ދުނިޔެ

ވަރުގަދަ ޓެރަރިސްޓް ހަމަލާއަކަށް ފަހު ފްރާންސްގައި ކުއްލި ނުރައްކަލުގެ ހާލަތު!

ފްރާންސްގެ ވެރި ރަށް ޕެރިހުގައި ވަރުގަދަ ޓެރަރިސްޓް ހަމަލާތަކެއްދީ 150 އަށްވުރެ ގިނަ މީހުން މަރާލައި އެތައް ސަތޭކަ ބަޔަކު ޒަހަމްކޮށްލައިފިއެވެ. މަދުވެގެން ހަތް ތަނެއްގައި ހަމަލާތައް ދީފައިވާއިރު، އޭގެތެރޭގައި ބަޑީގެ ހަމަލާތަކާއި ބޮން ގޮއްވުން ހިމެނެއެވެ.

ފްރާންސްގައި މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވާއިރު، އެގައުމުގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ.

ހަމަލާތަކަށް ބަލާއިރު، ހަތިޔާރުއެޅި ބަޔަކު ވަނީ ކޮންސަޓެއް ހިނގަމުންދިޔަ ހޯލަކަށް ވަދެ މަދުވެގެން ސަތޭކަ މީހަކު މަރާލައި ފަސްދޮޅަހެއްހާ މީހުން ރަހީނުންގެ ގޮތުގައި ހިފަހައްޓާފައެވެ. ފްރާންސް ފުލުހުން ވަނީ އެ ހޯލު ވަށާލައި ހަމަލާގައި ބައިވެރިވި ދެމީހަކު މަރާލައި ރަހީނުން ސަލާމަތް ކޮށްފައެވެ.

ފްރާންސާއި ޖަރުމަނާއި ދެމެދު އެކުވެރި ކަމުގެ ފުޓުބޯޅަ މެޗެއް ކުޅެވެމުން ދިޔަ ސްޓޭޑިއަމް އެއްގެ ކައިރީގައި ވެސް ވަނީ ދެ ބޮމެއް ފްރާންސުގެ ރައީސް ވަޑައިގެންނެވިއިރު، ހަމަލާތަކާއި އެކު ރައީސް ވަނީ ސަލާމަތްތެރި ތަނަކަށް ގެންގޮސްފައެވެ. ގޮއްވާލި ބޮމުގެ އަޑު ސްޓޭޑިއަމްގެ ތެރެއަށް ވެސް ވަރަށް ބާރަށް އިވުނެވެ. އެއާއި އެކު އެތައް ބަޔަކު ސްޓޭޑިއަމް ދޫކޮށް ދިޔައިރު، ހާސްކަމެއްގެ ތެރޭގައި ނަމަވެސް ވަގުތު ހަމަވަންދެން މެޗު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ތިން ވަނަ ހަމަލާއެއް ދީފައި ވަނީ ރެސްޓޯރެންޓެއްގައެވެ. އެތަނަށް ހަތީޔާރާއި އެކު ވަތް ބަޔަކު މީހުން ތަކެއް މެރުމަށްފަހު ވަނީ ފިލާފައެވެ. ހަމަލާތަކުގައި ބައިވެރިވި ބައެއް މީހުން މިހާރުވެސް މުޖްތަމައަށް ދޫވެފައި ވާތީ ފްރާންސް އޮތީ ހާސްކަމެއްގެ ތެރޭގައެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި ބައިނަލްއަގްވާމީ އިދާރާތަކުން ގެންދަވަނީ މި ހަމަލާތައް ކުށްވެރިކޮށް، ފްރާންސަށް އެހީވުމަށް ތައްޔާރަށް އޮތްކަން ހާމަކުރަމުންނެވެ. އަދި ހުޅަނގުން މިހާރުވެސް ވަނީ މި ހަމަލާއާއި ހަރުކަށި ފިކުރުގެ މުސްލިމު ހަނގުރާމަވެރިންނާ ގުޅުވާފައެވެ.

އެކަމަކު އަދި މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް ޕެރިހުގައި ޓެރަރިސްޓް ނުރައްކާތެރި ހަމަލާތަކެއް ދީފައިވެ އެވެ. އެ ހަމަލާތައް އަމާޒުކޮށްފައި ވަނީ އެގައުމުގެ ސެޓްރިކަލް މަޖައްލާއެއް ކަމަށްވާ ޝާލީ އެބްޑޫ އަށެވެ. އެއީ ރަސޫލާ އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައެއްގަ އެވެ.

މިފަހަރުގެ ހަމަލާގެ ފަހަތުގައި ތިބީ ކޮން ބައެއްކަން އަދި ނޭނގެ އެވެ.