ދުނިޔެ

އިންޑިޔާ ޕާކިސްތާނު ބޯޑަރުގައި ދިވާލީ ހަދިޔާ ބަދިޔާ

އިންޑިޔާއާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދާ ގުޅުވައިގެން އަބަދުވެސް ދައްކަން ޖެހިފައި އޮންނަ ވާހަކައަކީ ދެގައުމުގެ އަސްކަރިއްޔާގެ މެދުގައި ބަޑީގެ ހަމަލާތައް ބަދަލު ކުރެވުނު ވާހަކައެވެ. ނުވަތަ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތަކުން ބޮމެއް ގޮއްވާލި ވާހަކައެވެ. އެކަމަކު މިފަހަރުގެ ވާހަކަ ތަފާތެވެ. އިންޑިޔާގެ އެންމެ ބޮޑު އީދު ކަމަށްވާ ދިވާލީގެ މުނާސަބަތުގައި އިންޑިޔާއާއި ޕާކިސްތާނުގެ ސިފައިން ވަނީ ދެގައުމު ބައްދަލުވާ ބޯޑަރުގައި ހަދިޔާ ބަދިޔާ ބަދަލުކޮށްފައެވެ.

އިންޑިޔާގެ ބޯޑަރު ސެކިއުރިޓީ ފޯސް އިން ޕާކިސްތާނުގެ ސެކިއުރިޓީ ފޯސްއަށް ފޮނިކާތަކެތީގު ބާސްކެޓެއް ދީފައިވާއިރު، ޕާކިސްތާނުންވެސް ހަދިޔާއާއި ހެޔޮ އެދުންތައް އިންޑިޔާ ފޯސްއަށް ރައްދުކުރިއެވެ.

ހިތްހެޔޮ ކަމާއި އެކުވެރި ކަމުގެ މި ރަމްޒީ އަތް ޖޯޑު ކޮށްލުން ފެނިގެން ގޮސްފައި މިވަނީ މި ފަހަކަށް އައިސް އަނެއްކާވެސް ދެކައުމުގެ ގުޅުން ގޯސްވާން ފަށާފައިވާ ދުވަސް ވަރެއްގައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވާ ކަމަށާއި ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް އެއްގައުމު އަނެއްގައުމަށް ތުހުމަތު ކުރަމުންދާ ދުވަސް ވަރެއްގައެވެ. މިދިޔަ އޯގަސްޓުގައި ދެގައުމުގެ މެދުގައި ބާއްވަން އުޅުނު މަޝްވަރާތައް ވެސް ވަނީ މި ނުތަނަވަސްކަމާއިއެކު ފަހުވަގުތު ކެންސަލް ކޮށްފައެވެ.

މިދިޔަ އަހަރު މުސްލިމުންގެ ދެ އީދުގައާއި ހިންދޫންގެ ދިވާލީގައި ވެސް އިންޑިޔާ ޕާކިސްތާނު ބޯޑަރުގެ ގޭޓުތައް ހުރީ ބަންދު ކޮށްފައެވެ. ސަލާން ގަލާން ކުރުމެއް ހަދިޔާ ބަދިޔާ ބަދަލުކުރުމެއް ނެތެވެ. އެހެން ކަމުން މި އަހަރުގެ ދިވާލީ މެޓާތަކުން މަސްރަހަށް ކޮންމެވެސް ވަރެއްގެ "ފޮނިކަމެއް" ގެނުވައިފި ކަމަށް އުންމީދު ކުރެވެއެވެ.

މި ފަހުން ދެގައުމުން އެއްބަޔަކު އަނެއްބަޔަކަށް ހިތްހެޔޮކަން ދައްކައިދިން އަނެއް ކަމަކީ "ގީތާ" ގެ ހާދިސާއެވެ. ގީތާއަކީ މީގެ ދިހަ އަހަރު ކުރިން ޕާކިސްތާނުގެ ތެރެއަށް ގެއްލުނު އިންޑިޔާ ކުއްޖެކެވެ. އޭނާ އަކީ ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ ކުއްޖެއް ކަމަށްވާތީ، ސަލްމާން ހާނުގެ މަޝްހޫރު ހިންދީ ފިލްމު ބަޖްރަންގީ ބައިޖާން ގައި ދައްކުވައިދޭ ވާހަކައާއި އޭނާގެ ހަޔާތާ އެއްގޮތްކަމުން ގިނަ ބައެއްގެ ސަމާލުކަން ގީތާއަށް ލިބުނެވެ. އަދި އިންޑިޔާއާއި ޕާކިސްތާނުން އެއްބާރުލުން ދީގެން ގީތާ ވަނީ އޭނާގެ އާއިލާއާއި ހަވާލުކޮށްފައެވެ. އަދި ދެގައުމުގެ ވެރިން ވިދާޅުވެފައި ވަނީ ގީތާއަކީ ދެގައުމުގެ އެކުވެރިކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

ކޮންމެއަކަސް، "ގީތާ ޑިޕްލޮމެސީ" ގައި ދެގައުމުން ދައްކުވައިދިން އެކުވެރި ކަމާއި، ދިވާލީ ގައި ދެގައުމުން ބަދަލު ކުރި ފޮނިކާތަކެތީގެ އަސަރުން ދެގަމުގެ ޒަމާންވީ ރުޅިވެރިކަން ފިނި ވެއްޖެ ނަމަ، އެއީ މި މުޅި ސަރަހައްދަށްވެސް ލިބޭނެ ހަމަޖެހުމެކެވެ.