ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިޝްކާގެ މަރު

މިޝްކާގެ މަރު: އިތުރު ފިޔަވަޅުތަކެއް އަޅައިފި

މިދިިޔަ އަންގާރަ ދުވަހުގެ ރޭ ކޮވިޑް ބަލީގައި މަރުވި ފާތިމަތު މިޝްކާއަށް ފަރުވާ ދިނުމުގައި ވެފައިވާ އިހުމާލުތަކާއި ގުޅިގެން އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅުތަކެއް އަޅައިިފި އެވެ.

މިޝްކާއަށް ފަރުވާ ދިނުމުގައި ލަސްތަކެއްވީ އިދާރާތަކުގެ އިހުމާލުން ކަމަށް އާއިލާއިން ބުނުމާއި ގުޅިގެން އެކަން ބެލުމަށް ހެލްތް މިނިސްޓްރީން ވަނީ ހާއްސަ ތަހުގީގެއް ހިންގާފައެވެ. އެ ތަހުގީގު ފުރަތަމަ މަރުހަލާގެ ރިޕޯޓް އާންމުކޮށްފައިވާއިރު ތަހުގީގުގައި އިދާރާތަކުގެ ބޮޑެތި އިހުމާލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އެކަމާއި ގުޅިގެން މަސައްކަތްތައް ހަރުދަނާކޮށް އެފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ހެލްތް މިނިސްޓްރީގެ ފުރަތަމަ މަރުހަލާގެ ރިޕޯޓަށް ބެލުމަށް ފަހު ތިން މަރުހަލާއަކަށް ބަހާލައިގެން ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ. އެގޮތުން ކޯލް ސެންޓަރަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބު ދިނުމުގައި އަމަލުކުރާ އުސޫލު ހަރުދަނާކޮށް ކޯލް ސެންޓަރުން އަމަލު ކުރަންޖެހޭ ގޮތަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން އިމާޖަންސީ ކޯލްތަކުގައި ފޯން ކޯލް ނުބާއްވާ މޫވްމަންޓް ޓީމަށް ޕާސްކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އަދި އެފަދަ ކޭސްތަކަށް އެޑެންޓް ކުރުމާއެކު އަވަސް ފަރުވާ ދިނުމަށް އެމްބިއުލާންސް ފޮނުވޭނެ އަވަސް ގޮތްތަކެއް ހަމަޖެއްސުމާއި ކޯޑިނޭޝަން ރަނގަޅު ކުރުމަށް އޯބީ ސިސްޓަމް ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތްތަކާއި އޯބީ ސިސްޓަމް ފެއިލްވެއްޖެނަމަ ދެން އަމަލު ކުރަން ޖެހޭ ގޮތްތަކެއްވެސް ހަަމަޖައްސަމުންދާ ކަަމަށެވެ.

"މި އެޅޭ ފިޔަވަޅުތައް ފެއިލްވެއްޖެނަމަ ސޭފްޓީ މެކޭނިޒަމެއްގެ ގޮތުން ތިންވަނައަށް ކޮވިޑް އިމާޖަންސީ ހާލަތްތަކުގައި ވޯކިން ކުރެވޭނެ ގޮތަށް ހޮސްޕިޓަލްތަކަށްވެސް ވޯކިން ކުރެވޭނެ ގޮތަށް އަދި އޯޕީޑީ ހިދުމަތް ހޯދުމަށްވެސް ދެވޭނެ ތަންތަން ކަނޑައަޅާ އެ ތަންތަން އޮޕަރޭޝަނަލައިޒް ކުރެވި އެތަންތަނުގެ އޮޕަރޭޝަން އޮޕްޓިމައިޒް ކުރުމުގެ މަސައްކަތް މިވަގުތު އެބަ ކުރިއަށްދޭ،" މަބުރޫކް ވިދާޅުވިއެވެ.

މަބުރޫކް ވިދާޅުވީ ހެލްތް މިނިސްޓްރީން ބައެއް އެނަލައިޒް ހަދާފައިވާ ކަމަށާ އެކަމާއި ގުޅިގެން ގެންނަން ޖެހޭ ބަދަލުތައްވެސް މިހާރު ގެންނަމުންދާ ކަމަށެވެ.

މިޝްކާ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މެއި މަހުގެ 30 ވަނަ ދުވަހު އެވެ. ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން އެހުމުން ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންވާ ކަމަށް މިޝްކާގެ ބެލެނިވެރިޔާ އެދުނެވެ. ނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ދެވިފައިނުވާ ކަމަށް ހެލްތުގެ ރިޕޯޓުން އެނގެ އެވެ.

