ހަބަރު

ބީއެމްއެލްއިން ހަޔާ އެޑިއުކޭޝަން ސްކޮލާޝިޕް ސްކީމްގައި ބައިވެރިވެއްޖެ

Nov 28, 2019

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެ ކުންފުނީގެ މުވައްޒިފުންނަށް މަތީ ތައުލީމާއި ތަމްރީނުތަކުގެ ފުރުސަތު ފޯރުކޮށް ދިނުމުގެ ބޭނުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓިވް ސޮކޯލާޝިޕް ސްކީމް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި އެމްޑީ ޓިމް ސޯޔާ އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ އިބްރާހިމް ހަސަން އެވެ. ކޯޕަރޭޓް ސްކޯލާޝިޕް ސްކީމުގެ ދަށުން ބީއެމްއެލްގެ މުވައްޒިފުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހަސީލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޓިމް ސޯޔާ ވިދާޅުވީ، ބީއެމްއެލްއިން މަސައްކަތް ކުރަމުންދަނީ އުގެނުމުގެ ފަހި މާހައުލެއް ގާއިމްކޮށްދޭން ކަމަށެވެ. އެގޮތުގެ މަތިން އެކި ކޮލެޖްތަކާއި ގުޅުން ބަދަހިކޮށްފައިވާ ކަމަށް ޓިމް ސޯޔާ ވަނީ ވިދާޅުވެފަ އެވެ.

ބީއެމްއެލްއަކީ ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. ބޭންކުގައި ވަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރި އަރާފައިވާ ސިޔާސަތުތައް އެކުލަވާލައި ބޭންކުން ވަޒީފާ ދިނުމާއި ތަމްރީނު އަދި މުވައްޒިފުންގެ އަގު ވަޒަން ކުރުމުގެ ސިޔާސަތު އެކުލަވާލަފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މިނިސްޓަރު ޑރ އިބްރާހީމް ހަސަން ވެސް ވަނީ ވާހަކަފުޅު ދައްކާފަ އެވެ. މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން މަތީ ތައުލީމުތަކަށް ބޭނުންވާ ހަރަދު ނުލިބުމުގެ ސަބަބުން ގިނަ ޒުވާނުންނަށް އެކަމުގެ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ކޯޕަރޭޓިވް ސްކޯލާޝިޕް ސްކީމުގެ ދަށުން މިހާރު އެ ޒުވާނުންނަށް މަތީ ތައުލީމު އުގެނުމުގެ ފުރުސަތު ފަހި ވެގެން ގޮސްފައިވާ ކަމަށެވެ.