ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިޔުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށްފި އެވެ.
ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން މިމަހުގެ 24 ވަނަ ދުވަހު ބޭއްވި ޑިރެކްޓަރުންގެ ބައްދަލުވުމުގައި ވަނީ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިޔުކޭޝަން ފައިނޭންސިންގެ ރޭޓް 2.5 ޕަސަންޓަށް ދަށްކުރުމަށް ނިންމާފަ އެވެ.
މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް ތަކަށްވެސް އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ އަލަށް ކަނޑައެޅިގެން ދިޔަ ރޭޓެވެ.
މީގެ އިތުރުން ގެނެވުނު އަނެއް ބަދަލަކީ ބީއެމްއެލް އިން ދޫކުރާ ކިޔަވާ ލޯނާއި އެޑިޔުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަސަންޓާ ހަމައަށް ފައިނޭންސް ލިބޭ ގޮތަށް ގެނެވުނު ބަދަލެވެ.
ބީއެމްއެލް އިން ބުނީ ފައިނޭންސިން ރޭޓަށް ގެނެވުނު ބަދަލާއެކު މިހާރު ލޯނާއި ފައިނޭންސިން ނަގާފައިވާ މީހުންނަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އޮޓަމެޓިކުން ކުޑަވާނެ ކަމަށެވެ.
މިބަދަލުތަކާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް 2.5 ޕަސަންޓަށް ދަށްކުރެވިގެން ދިއުމަކީ ލިބުނު އުފަލެއް ކަމަށެވެ.
"ފައިނޭންސިން ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިން ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި،" ސްޓުމްކަ ވިދާޅުވި އެވެ.
މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިޔުކޭޝަން ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާކުރުމަށް ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިން މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެ އެވެ.