ވާހަކަ

ހީނލާގޮތުން

(13 ޖޫން 2021 އާ ގުޅޭ)

ލުއިލުއި ހިނިތުންވުމެއް އަރީންގެ ތުންފަތާ ކުޅެލި އެވެ. އޭނާއަށް ވުރެ ނޯޔާ ކަންބޮޑުވެފައިވާކަން އިހްސާސް ކުރެވުނެވެ. ބަނޑުބޮޑުވުމުން ނޯޔާގެ ޖަޒުބާތުތައް ހިފެހެއްޓުން ވަނީ ދަތިވެފަ އެވެ.

ސަބީނާ އައިސް އެބަޔަށް ވަނީ އެވަގުތެވެ. އަސްލަން ގުޅާފައި މަންމައާއި ރިދާނަށް ވެސް އޮތީ ޚަބަރު ދީފައެވެ. ސަބީނާ އައިސް އަރީންގެ ދެފަރާތުން ކޮނޑާދިމާއިން ތަންކޮޅެއް ތިރިން އަތުގައި ހިފާލިއެވެ. ހިތްވަރުގެ ހިނިތުންވުމެއް ދަރިފުޅާ ބަދަލު ކޮށްލި އެވެ.

"ﷲ ދަރިފުޅު ސާބިތުކުރައްވާށެ." ސަބީނާގެ ހިތް ރޯ ހާލު ބުނެލިއެވެ.

އަސްލަންއާއެކު އަރީން ގެއިން ނުކުތުމުން ނޯޔާގެ ރުއިން ވަކި ގަދަވިއެވެ. ސަބީނާގެ މޭގައި ބޯ އަޅައިގެން އޮވެ އޭނާ ގިސްލަނީ އެވެ. ނޯޔާއަށް އެވަރު ވެދާނޭ އެކަކުވެސް ހިޔެއް ނުކުރެއެވެ. އެގެއަށް ރޫމާގެ އާއިލާ އައީ ސަބީނާގެ އެދުމަށެވެ. ނޯޔާ ހަމައަކަށް އެޅުވުން އުނދަގޫ ކަމަށް ވީއެވެ. އިރުގަނޑެއް ފަހުން އެކުއްޖާ ރުއިން ހުއްޓާލި އެވެ. އެކަމަކު އެކަންވީ ހިނދުކޮޅެއްގެ ކަމަކަށެވެ. ރޫމާ ގެނެސްދިން ޖޫސްތަށިން އެތި ފޮދެއް ބޯލެވުމާއެކު އަނެއްކާ ރޯން ފަށައިފި އެވެ. އަދިވެސް އަރީނާ މެދު ކަންބޮޑުވަނީކަމަށް ހީކޮށް ވިސްނައި ދޭން އެންމެން މަސައްކަތް ކުރިއެވެ. ހަގީގަތަކީ ނޯޔާއަށް ރޮވުނީ އޮރެންޖު ޖޫސްތަށީގައި ހިތިރަހައެއް ހުރެގެންނެވެ. އެއީ އޮރެންޖު ޖޫހެއް ނޫންކަން ނޯޔާ ނިންމިއެވެ. ރޫމާއާއި ސަބީނާ އެކަކުއަނެކަކަށް ބަލާލިއެވެ. ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން އެ ދެމީހުން ވެސް ފޮރުވާލި އެވެ. ނަމަވެސް އެތަނުގައި އިން ނެހާއާއި ރިދާންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ދެމީހުން ޕަކަޕަކަލާފައި ގަދަޔަށް ހެނީއެވެ. ނޯޔާގެ ރުއިންވީ ގަދައެވެ.

އޭގެ ދެ ރޭ ކުރީން ރޫމާއަށް ސަބީނާ ގުޅީ ނޯޔާ ދަންވަރު ހޭލައިގެން ރޯވަރުން ވީ ކިހިނެއްތޯ އަސްލަން ބެލިއިރު އެ ދަންވަރު އެކުއްޖާ މަސްކާށި ކާން ބޭނުންވެގެންނެވެ. އެ ދަންވަރު މަސްކާށި ހޯދާނީ ކިހިނެއް ހެއްޔެވެ. ހެދިކާ ހަދަން ހޯދާފައި ހުރި ވަޅޯމަސް އެތިން މަސް ހަދައިގެން ރޫމާ އެގެއަށް އައީ ހަމަ އެ ދަންވަރު އެވެ. އެކައިގެން އެކުއްޖާ އޮށޯތްއިރު ދެން ތިބި މީހުން އަވަދި ކޮށްފި އެވެ.

* * * * *

އަރީންގެ މައްޗަށް ގާޒީ ހުކުމް ކުރީ ޒިނޭ ކުރީތީ ހައްދު ޖެހުމަށެވެ. ހުކުމް ތަންފީޒު ކުރާނޭ ތާރީޚެއް ކަނޑައެއް ނާޅައެވެ. ގަނޫނީ ނިޔާއަކީ އަރީން ނިންމާ އެއްޗެއް ނޫނެވެ. އޭނާ އެ ހުރީ ކުރެވުނު ފާފައަށް ގާޒީ އިއްވާ ނިޔާ ގަބޫލު ކުރުމަށް ހާޒިރު ވެއެވެ. ލިބެންޖެހޭ އަދަބެއްވިއްޔާ ލިބިގަތުމަށް ތައްޔާރަށެވެ.

ހީކުރި ގޮތާއި ހިލާފަށް ކަންކަން ނިމުނީ އަވަހަށެވެ. އަސްލަންއާއެކު އަރީން ކޯޓުން ނުކުމެ ސައިކަލަށް އެރިއެވެ. ދުރުގައި އެ މީހުންނަށް ބަލަން ސައިކަލު މަތީ މަޑުކޮށްލައިގެން ފަވާދު އިންކަމެއް ނުދެނަހުއްޓެވެ. އަރީން ފެނުމުން ފަވާދަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"އަހަރެން ހީކުރީ ރީން ކޯޓުގައި ވެސް ދޮގު ހަދާނޭ. އަހަރެންގެ ދަރިއެކޭ ބުނާނޭ." ފަވާދުގެ ހިތަށް އެރި އެވެ. އާއިލާ ކޯޓުގައި ގާޒީ ކުރިމަތީ އަމިއްލަ ކުށް އަރީން ގަބޫލުކުރި ގޮތް ފަވާދުގެ ހަނދާނުގައި ވިއެވެ. އެދުވަހު އަރީން ދޮގު ހެދިނަމަ އެ ދެމެދުގައި އޮތް ގުޅުން އުމުރަށް ވަކިވެގެންދާނެ އެވެ. ދެން ދުވަހަކު ވެސް ފަވާދުގެ ހަޔާތުން އަރީނަށް ޖާގައެއް ނުދެވޭނެއެވެ. ދޭން ކިތަންމެ ބޭނުން ވިޔަސް މެއެވެ.