އުސޫލު ހަަމަޖެހިފައިވާ ގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ 15 އަހަރުން ދަށުގެ ކުދިންނަށް ކެއާ ކްލަސްޓާގެ ފަރާތުން ހާލު ބެލުމަށް ގުޅަން ޖެހެއެވެ. ނަމަވެސް ދެ ދުވަސް ވެގެން ދިޔައިރު ވެސް މިޝްކާގެ ހާލު ބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައެއް ނުވެ އެވެ. ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މެއި މަހުގެ 31 ވަނަ ދުވަހު މިޝްކާ ހުން ގަދަވެ އެއްވެސް އެއްޗެއް ނުކެވި ވަރުބަލިވުމާއި އަދި ކެއްސާތީ އެޗްއީއޯސީގެ ކޯލު ސެންޓަރަށް ގުޅާ އެ މައުލޫމާތު އާއިލާއިން ދިނެވެ. އެއީ އެ ދުވަހު މެންދުރު 2:20 ގައެވެ.

ބެލެނިވެރިޔާ ދިން އެ މައުލޫމާތަށް ބިނާކޮށް ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރު އެ ދުވަހު 3:53 ގައި ގުޅިއެވެ. އަދި ގޭގައި ބޭނުން ކުރަމުން ދާ ބޭސް ކުރިއަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން ގުޅުމަށް ޑޮކްޓަރު ލަފާދެއްވި އެވެ.

އެ ރޭ 9:06 ގައި މިޝްކާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ވަނީ ކޯލްސެންޓަރަށް ގުޅާފަ އެވެ. އަދި މިޝްކާގެ ހާލު ގޯސްވާހެން ހީވާ ކަމަށާ ނޭވާލަން އުނދަގޫވެ އަތްތަޅުވާ ހަދާ ކަމަށް ބުނެ އަދި ވީހާވެސް އަވަހަށް ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ވާހަކަ މިޝްކާގެ ބެލެނިވެރިޔާ އެންގި އެވެ.

މި މައުލޫމާތާއި ގުޅިގެން ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެެލެނިވެރިޔާއަށް ގުޅުމަށް މަަސައްކަތްކުރި ނަމަވެސް އެ ވަގުތު ގުޅިފައެއް ނުވެއެވެ. އޭގެ ފަހުން މިޝްކާގެ ބެލެނިވެރިޔާ ކޯލް ސެންޓަރަށް ގުޅާ ނޭވާ ނުލެވިގެން އުނދަގޫވާ ވާހަަކަ އެންގިއެވެ. އެއީ އެރޭ 10:06 ގައެވެ. އަދި އެ މައުލޫމާތާއި ގުޅިގެން ޑޮކްޓަރަކު ގުޅުމުން މިޝްކާގެ ހާލަތު ސާފު ކޮށްދިން ނަމަވެސް 10:39 ވީއިރުވެސް އެމްބިއުލާންސް ދާން އަންގާފައި ނުވާކަން އެ ރިޕޯޓުން އެނގެ އެވެ.

އެރޭ 11:16 އާއި 11:33 އާ ދެމެދު މިޝްކާގެ ބެލެނިވެރިޔާ ވަނީ ފަސް ފަހަރު ކޯލް ސެންޓަރަށް ގުޅާފަ އެވެ. މި ތަނުން އެއް ކޯލްގައި މިޝްކާގެ ހާލު ދަށްވަމުންދާ ކަމަށާ ހޭނެތިފައިވާ ކަމަށް އަދި ކަންފަތުން ލޭ އަންނަ ކަމަށް ބުނެފައި ވެއެވެ. މި ކޯލްތަކުގައި މިޝްކާ ބަލާ ފޮނުވާނެ ކަމަށް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް ގޮސްފައެއް ނުވެއެވެ. އެމްބިއުލާންސް ދިއުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ވެއެވެ.

އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓް ކޮށްފައެއް ނުވެއެވެ. އެމްބިއުލާންސް ފޮނުވާ ކަމަށް ބުނެ އާއިލާއަށް ދީފައިވަަނީ ދޮގު މައުލޫމާތެވެ.

އެމްބިއުލާންސް ދިއުން ލަސްވެގެން އެރޭ 11:27 ގައި މިޝްކާގެ އާއިލާގެ މީހަކު ދަރުބާރުގެއަށް ވެސް ދިޔައެވެ. އަދި އެތަނަށް ގޮސް ހާލަތު އެންގި އެވެ. އެމްބިއުލާންސް ބޭނުންވާ ކަމަށް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާ އިން އީއެމްއެސްއަށް އަންގާފައި ވަނީ އޭގެ ފަހުން 11:32 ގައެވެ. މިޝްކާ ބަލާ އެ ގޭ ދޮށަށް އެމްބިއުލާންސް ގޮސްފައިވަނީ އެ ރޭ 11:38 ގައެވެ. އަދި އޭރު މިޝްކާގެ އެއްވެސް ހަރަކާތެއް ނެތުމުން ސީޕީއާރު ފެށި އެވެ. މިޝްކާ އައިޖީއެމްއެޗްގެ އީއާރަށް ގެންގޮސްފައި ވަނީ އެ ރޭ 11:42 ގައެވެ.