ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ހަމަތަކާއި އުސޫލުތަކަށް އަމަލު ކުރުމުގެ ބައެއް މާއްދާ އިސްތިސްނާކޮށް އޯވަޑްރޯ (އޯޑީ) ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް ދަމާލަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތައް ސަސްޕެންޑްކުރީ މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. އަދި މި އަހަރު ވަނީ އެ މުއްދަތު އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމަ އަށް އިތުރުކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އެ މުއްދަތު ތިންވަނަ ފަހަަރަށް އިތުރުކޮށް 2023 އޭޕްރީލް މަހާ ހަަމައަށް ދަންމާލަން އެދިވަޑައިގެންފަ އެވެ.
އަމީރު ވިދާޅުވީ ކޮވިޑް ވެކްސިނާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި އިގްތިސާދު އަރައިގަތް ނަމަވެސް މިހާތަނަށް ވެސް ދުނިޔެއަށް ކޮވިޑުން އަރައި ނުގަނެވޭ ކަމަށެވެ. ހަމަ އެހެންމެ އިގްތިސާދަށް އޮތް ނުރައްކާތައް އަދިވެސް ބޮޑަށް އެބައޮތް ކަމަށާއި ކުރު މުައްދަތެއްގެ ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓްގެ އޯވާޑްރޯ ކުރި އަދަދު އަނބުރާ ދެއްކުމަކީ ދައުލަތުހެ ކޭޝް ފްލޯ މެނޭޖްކުރުމާއި ދައުލަތުގެ ބަޖެޓު ތަންފީޒު ކުރުމުގައި ދަތިތަކާ ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.
"[އަދި] ފައިނޭންސިން ހޯދުމަށް ހުރަސްތަކެއް ހުރުމާއެކު 2022 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެންވެސް އޯވާ ޑްރޯ ނުކޮށް ކުރިއަށް ދިއުމަކީ އިގްތިސާދަށާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަކަށްވެސް އެކަމުގެ ނުރަނގަޅު އަސަރުކުރާނެ ކަމެކެވެ" އަމީރުގެ ސިޓީގައި ވެއެެވެ.
އެހެންކަމުން ދައުލަތުގެ ހަރަަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ހ، ރ އަދި ބ ގެ މާއްދާ އަނެއްކާ ވެސް އިތުރު އެއް އަހަރަކަށް އިތުރު ކުރަން އަމީރު ހުށަހެޅުއްވި އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށް އަސަރު ކުރުމާއެކު ދައުލަތް ހިންގަން ފައިސާ ބޭނުންވާތީ އެމްއެމްއޭއިން 4.4 ބިލިއަން ރުފިޔާގެ އޯޑީ ފެސިލިޓީއެއް ނަގާފައިވީނަމަވެސް މިހާތަނަށް މި ފެސިލިޓީ އިން ނަގާފައިވަނީ 3.5 ބިލިއަން ރުފިޔާ އެވެ.