އަރީންގެ ފޯނުކޯލު ލިބުނުއިރު ފަވާދު ހުރީ ގޭގައެވެ. އޭނާ ކޮޓަރިއަށް ވަނީ އެހެންމީހެއްގެ ކަންފަތަށް އެ ދެމެދުގައި ދެކެވޭ ވާހަކައެއް އިވެން ބޭނުން ނުވާތީ އެވެ. އޭނާގެ އާއިލާއަށް އަރީން ބަލިވެ އިން ޚަބަރު ލިބުނީ ދަރީންގެ ފަރާތުންނެވެ. އޭނާގެ އާއިލާ މީހުން ވެސް އެ ތިބެނީ އެއީ ފަވާދުގެ ދަރިއެއް ކަމަށް ގަބޫލު ކޮށްގެނެވެ. އަރީން އެހާލުގައި އިންކަން އެނގުމުން ކައިވެނި ރުޖޫއަ ނުކުރީ ކީއްވެތޯ މަންމައާއި ބައްޕަ ވެސް ސުވާލުކުރި އެވެ. އެއްފަހަރު ވެސް ފަވާދަށް މައިންބަފައިން ކުރިމަތީ އަރީން ބަދުނާމްވާނޭވަރު ހިތަށް އަރާފައި ތެދު ހާމައެއް ނުކުރެވުނެވެ. އޭނާގެ ހިތުގައިވާ އެއްޗަކާއި ނިޔަތް ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ކޮންމެގޮތެއް ވިޔަސް އެއީ އޭނާގެ ދަރީންގެ މަންމައެވެ. ހަޔާތުން އެންމެ ލޯބިވި އަންހެނާއެވެ.

މިއަދު އަރީނަކީ ފަވާދު ވަރިކޮށް ދޫކޮށްލި އަންހެނާއެއް ނޫނެވެ. އެކަން އޭނާއަށް ސާފުވެ އެނގެއެވެ. ރަނގަޅު ކަމެއް ކަމުގައި ނުވާނަމަ ދަރީންގެ މަންމަގެ މަތިން ހިތްކެނޑޭތޯ އޭނާ ހާދަ ދުއާއެއް ކުރިއެވެ. ދެވަނަ ފަހަރަށް ވެސް ގޯހެއް ހެދިދާނެތީ އެވެ. ހިތުގެ އެދުން ފުރިހަމަކުރަން އުޅޭން ހަދައިގެންނެވެ. ނަމަވެސް އެހިތުގައި އަދިވެސް ވަނީ އަރީނެވެ. މިހާރު އަދި ވަކިން އެހިތް އަރީނު ބޭނުންވެއްޖެ އެވެ. ސާލިހު އަންހެނެއްގެ ފުށުން ފާޅުވާނޭ ސިފަތައް އަރީންގެ ފުށުން ފެންނަން ފެށީމައެވެ.

* * * * *

ފޯނުކޯލު ނިމުމުން ވެސް އަތުގައި އޮތް ފޯނަށް ބަލަން އިރުކޮޅަކު ޔަޝާއަށް ހުރެވުނެވެ. ނޯޔާ ގުޅުމުން ވެސް ފޯނު ނުނަގަން އޭނާ ވަރަށް މަސައްކަތް ކޮށްފި އެވެ. މިފަހަރު ފޯނު ނެގީ ނުދަންނަ ނަންބަރަކުން އައި ކޯލެއްވީމައެވެ. އިވުނީ އަސްލަންގެ އަޑުކަން އެނގުނީ ނޯޔާގެ ވާހަކަ ދެއްކީމަ އެވެ. އަސްލަން އޭނާއަށް ދިނީ އަޖައިބު ކުރުވަނިވި ޚަބަރެކެވެ. ނޯޔާ އިން ހާލުން އޭނާއާ ފަހު ފަހަރަށް ކަމަށް ހަދާ ބައްދަލުވާން އައިސް ދިނުމަށް ޔަޝާގެ ގާތުން އަސްލަން އެދުނީ އެވެ.

ގޮނޑީގައި އިށީނދެވުނީ ހިޔާލުތަކަށް ގެއްލިފައި އިނދެ އެވެ. ނޯޔާގެ ކުރިމަތީގަ ރުންކުރުކަމާއެކު ނުކުމެގެން އައި ދުވަހަށް ފަހު އޭނާ އެ އެކުވެރިޔާގެ ހާލު ބަލައެއް ނުލައެވެ. ނޯޔާ އިސްވެ ގުޅުމުން ވެސް ހުރެވުނީ ހިތްހަމަ ނުޖެހިފައެވެ. ޔަޝާއަށް ހީވީ މީހަކާ އިނުމުން ނޯޔާއަށް މިހާރު އޭނާ އެއްވެސް މީހަކަށް ނުވީ ހެންނެވެ. ކުރީން ދެ މީހުންގެ ހިޔާލު އެއްގޮތް ނުވިޔަސް ނޯޔާ އޭނާ ދައްކާ ވާހަކަތައް ގަބޫލު ކުރާނެ އެވެ. އެކަމަކު އެ ކައިވެންޏެއް ކުރި ފަހުން ކުއްލިއަކަށް ނޯޔާ މާބޮޑަށް ބަދަލުވީ އެވެ. އެ ބަދަލުވުން ޔަޝާއަށް ކަމު ނުދިޔައީ އެވެ. އޭނާގެ ވިސްނުމުގައި މައިންބަފައިން ބުންޏަސް ލޯތްބެއްނެތް ކާކުކަން ނޭނގޭ މީހަކާ ކައިވެނި ކުރުމަކީ ބޯދާ ހިޔާލުގެ މީހުން ކުރާނޭ ކަހަލަ ކަމެކެވެ. މިޒަމާނުގައި އެހެން އުޅޭނީ ކާކު ހެއްޔެވެ. މައިންބަފައިން ބުނާހާ ގޮތެއް ހަދައިގެން އެމީހުން ރުހޭހާ ގޮތަކަށް އުޅެނީ ކޮން ދަރިއެއް ހެއްޔެވެ. ދަރީން ބޮޑެތިވުމުން އެމީހުންގެ ކަންކަމަށް މައިންބަފައިން ފާޑުކިޔައިގެން ނުވާނެއެވެ. އެކަކުވެސް އެމީހެއްގެ އަމިއްލަ ދިރިއުޅުން އަނެކަކަށް ޓަކައި ގުރުބާން ކުރާކަށް ނުޖެހޭނެ އެވެ. ޔަޝާގެ ހުރީ މިފަދަ ވިސްނުމެކެވެ. އެހެންވިޔަސް އަސްލަންގެ ފޯނުކޯލުގެ ސަބަބުން ޔަޝާ ހާސްވެއްޖެ އެވެ. ނޯޔާއަށް ދެރަ ގޮތެއް ވުމަކަށް އޭނާ އެއްފަހަރު ވެސް ނޭދޭނެ އެވެ. ހަމައެއާއެކު ނޯޔާއަށް ކިހިނެއްވީބާއޭ އޭނާ ހިތަށް އެރިއެވެ.

އޮފީހުން ތަންކޮޅެއް ކުރީން ޔަޝާ ނުކުތެވެ. ވަރަށް ހާލު ބޮޑުވެގެން ނޫނީ ނޯޔާގެ ބަދަލުގައި އަސްލަން ނުގުޅާނޭ ހިތަށް އަރާފައި ހުރެއެވެ. އިމާރާތުގެ ކުރިމައްޗަށް މަޑުކުރި ޓެކްސީއަށް ޔަޝާ އެރިއެވެ. ނޯޔާއާ ދެމެދު އެންމެ ފަހުން ދެއްކުނު ވާހަކަތަކާމެދު ޔަޝާ ހިޔާލު ކުރި އެވެ. އެ ހިޔާލުގައި އިންދާ ޓެކްސީ އައިސް ރޯޝަނީވިލާގެ ދޮރުމައްޗަށް މަޑުކޮށްލި އެވެ. އޭނާ ޓެކްސީއިން ފައިބައިގެން ގޭތެރެއަށް ވަނެވެ. ހިސާބަކަށް ޖެހިލުންވެފައި ހުރެ ލިފްޓަށް އެރިއެވެ. އަސްލަން އާއި ނޯޔާ ދިރިއުޅޭ ބަޔަށް ލިފްޓް ހުއްޓުނެވެ. ނުކުމެގެން އައި ޔަޝާ އެޕާޓްމެންޓްގެ ކުރިމަތީ މަޑުކޮށްލި އެވެ. ނަފްސު ހަމައަކަށް އެޅޭތޯ ފުންނޭވާއެއް ހަށިފުރާ ދޫކޮށްލި އެވެ. ބެލް އަޅާލީ ދެނެވެ.

