. އެކުއްޖާ ދުނިޔެއަށް އުފަންވުމާއެކު ދިރިއުޅުމަށް އަންނާނޭ ބަދަލުތަކާމެދު އަރީނަށް ވިސްނެ އެވެ. އެހެންވިޔަސް ހަޔާތުން ދެން ދުވަހަކުވެސް މިދުހަތަށް ފުރުސަތެއް ދިނުމަށް ގަސްދެއް ނުކުރެއެވެ. މިދުހަތު އެނބުރި އައިނަމަވެސް އެ ފުރުސަތު ދޭން އަރީން ބޭނުމެއް ނޫނެވެ. އާއިލާއާއެކު ރީތި އުޅުމެއް އުޅުމުގެ ގަސްދު ނޫނީ މިހާރު ނުވެއެވެ. ކައިވެނި ކުރުމަކީ ދުރު ހިޔާލެކެވެ. އެހެން ނަމަވެސް އެފަދަ ގުޅުމަކަށް ﷲ މިންވަރު ކުރައްވައިފިނަމަ އަރީން އެކަން ގަބޫލު ކުރާނެ އެވެ.

ވަގުތުގެ ދުވެލި އަވަސްވެފައި ވާހެން އަރީނަށް ހީވިއެވެ. ދަރީން އަންނަ ދުވަހެއްވިއްޔާ އޭނާއަށް އެހެން ހީނުވާ ދުވަހެއް ނުދެއެވެ. ރޭގަނޑުގެ ކެއުން އިޝާ ނަމާދަށްފަހު ކުރިއަށް ދިޔައެވެ. ކުދީން ބަލާ ފަވާދު އަންނަކަން އަރީންގެ ފޯނަށް މެސެޖުކުރިއެވެ. އެއާއެކު އަރީން ހިތްވަރުކޮށްފައި ފަވާދާ ވާހަކަ ދައްކާލަން ބޭނުންވާ ކަމަށް ލިޔެ މެސެޖެއް ކުރި އެވެ. ފަވާދުގެ ފަރާތުން ޖަވާބެއް ލިބެން ވަގުތުކޮޅެއް ނެގިއެވެ. އެހެންނަމަވެސް އޭނާގެ ޖަވާބުގައި އަރީންއާ ބައްދަލުކުރަން އެއްބަސްވެފައި އޮތެވެ.

ގޭ ދޮށަށް ފަވާދު އަތުވެއްޖެކަން އެނގުމުން އަރީން ނުކުތީ ނޯޔާ ކައިރީ ބުނެލާފަ އެވެ. އޭނާ ފާވާދުއާ ވާހަކަ ދައްކާފައި ނޯޔާއަށް ގުޅާނެކަން ބުނެލި އެވެ. އަދި ގުޅާލުމުން ފަލަކްއާއި ރީވާ ތިރިއަށް ފޮނުވާ ދިނުމަށް އަރީން އެދުނެވެ. އޭނާ އެ ޕާޓްމެންޓުން ނުކުމެ ލިފްޓަށް އެރިއިރު ވެސް ހުރީ ހާސްވެފަ އެވެ. ވަރިވުމަށްފަހު ކޯޓުން ދެ މީހުން ބައްދަލުވީ ދުވަހަށްފަހު އެކަކު އަނެކަކަށް ނުފެނެއެވެ. މިއަދު އެ ދެމީހުން އެކަކުއަނެކަކުގެ ކުރިމައްޗަށް ހުއްޓުމުން ކަންތައްވާނޭ ގޮތެއް ނޭނގެ އެވެ. އެ ހިޔާލު އަރީނަށް ކުރެވެއެވެ. ފަވާދު ކަންތައް ކުރާނޭ ގޮތެއް ނޭނގޭތީ އެވެ.

ދޮރޯށި ހުޅުވާލީ އިރުކޮޅަކު އަރީން މަޑުކޮށްގެން ހުރުމަށްފަހު އެވެ. އެހިނދު ދޮރޯށި ކައިރީ ހުރި ފަވާދުގެ ނަޒަރު އަރީނަށް ހުއްޓުނެވެ. ދޮރުމަތީ ނުތިބޭން އަރީން އެތެރެއަށް ޖެހިލި އެވެ. އަނގައިން ބުނަން ބޭނުން ވިޔަސް އެވަގުތު ދޫ ހަރަކާތެއް ނުކުރި އެވެ. އެހެންވެ ބޮލުން އަންނާށޭ ބުނާ ފަދަ އިޝާރާތެއް އަރީން ކޮށްލި އެވެ. ދެން ވެސް ފަވާދު ހަރަކާތެއް ނުކޮށް ބަލަން ހުރީއެވެ. އަޖައިބުވީ ވަރުން ބަސް ހުއްޓިފައި ފަވާދު ހުރީކަމެއް އަރީން ނުދެނަހުއްޓެވެ.

