ދުނިޔެ

މިޔަންމާގެ އާންމު އިންތިހާބު އިދިކޮޅު ޕާޓީން ކާމިޔާބު ކޮށްފި

މިޔަންމާގެ އާންމު އިންތިހާބު އެގައުމުގެ އިދިކޮޅު ލީޑަރު އަން ސަން ސޫ ކީ ގެ ޕާޓީ ނެޝަނަލް ލީގު ފޯ ޑިމޮކްރަސީން ކާމިޔާބުކޮށްފިއެވެ. 80 ޕަސެންޓަށް ވުރެ ގިނަ ގޮނޑީގެ ނަތީޖާ މިހާރު އިއުލާނު ކޮށްފައި ވާއިރު، ސަން ސޫ ކީ ގެ ޕާޓީން ވަނީ ތިންބައިކުޅަ ދެބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ.

މިއީ 25 އަހަރަށްފަހު މިޔަންމާގައި ބޭއްވުނު ފުރަތަމަ ވާދަވެރި ޑިމޮކްރަޓިކް އިންތިހާބެވެ. މިދިޔަ އަހަރު ތަކުގައި އެގައުމުގައި އޮތީ އަސްކަރިއްޔާގެ މަދަދާއި އެކު ހިންގި ސަރުކާރެކެވެ. ފާހަގަ ކުރެވޭ އަނެއް ކަމަކީ މިހާރު ވެސް ގާނޫނުހަދާ މަޖިލީހުގެ ހަތަރު ބައިކުޅަ އެއްބައި ގޮނޑި ވޯޓު ލުމަކާ ނުލާ ހާއްސަ ކުރެވިފައިވަނީ އެގައުމުގެ އަސްކަރިއްޔާއަށް ކަމެވެ.

މިޔަންމާގެ އެކި ފަރާތްތަކާއި ބައިނަލްއަގުވާމީ މުޖަތަމައު ވެސް ވަނީ މިއީ އިންސާފުވެރި އަދި ސުލްހަވެރި އިނތިހާބެއް ކަމަށް ބުނެފައެވެ. އަދި މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ވެސް ވަނީ ކާމިޔާބު ހޯދި އިދިކޮޅު ޕާޓީއަށް ސުލްހަވެރި ކަމާއިއެކު ވެރިކަން ހަވާލު ކުރާނެ ކަމަށް ބުނެފައެވެ.

އިދިކޮޅު އެންއެލްޑީން އަންނަ ޖެނުއަރީގައި އެގައުމުގެ އާ ރައީސް ހޮވާނެއެވެ. މިޔަންމާގެ ގާނޫނު ބުނާ ގޮތުން އިދިކޮޅު ލީޑަރު ސަން ސޫ ކީ އަށް އެގައުމުގެ ރައީސްކަމަކަށް ނާދެވޭނެއެވެ. އެއީ އެކަމަނާގެ ފިރިކަލުންނަކީ މިޔަންމާ ބޭފުޅަކަށް ނުވާތީއެވެ. މިއީ ސީދާ ސަން ސޫ ކީ އަށް އަމާޒުކޮށް ގާނޫނު އަސާސީގައި ހިމެނީ މާއްދާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެކަމަކު މި ނަތީޖާއާއި އެކު މިޔަންމާގެ އެންމެ ބާރުގަދަ ލީޑަރަކަށް ވާނީ ސަން ސޫ ކީ ކަމަށް ބެލެވެއެވެ. ބީބީސީގެ އިންޓަވިއުއެއްގައި އޭނާ ވަނީ މިކަމަށް އިޝާރާތް ކޮށް "ދެން ގައުމު ހިންގާނީ" އޭނާ ކަމަށް ވިދާޅުވެފައެވެ.

އިންތިހާބުގައި ވޯޓުލައި ނިމުނުތާ މިއަދަށް ފަސް ދުވަސް ވެފައިވާއިރު މިއަދަކީ ސަން ސޫ ކީ ގޭބަންދުން ދޫކޮށްލިތާ ބަރާބަރު ފަސް އަހަރު ފުރުނު ދުވަހެވެ. މިޔަންމާގެ އިންތިހާބުގެ ނަތީޖާ ބުރަވާނީ ސަން ސޫ ކީ ގެ ކޮޅަށް ކަން ކުރިންވެސް އޮތީ ގާތްގަނޑަކަށް ކަށަވަރު ކުރެވިފައެވެ. ސަން ސޫ ކީ ގޮވާލައްވާފައި ވަނީ އިންތިހާބުގައި ބަލިވި ފަރާތްތަކަށް އިހުތިރާމު ކުރުމަށާއި ކާމިޔާބީގައި މާ ބޮޑަށް "ފޯރި ނޭރުވުމަށެވެ". އަސްކަރިއްޔާގެ ބާރު އަދިވެސް ވެރިކަން ހިންގުމުގައާއި ގާނޫނު ހެދުމުގައި އޮތުމާއި އެކު ސަން ސޫ ކީ އަށް ގައުމު ހިންގުމުގައި އަދިވެސް އަސްކަރިއްޔާގެ އެއްބާރުލުން ބޭނުންވާނެއެވެ.