ބޭންކް އޮފް މޯލްޑިވްސް

އޯޕެކް ފަންޑުން ބީއެމްއެލް އަށް 10 މިލިއަންގެ ލޯނެއް ދެނީ

Jun 7, 2021
1

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ އެކު 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި ލޯނަކީ ޕާޓްނާ ގައުމުތަކަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރަިގަތުމަށް އެހީތެރިވުމަށް މިދިޔަ އަހަރު ފާސްކުރެވުނު އޯޕެކް ފަންޑުގެ ކޮވިޑް-19 ރެސްޕޯންސް ޕެކޭޖްގެ ދަށުން ދޫކުރެވޭ ލޯނެކެވެ.

މި ލޯނު ދޫކުރެވޭނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގެއްލުންވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.

ބީއެމްއެލް އިން ބުނީ އޯޕެކް ފަންޑާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުން ފަތުރުވެރިކަމުގެ ސިނާއަތާއި އެ ސިނާއަތާ ގުޅުން ހުރި ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ ދޫކުރާނެ ކަމަށެވެ. އަދި މި ލޯނާ ގުޅުންހުރި އިތުރު މައުލޫމާތުތައް ބޭންކުން ފަހުން ހާމަކުރާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަ ވިދާޅުވީ އޯޕެކް ފަންޑުން ލޯނު ހަމަޖެހިގެން ގޮސްފައި މިވަނީ ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށާއި ވިޔަފާރީގެ އެކި ދާއިރާތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ހައްސާސް ވަގުތެއްގައި ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން މި ހާލަތު ފެށުނީއްސުރެ ބޭންކުން އިސްނަގައިގެން ވާނީ މަސައްކަތްތަކެއް ކޮށްފައި. އޯޕެކް ފަންޑުން ލިބިގެންދާ މި އެހީތެރިކަމަކީ ގައުމަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ އެހީއެއް" ޓިމް ވިދާޅުވެފައިވެ އެވެ.

އޯޕެކް ފަންޑުގެ ޑިރެކްޓާ ޖެނެރަލް ޑރ. އަބްދުލްހާމިދު އަލްހަލީފާ ވިދާޅުވީ ކޮވިޑް ބަލިމަޑުން ކަމުން އަރައިގަނެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފުރުސަތު ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ. އަމިއްލަ ވިޔަފާރިތަކަށް އަމާޒުކޮށްގެން ދޫކުރާ މިފައިސާއާއި އެކު ރާއްޖެއާ އެކު ގާއިމުކޮށްފައި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އޮތީ ކޮވިޑް-19ގެ ބަލިމަޑުކަމުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތަށާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވޭވެނެ ފަދަ ރަނގަޅު ހާލަތެއްގައި. އަޅުގަނޑުމެންގެ މި ލޯނާއެކު ވިޔަފާރިތަކަށް ދިރުން ލިބި، ވަޒީފާތައް ގެއްލުނަ ނުދީ ހިފެހެއްޓުމަށް އެހީތެރިވެދޭނެ. މިއީ އިގްތިސާދު ހަމަޖެހުމަށް ބޭނުންވާ ނުހަނު މުހިންމު ކަންތައްތަކެއް،" އަބްދުލްހާމިދު ވިދާޅުވެފައިވެ އެވެ.

މި ލޯނާ ގުޅިގެން ރީޖަނަލް ޑައިރެކްޓާ ފޯ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ގްރޫޕް ފޯ އައިއެފްސީ އޭޝިއާ އެންޑް ޕެސިފިކް ރޯޒީ ޚައްނާ ވިދާޅުވީ އޯޕެކް ފަންޑުގެ ލޯނަކީ ވޯލްޑް ބޭންކްގެ މެންބަރެއް ކަމަށްވާ އައިއެފްސީ އިން އިސްނަގައިގެން ދިނުމަށް ހަމަޖެހިފައިވާ ލޯނުގެ ބައެއް ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމުގައި ފަތުރުވެރިކަމުގެ ސިނާއަތް އާރާސްތުކުރުމަށް އެހީތެރިވުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށްވެސް ވިދާޅުވި އެވެ.

"ޕާޓްނާ އިދާރާތަކާއެކު ދުނިޔޭގެ އެކިކަންކޮޅުތަކަށް ބޭނުންވާ ފައިނޭންސިން ހޯދައިދިނުމުގައި އައިއެފްސީން މިއަންނަނީ އިސް ދައުރެއް އަދާކުރަމުން. އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ބޭންކް އޮފް މޯލްޑިވްސް އަށް ލޯނު ދޫކުރުމަށް ކޯ- ލެންޑަރ އެއްގެ ގޮތުގައި އޯޕެކް ފަންޑު ހަމަޖެއްސުމުގައި އައިއެފްސީ އަށް އިސް ދައުރެއް އަދާކުރެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ރޯޒީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އޯޕެކް ފަންޑުން ލިބޭ މި އެހީގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އައު ފުރުސަތުތަކެއް ހުޅުވި، އެ ވިޔަފާރިތައް އާރާސްތު ކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ އިިގްތިސާދުގެ މައިގަނޑު ދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތުން ސީދާކޮށް ލިބޭ އާމްދަނީން ރާއްޖޭގެ ޖީޑީޕީގެ ހަތަރުބައިކުޅަ އެއްބައި ހިއްސާ ކުރާއިރު އާބާދީގެ ދެބައިކުޅަ އެއްބައި މީހުންގެ ދިރިއުޅުމާވެސް ގުޅިފައިވަނީ މި ސިނާއަތެވެ.

ކޮވިޑް-19ގެ ސަބަބުން ފަތުރުވެރިކަމަށް މިވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފަ އެވެ. އެހެންވެ ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވެގެން ދިޔުމާއެކު އާންމު ފަރުދުންގެ ދިރިއުޅުމަށާއި ކުދި ވިޔަފާރިތަކަށް ވަނީ އޭގެ ނޭދެވޭ އަސަރުކޮށްފަ އެވެ. ދާދި ފަހުން ޝާއިއުކުރެވުނު ވޯލްޑް ބޭންކުގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުން 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ އިގްތިސާދު ވަނީ 30 އިންސައްތަ ދަށްވެފަ އެވެ. އަދި 2019 ގައި 2.1 އިންސައްތައިގެ ހުރި ފަގީރުންގެ ނިސްބަތް 2020 ވަނަ އަހަރު ވަނީ 7.2 އިންސައްތައަށް އުފުލިފަ އެވެ.

އޯޕެކް އާއި ދިވެހިރާއްޖޭގެ ގުޅުން 1977 ވަނަ އަހަރު އުފެދުނީއްސުރެ މިވޭތުވެދިޔަ އަހަރުތަކުގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގެ ތަރައްގީގެ މުހިއްމު ޕްރެޖެކްޓްތަކަށް އޯޕެކް ފަންޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އޯޕެކް ފަންޑުގެ އެހީގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރަށް ލޯނު ދޫކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ. މީގެ ތެރެއިން ބޮޑު ބަައެއް ހިއްސާ ކުރަނީ ދަތުރުފަތުރުގެ ނިޒާމު، މަލްޓި-ސެކްޓޯރަލް، ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިތުރުން މާލީ ދާއިރާ އެވެ.