"ޔަޝާ، ވަދޭ... އެންޑް ތެންކިޔު..." ދޮރުހުޅުވާލައިގެން ހުރެ އަސްލަން ވާހަކަ ދެއްކިއެވެ. ޔަޝާ ހައިރާންވި އެވެ. މިނޫނީ އެގެއަށް އައިސްގެން އަސްލަން ވާހަކަ ދެއްކި ފަހަރެއް ނާދެ އެވެ. އޭނާ އަތުވެއްޖެއްޔާ އަބަދު ވެސް ބަލާނީ ގެއިން ނުކުމެގެން ދެވޭތޯ އެވެ. ނޫނީ ފެންނަ ހިސާބަށް ނުނިކުމެ ވޭތޯ އެވެ. ފަރުވާކުޑަ ގޮތަކަށް ހޫން ލައްވާލައި ޔަޝާ އެތެރެއަށް ވަނެވެ. ސޯފާއާ ދިމާއަށް ދާށޭ ބުނާހެން އަސްލަން އިޝާރާތްކޮށްލި އެވެ.

"ޔަޝް..." ޔަޝާ ފެނުމާއެކު ތެދުވަން އުޅެފައި ވެސް ނޯޔާއަށް އިނދެވުނީ އެވެ. ދެން ފެށީ ރޯށެވެ. ހެމުންހެމުންނެވެ. ހަމައެހިނދު ޔަޝާއަކީ ރަނގަޅު ރައްޓެއްސެއް ނޫނޭ ބުންޏެވެ. މިހުރިހާ މަންޒަރެއް ބަލަން ޔަޝާ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ. ނޯޔާގެ ބޮޑުވެލާފައި ހުރި ކޮލާއި އާދަޔާ ހިލާފަށް ބޮޑުވެފައި ހުރި ބަނޑު އޭނާއަށް ފެނެ އެވެ. ޔަޝާ ގާތަށް އައުމަށް ނޯޔާ ތެދުވަން އުޅުނު ހިނދު އަސްލަން ދުވެލާފައި އައިސް އަނބިމީހާގެ ގާތުގައި ހުއްޓުނެވެ. ނޯޔާގެ އުނަގަނޑުގައި އެއްއަތުން ހިފާލުމާއެކު އަނެއް އަތުން އޭނާގެ އަތުގައި ހިފާލައިގެން ހުރެ ކޮޅަށް ތެދުވުމަށް އަސްލަން އެހީތެރިވެ ދިނެވެ. އެވަގުތު ނޯޔާ ބަދަލުކޮށްލި ހިނިތުންވުން ޔަޝާއަށް ފެނުނެވެ.

"ކިހިނެއްތަ؟. ކީއްވެ ފޯނަށް އަންސާ ނުކުރަނީ. ކިހާވަރަކަށް އަހަރެން ގުޅިން، ކިހާ މެސެޖެއް ފޮނުވިން... އޭތް! އަދިވެސް ރުޅި އައިސްފަ." ނޯޔާ އައިސް ހުއްޓިލީ ޔަޝާގެ ކުރިމަތީ އެވެ. އެކުވެރިޔާގެ ކަނާއަތްތިލައިގަ ހިފާލި އެވެ.

"ވާހަކައެއް ނުދައްކާނަންތަ؟" ޔަޝާ އަނގައިން ނުބުނުމުން އޭނާގެ އަތުގައި ހިފައިގެން މަޑުމަޑުން ތަޅުވާލަމުން ނޯޔާ އަހާލި އެވެ.

"އަހަރެން ރަނގަޅު." ޔަޝާ ބުނެލި އެވެ.

"އާދޭ އިށީންނަން. ސައިބޯންވީނު. ސައި ހަދައިގެން މީނީ." ނޯޔާ މިހެން ބުނެ އަސްލަންއަށް ބަލާލި އެވެ. ބޮލުން ނޯޔާ ކޮށްލި އިޝާރާތް އަސްލަންއަށް ފަހުމްވި އެވެ. އޭނާ ކާމޭޒުމަތީ ހުރި ތަބަށް ނަގައިގެން ގެނެސް ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުމަތީ ބެހެއްޓި އެވެ. ދެން އަނެއްކާ ވެސް އޭނާ ގޮސް މަޑުކޮށްލީ ބެލްކަނީގަ އެވެ. ގޭތެރެ ފެންނަ ހިސާބުގައެވެ.

"ކީއްވީ؟ އަހަރެން އަތުން އެއްޗެއް ވެސް ނުކުނާންތަ؟" ނޯޔާ މާޔޫސްވި އެވެ. އެ އަސަރުތައް ޔަޝާއަށް ފެނުނެވެ. އޭނާ މަޑުމަޑުން ސައިޖޯޑު ނެގި އެވެ.

"ޔަޝާ، އަހަރެން މިއަދު ހުރިހާ ކަމެއް ކިޔާދޭނަން. އަހަރެން ފެނިފަ ޔަޝާއަށް ވެސް މިހާރު އެނގޭނެ ކަންކަން ބަދަލުވެއްޖެކަން. ބަލާބަލަ... އަހަރެން ޕްރެގް. އެއިޓް މަންތްސް. ހީވޭތަ ލޯބި ނުވަންޏާ މިހިސާބަށް އާދެވޭނެހެން. ޔަޝާ، އަހަރެން އަސްލަން ދެކެ ލޯބިވޭ. ވަރަށް ބޮޑަށް. އޭނާ ވެސް އަހަރެން ދެކެ ލޯބިވޭ... އަހަރެމެން ދެމީހުންނަށް ވަގުތު ބޭނުންވި. އެކަކުއަނެކަކަށް ޓްރަސްޓް ބިލްޑްވާން ވަގުތު ނެގި. ޔަޝާ! އައި މިސްޑް ޔޫ. ވަރަށް ބޮޑަށް. ހިޔެއް ނުކުރަން މިހާ ދުވަހު އަނގައިން ނުބުނެ ޔަޝާ ހުރެދާނޭ. މިއަދުވެސް އަންނާނެއޭ ހިޔެއް ނުކުރަން. އެކަމަކު ވަރަށް އުފާވެއްޖެ." ނޯޔާ ފެންކަޅިވި އެވެ.

"ނޯޔާ ހާދަ ބަދަލުވެއްޖޭ." ސައިޖޯޑު ކޮފީމޭޒުމަތީ ބަހައްޓާލާފައި ނޯޔާއަށް ބަލާލަމުން ޔަޝާ ބުންޏެވެ. އޭނާއަށް ނޯޔާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނުނެވެ.

