ކޮވިޑް ޖެހި ފަރުވާ ދިނުން ލަސްވެގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފާތިމަތު މިޝްކާ މަރުވި މައްސަލައިގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މަޖިލީހަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ހަފްތާއެއް ދީފި އެވެ.
އުމުރުން 10 އަހަރުގެ މިޝްކާ މަރުވި މައްސަލައިގައި ނަސީމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުން މިއަދު ވަނީ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ނަސީމް ވިދާޅުވީ މިޝްކާގެ މަރާ ގުޅިގެން އެ މައްސަލަ ބަލައި ހެލްތު މިނިސްޓްރީން ނެރުނީ ވަރަށް ތަފްސީލީ ރިޕޯޓެއް ކަމަށެވެ. އެހެންނަމަވެސް މުޅި ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އަދި ބަލަންޖެހޭ ކިތަންމެ ކަމެއް އެބަހުރި ކަމަށެވެ.
މިޝްކާ މަރުވީ ފަރުވާ ދިނުމުގެ އުސޫލުތައް ދޯދިޔާކޮށް ހުރުމުންކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރު ތެރޭގައި ވެސް އެކަން ހުރީ އެގޮތަށް ކަމަށެވެ.
"މިކަމަކީ މިދިޔަ ދޮޅު އަހަރު ދުވަސް ތެރޭގައި ހިނގަމުންދިޔަ ގޮތަށް އައިއިރު ބެލިފައި ނެތް ގެޕްސް މިހުންނަނީ. މި ކަހަލަ ކަންތައްތައް ވާގޮތަކީ އާންމު ގޮތެއްގައި މިކަހަލަ ހާދިސާއެއް ނުހިނގާ ގޮތަށް ވާކަމުގައި ވަނީނަމަ އެ ތަންތަނަށް އެޓެންޝަން ދެވިފައި ނުހުންނަނީ މައިގަނޑު ގޮތެއްގައި. ނުހުންނާތީ އަޅުގަނޑުމެންނަށް އެލާޓްވެސް ނުވެވެނީ" ނަސީމް ވިދާޅުވި އެވެ.
ތަހުގީގު ނުނިމެނީސް ވާހަކަތައް ދެއްކުން ރަނގަޅު ނޫން ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ހާދިސާ ހިނގައިދިޔަ ގޮތުގެ އެންމެ ފުނަށް ފީނަން ޖެހޭ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ޖަވާބުދާރީ ވާން އިތުރު ވަގުތު ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"ކުރެވުނު ތަހުގީގުތަކުން އަޅުގަނޑުމެންނަށް މިހާތަނަށް ފެނުނު ހުރިހާ ކަމެއް އެ ރިޕޯޓްގައި އެހުރީ ޝާއިއު ކުރެވިފައި. ދޭން އޭގައި ހުންނާނެ ވަރަށް ގިނަ ކަންތައްތަކެއް ތިބޭފުޅުންވެސް ބައްލަވައިފިއްޔާ އޭގައި ހުރި ގެޕްތައްވެސް ވަރަށް ރަނގަޅަށް ފެނިވަޑައިގަންނަވާނެ. އޭގެ މައްޗަށް ރިއާޔަތް ކުރައްވާފައި އަޅުގަނޑު ބޭނުންވަނީ ގާތް ގަނޑަކަށް ހަފްތާއެއްހާ ދުވަސް ދެއްވަން. އެހާތަނަށް އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެ. އެ ހިސާބުން އަޅުގަނޑު ތިބޭފުޅުންނާ ބައްދަލުކޮށްފައި މިކަންތައް ކުރުން ރަނގަޅުވާނެ،" ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރާ ސުވާލު ކުރުމަށް ހުޅުވާލުމުން ފުރުސަތަކަށް އެދިވަޑައިގެންނެވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެކަންޏެވެ. ނަސީމް އެދިވަޑައިގެންނެވި ގޮތަށް ޖަވާބުދާރީވުމަށް ތާރީހުް ހަމަޖައްސަވައި ދެއްވުމަށް ތާއިދުކުރައްވައި ރޮޒައިނާ ވެސް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދިއުން ބުއްދިވެރީ ފުރިހަމަ މައުލޫމާތު ހޯދުމަށްފަހު ކަމަށެވެ. މިހާރުވެސް މައްސަލާގައި ތޯތޯ ވާހަކަތައް ދައްކައި ވަކި ބަޔަކު ކުށްވެރި ކުރަމުންދާ ކަން ރޮޒައިނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވެނީ އަޅުގަނޑުމެންގެ ކޮމިޓީން ހާއްސަ ގޮތެއްގައި ކަމެއް ނިންމާއިރުގައި ވަރަށް މުހިންމުހެން އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ހުރިހާ މައުލޫމާތެއް ލިބިގެން ކުރިއަށް ގެންދިއުން" ރޮޒައިނާ ވިދާޅުވި އެވެ.
އޭނާގެ އެދިވަޑައިގަތުމަކާ އެކު މިޝްކާގެ މަރުގެ މައްސަލައިގައި ޖަވާބުދާރީވާން އިތުރު އެއް ހަފްތާއެއް މިނިސްޓަރަށް ދެއްވުމަށް ކޮމިޓީގެ މުގައްރިރު ޖީހާން މަހުމޫދު ނިންމެވި އެވެ.
ހެލްތް މިނިސްޓްރީން ބުނީ މިޝްކާއަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި އަމަލުކޮށްފައިވަނީ އިމަޖަންސީ ހާލަތުގައި އަމަލުކުރާ ގޮތަށް ނޫން ކަމަށާ އަދި އެމްބިއުލާންސް ޓްރިގާ ކުރަންޖެހޭ ވަގުތު އެކަންވެސް ކޮށްފައި ނުވާ ކަމަށެވެ. އިމަޖެންސީއެއްގެ ގޮތުގައި ރިޕޯޓް ކުރެވުނު ހިސާބުން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓް ވަނީ ހޭދަވެފަ އެވެ. އަދި އަމަލުކުރަަން ޖެހޭ އުސޫލުތަކާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިވެސް ނުވާ ކަމަށާ ކޯލް ސެންޓަރަށް ލިބިފައިވާ ކޯލްތަކަށް ބަލާއިރު މިޝްކާގެ ހާލަތު ސީރިއަސް ކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާ ކަމަށެވެ
އެ މައްސަލައިގައި މިހާތަނަށް އެއްވެސް މުވައްޒަފަކަށް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.