"ފަވާދު..." ހިންދިރުވާލުމާއެކު އަރީން ގޮވާލި އެވެ.

"ކޮންއިރަކު ބުރުގާ އެޅީ." ލިބުނު އާގަމަކަން ފިލުވާލަމުން ދޮރޯށިން އެތެރެއަށް ވަން ފަވާދު އަހާލި އެވެ.

"މިއަދު." އިސް އޮބާލައިގެން ހުރެ އަރީން ބުންޏެވެ.

"ކީއްވެ؟... ކީއްވެ ބުރުގާ އެޅީ؟" ފަވާދު އެއްސެވެ. އޭނާއަށް އަރީންގެ ފުށުން ފެންނަނީ އަޖައިބެއް ފަދަ ހިމޭން ކަމެކެވެ. މަޑުމައިތިރި ކަމެވެ. ކަޅުކުލައިގެ ދޫ ހެދުމުން އަރީންގެ ބަނޑު އެނގޭކަށް ނެތެވެ. ބަލިވެ އިނުމުން އަރީންގެ ސިއްހަތު އާންމުކޮށް ހުންނަ ވަރަށްވުރެ ރަނގަޅުވެލާ ގައިގާ މަސްޖަހާލާކަން ފަވާދަށް އެނގެއެވެ. ވިހައިގެން އޭނާ ހިކެން ކުރާ މަސައްކަތަކީ ވެސް ފަވާދަށް ހުރީ ފެނިފައެވެ. ނަމަވެސް މިފަހަރު އަރީންގެ މޫނުން އެ ދުޅަހެޔޮކަމެއް ނުފެނެއެވެ. މޫނުމަތި ފެންނަނީ ދެމިލާފައިވާ ތަނެވެ. ހަށިގަނޑު ނިކަމެތިހެން ހީކުރެވުނީ އެހެންވެއެވެ. ދެ ލޮލުން ފެންނަނީ ވަރުބަލިކަމާއި ހިތާމައިގެ އަސަރެވެ.

"ކޮންމެކަމެއް ވެސް ﷲ މެދުވެރި ކުރައްވަނީ އެކަލާނގެ އަޅުން އިމްތިހާނު ކުރުމަށް. އަހަރެންނަށް ރަނގަޅު ގޮތް ވިސްނުނީމަ އިތުރަށް ލަސްކުރަންވީ ކީއްކުރަން. ﷲ ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް އަވަސްވެ ނުގަންނަންވީ ކީއްވެ. އަހަންނަށް މަގު އޮޅުނީ، އެކަމަކު ﷲ އަހަންނަށް މަގު ދެއްކެވި. އެކަލާނގެ ރަހުމަތުން ބޭރެއް ނުކުރެއްވި. އަހަރެންގެ އަތުން ބީވެ ދިޔައީ މިއަދު އަހަރެން އެންމެން އެދޭ ކަންކަން. އެއީ އަހަންނަށް ލިބުނު އިބްރަތެއް. މަގުފުރެދި ދުނިޔޭގެ އަވާގައި ޖެހިފައި ހުރެވުނު ދަވަސްތައް މާޒީއަށް ދޫކޮށްލައިފިން. މިހާރު ބޭނުމީ މިގޮތުގައި ސާބިތުވާން."

"ރަނގަޅުތަ؟" ކުއްލިއަކަށް ފަވާދަށް އަހާލެވުނެވެ.