"ދިރިއުޅުމާއި ހާލަތު ބަދަލުވީ. އެކަމަށް ހޭނުމަށް ޓަކައި އަހަންނަށް ބަދަލުވާން ޖެހުނީ... ތިނޫނީ އަހަރެންގެ އެކުވެރިޔަކު ނެތް. މިހުރިހާ ކަމަކުން އަހަރެން ވަރުބަލިވެ ހިތްވަރެއް ބޭނުންވާ ވަގުތު އެހީވާން ހުރީ ޔަޝާ. އަހަންނަށް އެނގޭ ޔަޝާ އަހަންނާމެދު ކެއާ ކުރާވަރު. އެކަމަކު މިހާރު ދެން ގަބޫލުކުރޭ. ހަމަ ހަގީގަތަށް ވެސް އަހަރެން މިއިނީ ވަރަށް އުފަލުން. ކައިވެނި ކުރެވުނީ ކިހިނެއްތޯ ނުބަލާ. އެ ކައިވެނީގެ ސަބަބުން އަހަންނަށް އެއްވެސް ތަކުލީފެއް ނުލިބޭ. ލޯބިލޯބި ތިންދަރީން ލިބިއްޖެ. އޯގާތެރި ލޯބިވާ ފިރިއަކު ލިބިއްޖެ. ދެން އޮތީ ބަނޑުގައި މިއޮތް ދަރިފުޅު. މީ އަހަންނާއި އަސްލަންގެ ގުޅުން އިތުރަށް ގާތް ކުރުމަށް ޓަކައި ﷲ ލެއްވި ރަހުމަތެއް. ޔަޝާ... މިތާ އަތްލަބަ. ބޭބީ ފީލްވާނެ... މިހާރު ވެސް އޮވެގެން ކޮއްޕަނީއެ. ޔަޝާ އައިކަން އެނގުނީ ކަންނޭނގެ. އެ ދަރިފުޅުގެ މަންމަގެ ބެސްޓްފްރެންޑް އައީކަން އެނގުނީ." ޔަޝާ ނުކެރިފައި އިންހެން ހީވުމުން އޭނާގެ އަތް ގެނެސް ނޯޔާގެ ބަނޑުގައި ޖެއްސުވި އެވެ.

"ގޯޑް..." ޔަޝާ ދިޔައީ ސިއްސައިގެންނެވެ. ނޯޔާގެ ބަނޑުން ދަރިފުޅު ކޮއްޕާލިކަމުގެ އިހްސާސް ކުރެވިގެންނެވެ. ނޯޔާއަށް ހެވުނެވެ. މިފަހަރު ޔަޝާއަށް ވެސް ހިނިތުންނުވެ ނީނދެވުނެވެ. ކުޑަކޮށް ނަމަވެސް އެ ތުންފަތް ދެމިލައިފި އެވެ.

"އާ ޔޫ ޝުއާ، ޔޫ އާ ޕްރެގްނެންޓް." ޔަޝާ ކޮށްލީ މޮޔަ ސުވާލެކެވެ. ނޯޔާގެ ހުނުން ބާރު ވެލި އެވެ. ހެދުމުގެ މަތިން ބަނޑުގެ ބައްޓަން ފާޅުކޮށްލަމުން ނޯޔާ ވާހަކަ ދެއްކި އެވެ.

"ނޫން، މީ ކައިކައިގެން ވެފަހުރި ގޮތެއް. މާކުންބެ ވިއްޔާ މަށަކީ." ނޯޔާ ބުނެލި އެވެ. ޔަޝާއަށް ހީނލެވުނެވެ. މިފަހަރު އޭނާ އަމިއްލައަށް ނޯޔާގެ ބަނޑުގައި އަތްޖައްސާލި އެވެ. މަޑުމަޑުން އެ ބަނޑުގައި ފިރުމާލި އެވެ. އެ ބޮޑުބަނޑާއެކު ނޯޔާ ފެންނަލެއް ނިކަން ލޯބިކަން ޔަޝާގެ ހިތަށް އެރިއެވެ.

"އަހަރެން ވަރަށް ބޮޑަށް ރުޅިއައިސްފަ ހުރީ. އެހެންވެ ނޯޔާގެ ކޯލުތައް ނުނަގަނީ... އަސްލަން ގުޅާފަ ބުނި ގޮތުން ވަރަށް ހާސްވި. ނޯޔާއަށް ކަމެއްވީއޭ ހީކުރީ. ޔޫ ނޯ އައި ކެއާ އަބައުޓް ޔޫ." ޔަޝާ ވާހަކަ ދެއްކި އެވެ.

"އެ ދުވަހު އަހަރެމެން ދެމީހުންނަށް ވެސް ފެނުނީ ނުބައި މަންޒަރެއް. މީހަކު ގަސްދުގައި ކުޅުނު ބޮޑު ޑްރާމާއެއް. އެކަމުގެ ސަބަބުން އަހަންނަށް ވެސް ރަނގަޅު ފިލާވަޅެއް ލިބިއްޖެ. އެކަހަލަ ހަގީގަތެއް ނެތްކަމެއްގައި އަހަރެމެންގެ އެކުވެރިކަން ކެނޑިގެންދާން ބޭނުމެއް ނޫން. އެވާހަކަ ކިޔާދޭން ހުރީ. އެކަމަކު ޔަޝާ ފޯނު ނުނަގާތީ ކިހިނެއް ވާހަކައެއް ދެއްކޭނީ. އެނގޭތަ! އަސްލަންއަށް ވެސް އެ އަންހެނާ އޮޅުވާލި. ބޮޑު ކަންތައްގަނޑެއް ހިންގާލި. އެވަރުގެ ލަދެއްނެތް އަންހެނަކާ އަދި ދިމައެއްނުވޭ. ދެމަފިރިންގެ ދޭތެރެއަށް ވަނުމަކީ ކިހާ ނުބައިކަމެއްކަން އޭނާއަށް ނުވިސްނުނު." ނޯޔާ ވާހަކަ ދެއްކި އެވެ. ޔަޝާގެ ސަމާލުކަން އެކުވެރިޔާގެ ވާހަކައަށް ހުއްޓިފައި ވިއެވެ.

"ދެޓް ބި*... މަނަމަ މޫނުމަތީ އެންމެ ހަންކޮޅެއް ނުބައިންދާނަން. މަގޭ ތޫނު ނިޔަފަތިތަކުގެ ހުރިވަރު އަންގާލީމުސް."

ލޫނާ ކަންތައް ކުރި ގޮތް ނޯޔާ ކިޔާދިނުމުން ޔަޝާ ލޭމައްޗަށް ދިޔައެވެ. ރުޅިގަދަވެގެން ދަތްކުނޑިވިކާލި އެވެ. ނޯޔާއާއި އަސްލަންގެ ދެމެދުގައި ވާހަކަ ދައްކަން ޖެހޭ ވަރަށް ވާހަކަ ނުދެކެވުމުގެ ސަބަބުން ލޫނާއަށް ފުރުސަތު އިތުރުވީ ކަމުގައި ނޯޔާ ބުންޏެވެ. އެކަކުއަނެކަކާ ކަންކަން ހިއްސާ ކުރުމުގެ މިހިންމުކަން މިހާރު ނޯޔާއަށް ވިސްނިއްޖެއޭ ބުންޏެވެ.

"ނޯޔާ ވަރަށް ލޯބިވޭ ދޯ އޭނާ ދެކެ." ބެލްކަންޏަށް ބަލާލަފައި ޔަޝާ އަހާލި އެވެ. އެއާއެކު ނޯޔާ ނިކަން އަވަހަށް ބޯ ޖަހާލި އެވެ.

