ވީބީ މާޓް

ވީބީ މާޓް އިން ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ބްރޭންޑް، ވީބީ މާޓް އިން ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

ހުޅުމާލެ ރެއިންބޯ ސެންޓްރަލްގައި ހުންނަ މި ފިހާރަ ހުޅުވާފައިވަނީ މިއަދު ހެނދުނު އެވެ.

ވީބީ މާޓުން ބުނި ގޮތުގައި މި ފިހާރަ ހުޅުވުމުގެ މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އިތުބާރު ހުރި ފެންވަރު ރަނގަޅު ސާމާނާއި ތާޒާ މޭވާއާއި ތަރުކާރީ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

ފިހާރަ ހުޅުވުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. މިގޮތުން މިއަދު ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގައި 25 ނަސީބުވެރިއަކަށް 2،000 ރުފިޔާގެ ކޭޝް ވައުޗާއެއް ލިބޭނެ ކަމަށް ވީބީ މާޓުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މާދަމާ އިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި އިތުރު ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ގުރުއަތުލުމުގައި އެއް ވަނައަށް 10,000 ރުފިޔާ، ދެވަނަ ވަނައަށް 5,000 ރުފިޔާ އަދި ތިން ވަނައަށް 2,500 ރުފިޔާ ލިބޭނެ ކަމަށްވެސް ވީބީ މާޓުން ބުންޏެވެ.

ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި މުނިފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންދަން ވަނީ ރާއްވާފަ އެވެ.

މިގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް ރެއިންބޯ ސެންޓްރަލް ކުރިމަތީގައި ޓްރާންސްފޯމާ ރޮބޮޓްސްގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މިރޭ 8:00 އިން ފެށިގެން 3 ޕީސް ބޭންޑެއްގެ މިއުޒިކް ޝޯއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިއަދު ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން 25 ނަސީބުވެރިން ހޮވުމުގެ ގުރު ނެގުން މިރޭ 11:00 ގައި އޮންނާނެ ކަމަށް ވީބީ މާޓުން ބުނެ އެވެ.

ވީބީ މާޓަކީ ދިވެހީންނަށް އިތުބާރާއެކު ފެންވަރު ރަނގަޅު ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގައި ގިނަދުވަސް ތަކެއްވަންދެން ކުރަމުން އަންނަ ވިޔަފާރިއެކެވެ.