އަރީންގެ ހާލު ރަނގަޅުވާން ފަވާދަށް ހިތާ ހިތުން އެދެވުނެވެ. އަރީންގެ ނަޒަރު ފަވާދާ އަމާޒުވެލި އެވެ. އަސަރެއްނެތް އަރީންގެ ދެ ލޮލުގެ ތެރެއިން ކަރުނައިގެ ތެތްކަން ފަވާދު ދުށްޓެވެ. ގަބޫލު ކުރަން ދަތިވީ އޭނާ ދުށުމަށް އެދިވީ ފަދަ ޖާޒުބީ ކަމެއް އެ ބެލުމުން މިއަދު ފާޅުވާތަން ފެނި އެވެ. ރުއިމުގެ ބަދަލުގައި ހިފެހެއްޓިފައި ހުރި ކަރުނައަކާއެކު އަރީން ލުއި ހިނިތުންވުމެއް ބަދަލު ކޮށްލި އެވެ. ފަވާދު ކުރި ސުވާލަށް ޖަވާބު ދިނީ ބޯ ޖަހާލުމަކުންނެވެ. ފަވާދަށް މޫނު އަނބުރާލެވުނީ ގަސްދަކާ ނުލައެވެ. ފެންނަ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. އެ ހަރަކާތް އަރީނަށް މާނަ ކުރެވުނީ ތަފާތު ކޮށެވެ. އޭނާ ފަވާދުގެ ވަގުތު ނަގާނުލާ ބައްދަލުކުރި ބޭނުން ހާމަ ކުރަން އަވަސްވި އެވެ. އޭނާ އެތަނުގައި ގިނައިރު ހުރުން ފަވާދު ރުހޭ ކަމަކަށް ނުވިއްޔޭ ހީވެގެންނެވެ.

"އަރީނަށް ކެރޭނެތަ ބުނަން." ކުދީން ދެއްކި ވާހަކައާއި އަރީންގެ ހިޔާލު ހާމަކުރުމުން ފަވާދު ސުވާލު ކުރި އެވެ.

"ހުރިހާކަމެއް ކިޔައިދޭކަށް ނުޖެހޭ. އެހެންވިޔަސް އަހަރެމެން އެކުގައި ނޫޅެނީ ކީއްވެކަން އެކުދީންނަށް އެނގެންޖެހޭ. މިހާރު ނުވިސްނުނަސް، ވިސްނޭނެ ދުވަހެއް އަންނާނެ. އަހަރެންގެ ބަނޑުގައި އޮތީ އެކުދީންގެ ބައްޕަގެ ދަރިއެއް ނޫންކަން އެނގޭނެ ދުވަހެއް އަންނާނެ. އެ ދުވަހަކުން އެކުދީން އަހަރެން ދެކެ ރުޅި އަޔަސް، އަހަރެން ދޫކޮށްލާފައި ދިޔަޔަސް... އަހަރެން ކެތްތެރި ވާނަން. ފަވާދަކީ އެކުދީންގެ ބައްޕައަށްވީމަ. އަހަރެން ކައިރީ ނެތަސް އެ ކުދީންނަކީ ރަނގަޅު ދަރީންނަށް ފަވާދު ހަދާނޭކަން އެނގޭތީ. އަބަދު ދޮގު ހެދުމަށްވުރެ އެގޮތް ވެސް ރަނގަޅު. އަހަރެންނަށް އެންމެ ރަނގަޅު ފަވާދާ ވަކިވީ އަހަރެން ކަމުގައި ބުންޏަސް. ހަގީގަތަކީ ވެސް އެއީ. ވަރިކުރަން ފަވާދަށް މަޖުބޫރު ކުރުވީ އަހަރެންގެ ނުބައި ޢަމަލުތައްކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ." އަރީން އިސްއޮބާލުމާއެކު ނިކަން އަވަހަށް ލޮލުން ބޭރުވާން އުޅުނު ކަރުނަ ފުހެލި އެވެ.

ފަވާދަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އަމިއްލަ ނަފްސުގެ ހިފެހެއްޓުމުން ވީއްލި އަރީންގެ ކޯތާފަތުގައި ހިފާލެވިދާނޭތީ އެވެ. އަރީނަށް ހެޔޮ ވިސްނުން ލިބުންކަން އޭނާ އެދެނީ ބުނެވިދާނެތީ އެވެ. އެފަދަ ވާހަކައެއް ބުނާން ފަވާދު އަދި ތައްޔާރެއް ނޫނެވެ.

"އަހަރެން ވިސްނާނަން. ވަރަށް ލަސްވެއްޖެ... އެ ދެބެން ކައިރީ އަންނަން ބުނަންވީނު." ހިތަށް ދަތިކަން ލިބެން ފެށުމުން ފަވާދު ބޭނުންވީ އެތަނުން އަވަހަށް ދާށެވެ.