"އަނބިމީހާ ނުވަތަ ފިރިމީހާ މަރުވެފައި ތިބޭ މީހުންނާ އިންނާނެ ބަޔަކު ވެސް ތިބެންވާނެއެއްނު. ތިން އަންހެން ދަރީންނާއެކު އަސްލަން ހުރީ ވަރަށް އެކަނިވެފަ. ޔަޝާ އެއްޗެހި ނުކިޔައްޗޭ، އެއީ އަހަރެން ލޯބިވާ ފިރިމީހާ. އަހަރެންގެ ބެސްޓްފްރެންޑް އަހަރެންގެ ލައިފް އެކްސެޕްޓް ނުކުރާނަންތަ؟ މިހާރު މީ އަހަރެންގެ ދިރިއުޅުން. ތިންދަރީންނާއި ފިރިމީހާއާ، މި އާއިލާ. މިއެންމެންނާއެކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް ބޭނުން."

"އޯކޭ ފައިން... އައި ގިވް އަޕް. ނޯޔާއަށް ރަނގަޅަށް އެނގޭނެ އިމޯޝަނަލް ބްލެކްމެއިލް އަހަރެން ކުރެވޭނެ ހަމައެކަނި މީހަކީ ތީކަން. ނޯޔާ ދެރަވެއްޖެއްޔާ އަހަރެން ގަބޫލު ކުރާނެކަން. ޔޫ ބްލެކްމެއިލްޑް މީ." ޔަޝާ ބުނެލި ގޮތުން ނޯޔާއަށް ހީނލެވުނެވެ. ދެ އަންހެން ކުދީން އެކަކުއަނެކަކަށް ބަލާލާފައި ގާތަށް ޖެހިލީ ޔަޝާ އެވެ. ނޯޔާގެ ގައިގާ އޭނާ ބައްދާލި އެވެ. އެކުވެރިޔާގެ މަތިން ވަރަށް ބޮޑަށް ހަނދާންވިކަން ބުނެލީ ދެނެވެ. ކުރީން އޭނާ އިނީ ގޮތް ދޫނުކުރާށެވެ.

ޔަޝާގެ ތަބީއަތް އެނބުރި އަތުވެއްޖެ އެވެ. އެއާއެކު ސައިތައްޓާއި އޭނާއަށް ހާއްސަކޮށްފައި ހުރި ހަނޑުލު ގުޅަތަށި ފެނި ހިމޭނަކުން ނީނދެވުނެވެ. އަނގަފުރައިގެން އިނދެ ވެސް އޭނާ ވާހަކަ ދެއްކިއެވެ. ނޯޔާ ދަންނަ އެކުވެރިޔާއަކީ އެއީއެވެ. އެއްޗެކޭ ބުނެލާފައި ދޭތެރެއަކުން ނޯޔާގެ ބަނޑުގައި ފިރުމާލަ އެވެ. އެކުވެރިޔާއާ ބައްދަލުވީއިރު ވިހަން ތައްޔާރުވެފައި އިނދެދާނޭ ކުޑަކޮށް ވެސް ޔަޝާ ހީނުކުރެއެވެ.

ދުރުގައި އެ ދެ އަންހެންކުދީންނަށް ބަލަން އަސްލަން ހުއްޓެވެ. ހީނހީނފައި އެމީހުން ވާހަކަ ދައްކާއިރު ނޯޔާ ވެސް ފެންނަނީ ތަފާތު އުފާވެރި ކަމެއް ލިބިފައިވާ މީހަކު ފަދައިންނެވެ. އޭނާގެ ފުށުން ފެންނަ ޅަގޮތަކީ ޔަޝާއާއެކު ފެންނައިރު އަނބިމީހާގެ ފުށުން އަސްލަންއަށް ފެނުމުގެ ނަސީބު ލިބިފައިވާ ސިފައެކެވެ. އެންމެންގެ ކުރިމަތީ އުޅޭ ހަރު ގޮތް ނޯޔާގެ ފުށުން ގެއްލޭ ވަގުތަކީ ހަމައެކަނި އެއީ އެވެ. އޭނާގެ އެންމެގާތް އެކުވެރިޔާއާއެކު އިންނަ ވަގުތެވެ. ބެލްކަނިން އެތެރެއަށް އަސްލަން ވަން ވަގުތު އޭނާއަށް ޔަޝާ ގޮވާލި އެވެ.

"މީ މިގޭ ގެންގުޅޭ މީހެއްނޫން އިނގޭ. އަބަދު ދަރީން ބަލަން ޖައްސުވައިގެން ނުވާނެ. އަހަރެންނާއެކު ނޯޔާ ބޭރަށް ފޮނުވަން ޖެހޭނެ. ކޮންމެ މީހަކުވެސް އަމިއްލަ ޓައިމްކޮޅެއް ބޭނުން ވާނެ. އަދި ބުނަން... ނޯޔާ ހުއްޓަ އެއްވެސް އަންހެނަކަށް ބަލައިގެން ނުވާނެ. ދެން ބަލާފަ ބުނާނީކީ ނޫން ނޭނގި ބެލުނިއްޔޭ. މިއޮތީ ހަތަރުވަނަ ދަރި ކިއުގަ... ޝީ އިޒް ޔޯ ކުއީން. އެކަން ހަނދާންނައްތާ ނުލާތި. ނޫނީ..." ޔަޝާ ބުމަ ހިއްލާލައިގެން އިނދެ އަމުރު ކޮށްލި އެވެ. ރާގުގައި ހުރީ އިންޒާރުގެ އަސަރެވެ. އަސްލަން ނިކަން އަވަހަށް ބޯ ޖަހާލީ އެވެ. ޔަޝާ ބުނެލި ގޮތުން ހިނިއައި ނަމަވެސް އަސްލަން އެކަމެއް ނުދައްކައެވެ. އޭނާއާ ދިމާއަށް އަންހެންކުއްޖަކު އެފަދަ ގޮތަކަށް ދުވަހަކު ވެސް ވާހަކަދައްކާފައެއް ނެތެވެ. ނޯޔާ ބުނިހެން ޔަޝާއަކީ އާދައިގެ އަންހެންކުއްޖެއްނޫންކަން އަސްލަންއަށް ވެސް ފާހަގަވިއެވެ.

* * * * *

ތިން މަސް ފަހެވެ.

ލިފްޓުން ނުކުމެގެން އައި ރިދާން އައީ ޓެރެސްއަށެވެ. ބޮޑުބައި ހިޔާކޮށްފައި އޮތް އެ ޓެރެސްގެ ވަށައިގެން ހުރި ފާރުބުރީގަ ލެނގިލައިގެން އަސްލަން ހުއްޓެވެ. އޭނާގެ އަތުގައި އެންމެ ފަހުން ލިބުނު ފިރިހެން ދަރިފުޅު އޮތެވެ. ކައިރީގަ ދުވެދުވެފައި އަނުމް އުޅެއެވެ. އެތަނުގައި ހުރި މޭޒުދޮށުގައި ކުލަފަންސޫރުތަކާއި ކަރުދާސްތައް އެއްކޮށްގެން ކުރަހަން ސާރާއާއި މަލްސާއާއެކު ފަލަކްއާއި ރީވާ ތިއްބެވެ. ރިދާން އައި ގޮތަށް އަސްލަން ގާތުން އަހާލީ ނޯޔާއާއި އަރީން ކޮބާތޯ އެވެ.

"އެއްޗެހިތަށް ހިފައިގެން އަންނަނީއޭ ކިޔާފަ ދިޔައީ." އަސްލަން ބުންޏެވެ.

"ބަލާބާ..." ނިކަން އަވަހަށް އަތުގައި އޮތް ފޯނު ރިދާން ދައްކާލި އެވެ. އޭގެން ފެންނަން ހުރީ ވީޑިއޯއެކެވެ.

