ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިސްލާމިކްގެ އޭޓީއެމް ސެންޓަރެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ އައު އޭޓީއެމް ސެންޓަރެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަދު ހުޅުވައިފި އެވެ.

ވިނަރެސް ޓަވަރު އަށެއްގައި ގާއިމުކޮށްފައިވާ މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ޓްރާންސްފަ ކުރުމުގެ ހިދުމަތް ލިބެ އެވެ.

ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލްގެ ނެޓްވޯކް ފުޅާކޮށް ޒަމާނީ ހިދުމަތްތައް އެކުލެވޭ އޭޓީއެމް ސެންޓަރެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވިގެން ދިއުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"މިވަގުތުވެސް ތިން އޭޓީއެމް ސެންޓަރާއި ބްރާންޗް އަދި ކޮންޓެކްޓް ސެންޓަރު ހުޅުމާލޭ ފޭސް އެކެއްގައި ގާއިމުކޮށް ކަސްޓަމަރުންނަށް ހިދުމަތްދެމުންދާ ކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއްވެސްމެ. އަދި މިއަހަރު ތެރޭގައި އަޅުގަނޑުމެންގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާނަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 83 ސެލްފްސާވިސް ބޭންކިން ސެންޓަރު، 138 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެ އެވެ.