* * * * *

އެރޭގެ ހަތަރުދަން ކަހަލަ ގޮތަކަށް ފަވާދު ހޭދަ ކުރީ ފިކުރުތަކުގައި ފީނުމުގަ އެވެ. ލޯ މަރާލައިފިނަމަ ސިފަ ކުރެވެނީ އަރީނެވެ. ނިވާކަމުގެ ތެރެއިން ފާޅުވި އަރީންގެ ރީތި ކަމަށް ފަވާދުގެ ހިތް ތައުރީފު ކޮށްފިއެވެ. އޭނާގެ އަނތްބެއްގެ ގޮތުގައިވީއިރު ފާޅުވާ ދެއްކުންތެރިކަން ނެތިފައިވާތީ ފެނުމުން ބަޔާން ކުރަންދަތި ފިނަކަމެއް ނަފްސަށް ކުރުވައިފި އެވެ.

"އެއީ ހަމަ އަހަރެންގެ އަރީންތަ؟" ފަވާދަށް އަހާލެވުނީ އަމިއްލަ ހިތާ އެވެ.

"ހީވަނީ މިހާ ދުވަހު އަހަރެން ދުށް ހުވަފެންތަކުގެ ތެރެއިން ނުކުމެ ހުރިހެން. އަހަރެން ބޭނުންވީ ގޮތަށް އެހުރީ. އާހް! އެ ދެ ލޮލުގައިވީ ކޮންކަހަލަ އަސަރެއް... އަހަރެން ދެކެ ލޯބިވެޔޭ ބުނަން އަރީން އުޅޭ ކަހަލަ. ލޯބި!... ހަގީގަތަކަށް ވެދާނެތަ!. އަރީން ހަމަ ލޯބިވަނީތަ އަހަރެންދެކެ. ވީ ހުރިހާ ކަމަކަށް ފަހުތަ." ފަވާދަށް ނިތްކުރީގައި ކަނާއަތް ބާއްވާލެވުނެވެ.

* * * * *

އެލާމްވާން ފެށި ފޯނު ނިވާލާފައި އަރީން ތެދުވި އެވެ. ވުޟޫކޮށްގެން ނުކުމެ ނަމާދު ހެދުން ލަނިކޮށް ދޮރުގައި ޓަކިން ދިން އަޑު އިވުނެވެ. ގަޔަށް ހެދުން ހެޔޮވަރު ކޮށްލައިގެން ދޮރު ހުޅުވިއިރު ނޯޔާ ހުއްޓެވެ. ކިހިލީގައި މުސައްލަ ޖަހާލައިގެން އަނެއްއަތުން ނަމާދު ދަބަސް ހިފައިގެންނެވެ. އެ ދެ އަންހެނުން ދަމު ނަމާދަށް އެރީ އެކީގަ އެވެ. ނަމާދު ކިޔާ ދުޢާތަކާއި ސޫރަތްތައް ނޯޔާ ކިޔެވީ ބާރަށެވެ. އަރީންއަށް ދަސް ކޮށްދިނުމަށެވެ. ނަމާދު ނުނިމެނީސް އަރީނަށް ރޮވެންފެށި އެވެ. އެހެންވިޔަސް އޭނާ ނޯޔާއާއެކު ނަމާދު ފުރިހަމަ ކުރިއެވެ. އަރީންނަށް ޓަކައި އެރޭ ނޯޔާ ދުޢާކޮށްދިނެވެ. ތަޢުބާ ގަބޫލުކުރައްވާ ކެތްތެރިކަމާއި ސާބިތުކަން ދެއްވުމަށް ﷲ އަށް ދެންނެވުން ހުއްޓާނުލުމަށް އަރީނަށް ނޯޔާ ނަސޭހަތްތެރިވި އެވެ. ކޮންމެ ނަމާދަކަށްފަހު އާއި ސަޖިދައިގަ އޮވެ ދުޢާ ކުރުން ގިނަ ކުރުމަށް ނޯޔާ ނަސޭހަތް ދިނެވެ. ގިނަގިނައިން ތަޢުބާވެ ރަނގަޅަށް އުޅޭން މަސައްކަތް ކުރާ އަޅުންނަށް ތެދުމަގުގައި ސާބިތުކަން ދެއްވާނޭކަން ނޯޔާ ބުންޏެވެ. ނޯޔާ ދިއުމުން ވެސް އަރީން މުސައްލަ މަތީ އިނީ އެވެ. ދުޢާ ކުރުމުގައެވެ. ދަރީންގެ ކުރިމަތީ އޭނާ ބޭޒާރު ވުމުން ސަލާމް ކޮށްދެއްވުމަށް އެދި ﷲ އަށް ދެންނެވިއެވެ. އެ ދަރީންގެ ބައްޕައަށް އޭނާގެ އުމުރުގެ ބާކީ ދުވަސްތަކުގައި ޙިދުމަތް ކުރުން މަތީ ދެމިހުރުމުގެ ނަސީބު ދެއްވާތޯ ދެންނެވި އެވެ. އޭނާ ގާތުން އަނތްބެއްގެ ދަރަޖަ ދެއްވުމަށް އެދި ދެންނެވި އެވެ. ލިބެން އުޅޭ ދަރިފުޅަކީ ބަފާ ކަށަވަރު ނުވާ ދަރިއަކަށްވިޔަސް އެކުއްޖާގެ ހިތުގައި އިމާންކަމުގެ ނޫރުލެއްވުމަށް ދެންނެވި އެވެ. އަދި ނުބައި ކަންކަމަށް އަރައިގަންނަ ދަރިއަކަށް އޭނާގެ އެއްވެސް ދަރިއަކު ވިޔަނުދިނުމަށް އެދި ދެންނެވިއެވެ. މަންމައަށް ސުވަރުގެ ދެއްވުމަށް އަރީން ދުޢާކުރިއެވެ. އެ މަންމައަށް އޭނާ އަޑުލާ ހެދިއެވެ. އެ ހުރިހާ ކަމަކާ މިއަދު އަރީން ހިތާމަކުރެއެވެ. އިންތިހާއަށް ދެރަވެއެވެ. ދެ ލޮލުން އޮހޮރޭ ކަރުނަ ހެކިދެއެވެ.