"މީ އެއްކަހަލަ މީހާއެއްނު." ރިދާން ބުނެލި އެވެ. އަސްލަން އެ ފޯނު ރިދާންގެ އަތުން ނަގައި ފަރުވާތެރިކަމާއެކު ވީޑިއޯ ބެލި އެވެ. ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކަށްވުމުން ފެނުނީ ކަމުގައި ރިދާން ބުންޏެވެ.

"ހޫމް! އެއީ މިދުހަތު." އަސްލަން ޔަގީންކަން ދިނެވެ.

"ރީތިވެއްޖެއެއްނު. އުމުރުހަމަ ނުވާ އަންހެންކުއްޖަކު ގޮވައިގެން އުޅެނިކޮށް އެ ބަސްޓްވީ. އޭނާގެ ޒަމާން އެ ދިޔައީ." ރިދާން ބުނެލި އެވެ. ވީޑިއޯގަ ފެންނަން ހުރީ އާންމު ރައްޔިތުން ތަކެއް އެއްވެ މިދުހަތު ހިފަހައްޓައިގަނެގެން އުޅެނިކޮށް ފުލުހުން އެތަނަށް އައިތަނެވެ. އަދި މީހުންގަނޑު ދުރަށްލާ ފުލުހުންގެ ޖިޕަށް މިދުހަތު އަރުވާތަނެވެ. އިވެމުންދިޔައީ ހުތުރު ބަސްތަކުން މިދުހަތަށް އެއްޗެހި ގޮވާއަޑެވެ.

"ނޯޔާއާއި އަރީނަށް ނުދައްކާތި. ވީޑިއޯއެއް އުޅޭ ވާހަކަ ވެސް ނުބުނާތި. ރިދާން ވެސް ތި ވީޑިއޯ ގެންގުޅޭކަށް ނުފެނޭ. އަހަރެމެންނާ ގުޅުމެއްނެތް މީހަކު ކޮންމެ ގޮތަކަށް އުޅުނަސް އަހަރެމެންނަށް ކީއް؟." އަސްލަން ނިކަން އަވަހަށް ބުންޏެވެ.

"ފަވާ... މީގަ ވެސް ހިފާބާ." ޓެރެސްގެ ދޮރުމަތިން އަރީންގެ އަޑު އިވުނެވެ. ދެން ފެނުނީ އެއްއަތުން ކޮތަޅެއް ހިފައިގެން އަނެއްއަތުން ކުޑަކުއްޖާ ލާފައި އޮތް ކެރިއޭޖް ހިފައިގެން ޓެރެސްއަށް ފަވާދު ނުކުތްތަނެވެ. ރިދާން އަވަހަށް ފޯނު ޖިންސުގެ ޖީބަށް ލީއެވެ.

"ބޭބީ ގޮވައިގެންތަ ޑެޑީ ތިއައީ." މޭޒުމަތީ ގުދަށް އޮވެފައި ތެދުވި ރީވާ ބުނެލި އެވެ. އަވަހަށް ކޮއްކޮ އުރާލަން ބޭނުން ވެގެން އޭނާ އައެވެ.

"ކޮއްކޮ ދެންމެ ބަނޑުފުރާލައިގެން އެއޮތީ. ނަގައިގެން ގެންގުޅޭތަނުން ހޮޑުލާފާނެ... އިއްޔެ ވެސް ރީވް އުޅުނީ ކޮއްކޮ ހޮޑުލައިގެން ފަކުރުން." ފަވާދު ހިނިއައިސްފަ ހުރެ ބުނެލިއެވެ. ހަނދާންތައް އާވުމާއެކު ރީވާގެ މޫނުން ފަކުރުގަނެފައި ހުރިކަމުގެ ވައްތަރުތައް ޖައްސާލިއެވެ.

ނޯޔާއާއެކު އަރީން ތަށިތައް ހިފައިގެން އައެވެ. އެމީހުންގެ ދާދި ގާތުގައި ނެހާގެ ދެމަފިރިން ތިއްބެވެ. ސަބީނާއާއި ރޫމާ އެކުދީންގެ ފަހަތުން އޮލަވާހަކައެއްގައި ތިބެގެން އައެވެ. ކޮންމެ މަހަކު ކަހަލަ ގޮތަށް ދެ ޢާއިލާގެ ގުޅުން ބަދަހިކުރުމަށް ކެއުމެއް ނޫނީ ސަޔެއް ބޭއްވުމަކީ އާދައެކެވެ. މި ހަފްލާގައި ދެ ފަރާތުގެ އާއިލާގެ ހުރިހާ މެންބަރުން ބައިވެރިވުމަށް އިސްކަމެއް ދެއެވެ.

އަރީންއަށް ހުކުމް އިއްވި ދުވަހު އެނބުރި ގެއަށް އައިސް ފަވާދު އެދުނީތީ އޭނާ ފޯނު ކުރި އެވެ. އަރީނަށް މައާފްކޮށްފީމޭ ފަވާދު ބުނީ އެ ދުވަހު އެވެ. އެހިތް އަރީނާ މެދު އޭނާ ސާފު ކޮށްފި އެވެ. އަދި ފަވާދު އިންތިޒާރު ކުރީ އަރީން ވިހާނޭ ދުވަހަކަށެވެ. އަރީން ވިހޭތާ އެއްމަސް ފަހުން އޭނާއާ ބައްދަލު ކުރަން ފަވާދު އައެވެ. އަރީން ގާތު ލޯބިވޭތޯ އެހީ އެގޭ ދޮރޯށިން އެތެރޭގައި ހުރެ އެވެ. ރޮމުންރޮމުން އަރީން ހިތް އެދޭވަރު ހާމަ ކުރިއިރު ފަވާދުގެ ދެ ލޯ ތެމުނީ އުފަލުންނެވެ. ރީތި ދިރިއުޅުމެއް އުޅޭން ނުހަނު ބޭނުންވެފައި ހުރިކަން އަރީން ހާމަކުރި އެވެ. އެ ދިރިއުޅުން ފުރިހަމަ ވާނީ ދަރީންގެ ބައްޕައާއެކުކަން އަރީން ބުންޏެވެ. ފަވާދު ލަސް ކުރުމެއް ނެތި އަރީނާ އިންނަން ބޭނުންވާކަން ހާމަ ކުރި އެވެ. މިނިވަނެއްގެ ގޮތުގައި ހުރި އަރީން ދެވަނަ ފަހަރަށް ވެސް އިންނަން އެއްބަސްވީ ފަވާދާ އެވެ. އެ ހުށަހެޅުން މިފަހަރު ގަބޫލުކުރީ ހިތުން ރުހުމުންނެވެ. ފަވާދަށް ހިތްއެކީ ދެވިގެންނެވެ. ކައިވެންޏަށް ފަހު މިއަދާ ހަމައަށް ވެސް އަރީންގެ ބޭފަވާތެރިކަމާ ބެހޭ ގޮތުން ފަވާދު ސުވާލެއް ނުކުރެ އެވެ. ކާކުގެ ދަރިއެއްތޯ ވެސް އަހާ ނުލަ އެވެ. އޭނާ އަރީން ބަލައިގަތީ އެ ކުޑަކުޑަ ދަރިފުޅާއެކު އެވެ. ފަވާދުގެ މައްޗަށް އިތުރަށް ހިތް ލެނބުނު ސިފައަކަށް އޭނާގެ އެ ކެތްތެރިކަން އަރީނަށް ފުދުނެވެ. ހުރިހާ ގޮތަކުން މިއަދު އަރީން އެހުރީ ފަވާދާ މެދު ހިތްހަމަޖެހިގެންނެވެ. ފަވާދު އަބަދުމެ ދުށުމަށް އެދެމުން އައި އަރީން ހަސީލުވީ އަދިކިރިޔާ އެވެ.

"ސޮރީ! އަހަރެން ދޯ އެންމެ ލަހީ." ދުވަމުން ކަހަލަ ގޮތަކަށް ޓެރެސްއަށް ނުކުތް ޔަޝާ ބުނެލި އެވެ. އެންމެންހެން އެ އަންހެންކުއްޖާގެ ތަރުތީބުނެތް ކަމަށް ހީނލި އެވެ. ރޫމާއާއި ނޯޔާ އަވަހަށް ގޮނޑިއެއް ޔަޝާއަށް ހުސްކޮށްލި އެވެ. އޭނާ އައިގޮތަށް ގޮނޑިއަށް ވެއްޓިގަތީ އެވެ. ވަރުބަލިވެގެން ހަލާކުވެއްޖެޔޭ ކިޔަމުންނެވެ. އަޅާފައި ހުރި ހެދުމުންނާއި ނަލަވެފައި ހުރިވަރުން އޭނާ އެއައީ އޮފީހުންކަން ޔަގީނެވެ.

"މަގޭ ޕްރިންސް ކޮބާތަ؟ މިއަދު ސްނެޕެއް ވެސް ކޮށްނުލާ." ރޫމާ ދިން ފެންތަށިން އެތިފޮދެއް ބޯލަމުން ޔަޝާ ވާހަކަ ދެއްކި އެވެ. އޭނާއަށް ސަބީނާގެ އައިލާ ބީރައްޓެހި ބަޔަކަށް ނުވެއެވެ. އެންމެންނަށް ވެސް އެ އަންހެންކުއްޖާއަކީ އެމީހުންގެ ނޯޔާގެ އެންމެ ގާތް އެކުވެރިޔާކަން އެނގެ އެވެ. އަދި ޔަޝާގެ ވާހަކަ ދެއްކުމާއި މިޒާޖު ވެސް ހުރީ ފެނިފަ އެވެ.

"ނުލިބޭނެ. ފުރަތަމަ ތި ދެއަތް ދޮވޭ... އެއްވެސް ދަރިއެއް ގައިގަ އަތްލެވޭނީ އޭގެ ފަހުގަ. ނޭނގެ ކޮންކޮން ތަންތާކު އަތް އުނގުޅާފަ ކަމެއް ތިއައީ." ނޯޔާއަށް މިހެން ބުނެވެންވާއިރަށް އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔަ އެވެ. ޔަޝާ ހުރެއްޖެނަމަ ނޯޔާ ވެސް އަނގަ ގަދަވާކަން އެންމެންނަށް ފާހަގަ ވެއެވެ.

މޭޒުދޮށުގައި އެންމެން އިށީނދެ ހަމަޖެހުނެވެ. ހަވީރުގެ ސަޔަށް އެތައް ބާވަތެއް ތައްޔާރު ކޮށްފައި ވެއެވެ. މޭޒުދޮށުގައި ތިބި ކޮންމެ މެންބަރަކަށް ނޯޔާ ބަލާލިއެވެ. އެތަނުގައި އެތިބީ އޭނާގެ އާއިލާ އެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. އެހިނދު އޭނާއާ ނަޒަރު ސީދާވެލި އަރީން ނިތްއަރުވާލި އެވެ. ކިހިނެއްވީތޯ އަހާލާ ފަދައިންނެވެ. ހިނިތުންވުމާއެކު ނޯޔާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"އައި ލަވް ޔޫ." ނޯޔާގެ ފައިގަ ފިރުމާލަމުން ކަންފަތް ދޮށުގައި ސިއްރުން އަސްލަން ބުނެލި އެވެ. އަނބިމީހާ ކަމަކަށް ގެއްލިފައި އިންހެން ހީވެގެންނެވެ. އިހުނަށްވުރެ އެތައް ގުނައެއް ނޯޔާގެ ހިނިތުންވުން ފުޅާވެލި އެވެ.

"އަހަރެން ވާހަކައެއް ބުނަންވެފަ އެބައޮތް." އަސްލަން ވާހަކަ ދެއްކި އެވެ. ނޯޔާ ބޯ ޖަހާލި އެވެ. ބުނާށޭ ބުނާ ފަދައިންނެވެ.

"އޮފީހުން ކެނޑެން ނިންމައިން. ލޫނާއާ ހެދި ކަންތައްވީ ގޮތުން އަހަރެން މިހާރު އެތަނުގައި އުޅޭހިތެއް ނުވޭ. އަބަދު ހިތަށް އަރަނީ އޭނާ އެހެން ހުރެފަ ކަމެއް ކޮށްފާނެއޭ. އޭނާގެ ހިތް ރަނގަޅުނޫން ކަން އަހަރެމެންނަށް އެނގެއެއްނު. ހުސެން ކައިރީ ވެސް ބުނިން ކެނޑެން ހިޔާލު ކުރަމޭ."

"ދެން އޮފީހުން ކެނޑިގެން ކީއްކުރާނީ. އެކަމަކު މިހުރިހާ ދުވަހު އަސްލަން އުޅުނުތަނެއްނު އެއީ. މަސައްކަތެއް ނުކޮށް ހުންނާކަށް ނުވާނެ." ނޯޔާއަށް ބުނެވުނެވެ.

"ފަވާދުއާ ދެމީހުން ވެގެން މިއުޅެނީ އަމިއްލަ މަސައްކަތެއް ފަށަން. އަރީނު ކައިރީ ވެސް އޭނާ އެ ވާހަކަ ދައްކައިފި. ނޯޔާ ވިހާ ގަދަވަންދެން އަހަރެން މަޑުކުރީ. އަހަރެމެން ދެ މީހުން އަތުގައި ވެސް ކަމެއް ފެށޭވަރަށް ފައިސާ އެބަހުރި. ނޯޔާ ކީކޭ ބުނަނީ."

"އަސްލަން ރަނގަޅަށް ވިސްނާފަތަ ތިހެން ތިނިންމީ." ނޯޔާ އަހާލިއެވެ. އެއާއެކު އަސްލަން ބޯ ޖަހާލި އެވެ.

"އަހަރެންނަށް އޯކޭ. އެނގެއެއްނު އަސްލަންއަށް އަހަރެންގެ ސަޕޯޓް ލިބޭނެކަން." ނޯޔާ ބުނެލި އެވެ. ހަގީގަތުގައި އަސްލަންގެ އެ ނިންމުން އިވިފައި އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ. ލޫނާއަށް ފެންނަ ހިސާބުގައި އަސްލަން ނުހުންނާނެކަން އެނގޭތީ އެވެ. އަދި މިފަހަރު އަސްލަން އަމިއްލައަށް އެފަދަ ކަމަކާމެދު ވިސްނާ ރައްކާތެރިވާން ނިންމީމަ އެވެ.

"މިއޮއް އެންމެންގެ ތެރޭ ދެ މީހުން ތުންގުޅައިގެން ތިބެ ކޮން ސިއްރުވާހަކައެއް ތިދައްކަނީ. ނިކަން އަހަރެމެންނަށް އިވޭނޭ ވަރަށް ކިޔާބަލަ." ނެހާގެ ބޮޑު އަނގަ ފެޅި އެވެ.

"ސިއްރު ވާހަކައަށް އެހެން ކިޔަނީ އެންމެންގެ ތެރޭ ބުނަން ނުޖެހޭނެތީއޭ." ރިދާން ދޫނުކޮށް ބުނެލި އެވެ.