* * * * *

ރޯޝަނީވިލާގޭ މާހައުލު ބަދަލު ވެއްޖެއެވެ. އާއިލާގެ ގުޅުން ރަނގަޅުވެއްޖެ އެވެ. ކުލިނިކުން އަރީން ގޮވައިގެން ގެއަށް އައީ އަސްލަން އެވެ. ނޯޔާއާއެކު ސަބީނާ އިނީ ހާސްވެފަ އެވެ. ދޮރުން އަރީން ވަންކަން އެނގި ސޯފާއިން ސަބީނާ ތެދުވިއެވެ. އަރީންގެ ބަނޑަށް ފަސް މަސް ފުރުނީއެވެ. އެހެންވިޔަސް ދަރިފުޅު އޮންނަ ގޮތުން ކޮންކަހަލަ ކުއްޖެއްކަމެއް ނޭނގެއެވެ.

"ކީކޭ ބުނީ... އެނގޭވަރުވިތަ؟" ސަބީނާއަށް އަހާލެވުނެވެ. އަނުމް އުރާލައިގެން ހުރި ނޯޔާ ވެސް އައިސް ހުއްޓުނީ އަރީނާއި އަސްލަންގެ ކުރިމަތީއެވެ. އޭނާ އެ ހުރީ ސަބީނާ ކުރި ސުވާލުގެ ޖަވާބު އެނގެން ބޭނުންވެފައެވެ.

"ބުނަންވީތަ؟" އަސްލަން އަހާލީ އަރީން ކައިރީ އެވެ.

"ދެން ބުނެބަލަ." ނޯޔާ އާދޭސް ކޮށްލި އެވެ. އަސްލަން ހީނލާފައި އައިސް ނޯޔާގެ އަތުން އަނުމް އުރާލިއެވެ.

"މި ވައްތަރެއް ނޫން. މީގެ އަނެއްވައްތަރު އަންނަނީ. ދޯ ރީން." ހެވިފައި ހުރެ އަސްލަން ވާހަކަ ދެއްކީ އަނުމް ދައްކާލަމުންނެވެ.

"ކޯއްޗެކޭ ތިކިޔަނީ... އަރީން، ދަރިފުޅު ބުނެބަލަ. ކީކޭ ޑަކްޓަރު ބުނީ. ރަނގަޅުތަ ދެމައިން." ސަބީނާ ހިތްއަވަސްވެފައި ވިއެވެ. އަރީން ބޯ ޖަހާލުމާއެކު ވާހަކަ ދެއްކި އެވެ. (ނުނިމޭ)