"ރިދާނުގެ ބޮޑުއަނގަ. މީނައާ އަޅެ މީހަކު ވާހަ ކަދައްކައިފިތަ." ނެހާ ބުނެލި އެވެ.

"ރޫމާ، ކަލޭމެން ދެމަފިރިން އަހަރެންނަށް ދިނީ އޭގެ އަގު ނުކުރެވޭނެވަރުގެ އަގުބޮޑު ޖަވާހިރެއް. މިއާއިލާގެ ދިރުން އެ ދަރިފުޅަކީ. ﷲ ތި ދެމަފިރިންނަށް އެދަރިފުޅުގެ ކިބައިން ހެޔޮ ޖަޒާ ދެއްވާނެ. ލާމަސީލު އަންހެން ދަރިއެއް ތަރުބިއްޔަތުކޮށްފަ ތިވަނީ. ރިވެތި އަހްލާގުގެ ނަމޫނާއެއް އެއީ. އަހަރެންގެ ހުރިހާ ހާސްކަމެއް މިހާރު ހިނގައްޖެ. ރޫމާ، ޝުކުރިއްޔާ އެކުވެރިޔާ." ރޫމާގެ އަތުގައި ހިފާލަމުން ސަބީނާ ބުންޏެވެ. އަދި އައްޔޫބަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ.

"މުސްތަފާއާ އަހަރެން ބައްދަލުވާ ދުވަހު އޭނާ ނެތް ދުނިޔޭގައި އެ އެކުވެރިޔާގެ އާއިލާ އަހަރެން ދޫކޮށްނުލަންކަން މިހާރު އެނގޭނެ. އޭނާއާއި މާހިރަށް ވީ ވަޢުދުގެ މަތީ އަހަރެން ދެމިހުރީން. އަހަރެމެންނަކީ ދުރު ބައެއް ނޫން." އައްޔޫބު ހިނިތުންވެ ބޯޖަހާލިއެވެ.

އިސްލާމީ ރިވެތި އާދަތައް ފިރިމީހާއާއި އެ އާއިލާއަށް ގެނެސް އެ އާދަތަކުގައި ދެމެހެއްޓީ ނޯޔާއެވެ. އެންމެ ތުއްތު އިރުން ފެށިގެން ދީނަށް ދަރީން ހޭނުމަށް ނޯޔާ އިސްކަން ދިނެވެ. އޭނާގެ މަންމަ ފަދައިންނެވެ. ދީނީ އިލްމަކީ ދަރީންނަށް ފުރަތަމަ ދަސްކޮށްދޭންޖެހޭ ފިލާވަޅުތަކެވެ. އެ ބިންގާ ރަނގަޅުވާން ޖެހެއެވެ. ކިޔައިދީ ދަސްކޮށްދިނުމުގެ އިތުރުން ޢަމަލުން އެ ދަރީންނަށް ކަންކަން އޭނާ ދައްކައިދެއެވެ. ދެމަފިރިންގެ ދެމެދުގައި އޮތް ލޯބި އެމީހުން އެ ދަރީންގެ ކުރިމަތީ ނުފޮރުވައެވެ. ނޯޔާގެ ވިސްނުމުގައި މަންމައާއި ބައްޕަ ލޯބިން އުޅޭ ގޮތަކީ އެ ދަރީން ބޮޑެތިވެ މީހުންނާ އިންނަ ދުވަހަކުން އުޅޭންވާނީ ކިހިނެއްކަން އަންގައިދޭނޭ ފިލާވަޅުތަކެވެ. ދެމަފިރިންގެ ދެމެދުގައި އޮންނަންޖެހޭ ލޯތްބާއި އޯގާތެރިކަމާއި އެކަކުއަނެކަކަށް ދޭ ސަމާލުކަމާއި އަޅާލާއަޅާލުންތައް ކުރާ ގަދަރު ދަރީންނަށް ފެނިގެން ނޫނީ ގުޅުން ދެމެހެއްޓުމުގައި އެކަމުގެ މުހިންމުކަމެއް އެކުދީން ބޮޑުވަމުން އަންނައިރު ނުވިސްނޭނެއެވެ. އެކުދީންނަށް އެމީހުންގެ ބައްޕަ، މަންމަދެކެ ލޯބިވާވަރާއި ދޭ ހާއްސަކަން ފެނެއެވެ. އަދި މަންމަ ކަންކަން ހުއްޓާލާފައި ބައްޕައާ ސަލާމްކުރުމަށް ހުސްވެގަންނަ ގޮތް ވެސް ފެނެއެވެ. ދަރީންގެ ތަރުބިއްޔަތު ފެށެނީ ގޭތެރެއިންނެވެ. ހަމައެއާއެކު ގުޅުންތައް ގާތްވެ ވަރުގަދަވަނީ ﷲ އަށް ތަގުވާވެރިވީވަރަކުންނެވެ. އެކަލާނގެ އަޒާބާމެދު ބިރުގަނެ، އެކަލާނގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ކޮންމެ މީހަކުވެސް ވާން އެބަޖެހެއެވެ.

ނޯޔާގެ މޫނުން އެންމެ ފުރަތަމަ ދުވަހު ވެސް އަސްލަން ދުށީ ހިނިތުންވުމެކެވެ. ގާތްކަމާއި ހިތްހެޔޮކަން އެ ހިނިތުންވުމުގައި އެ ދުވަހު ވެސް ވިޔެވެ. ދިރިއުޅުން މިހިސާބަށް އައިއިރު އަސްލަންއަށް ވެސް އަނބިމީހާގެ ފުށުން އެތައް ކަމެއް ދަސްވެއްޖެއެވެ. އޭނާގެ ސަބަބުން ނޯޔާގެ ހިނިތުންވުން ގެއްލި ކަރުނަ އަޅާ ދުވަހެއް ނުދެއްކެވުމީ ހިތުގައި އަބަދުމެވާ ދުޢާއެވެ. ނޯޔާގެ އެ ހިނިތުންވުން އޭނާގެ ހިއްސުތަކާ ކުޅެލާކަމީ ޔަގީންވާ ކަމެވެ. އަނބިމީހާގެ ކޮންމެ އަދާއަކަށް އޭނާ ފިދާވެ ނިމިއްޖެއެވެ. ނޯޔާގެ ޖަންނަތެއް ފަދަ ހީނލުން އަސްލަންގެ ދުނިޔެ ރަންކޮށްދީފިއެވެ. ދަތުރުގައި އޭނާއަށް އާދެވިފައި ވަނީ ދުރުނުވެވޭނޭހާ ގާތަށެވެ. ވަކިވުމުގެ ހިޔާލެއް ކީއްކުރަން، އެކަމުގެ ތަސައްވުރެއް ވެސް ނުވެއެވެ. ރަނގަޅު އަންހެނުންވަނީ ރަނގަޅު ފިރިހެނުންނަށްކަމާއި އަދި ރަނގަޅު ފިރިހެނުންވަނީ ރަނގަޅު އަންހެނުންނަށްކަން ﷲ ވަނީ އަންގަވާފައެވެ. އަސްލަންއެކޭ އެއްފަދައިން ނޯޔާގެ ހިތުގެ ދުޢާއަކީ ބައިވެރިޔާއާއި ލޯބިވާ މީހުންނާއެކު ޖަންނަތުގެ ތާއަބަދުގެ ހިޔާވަހީގައި އެކުގައި ވުމެވެ. (ނިމުނީ)