މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

މާރިޔާ ދުރުކުރަން ޖެހޭ ހާލަތެެއް އަދި ނެތް: ބިގޭ

ހައެއް ފަހެއްގެ ހަމަލާއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުން ބޮޑުވެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިސްތިއުފާއަށް ގޮވާލަމުން ދިޔަ ނަމަވެސް މިހާރު މި އޮތް ހާލަތަކީ މިނިސްޓަރު ކަމުން މާރިޔާ ދުރު ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ހައެއް ފަހެއް ގައި ހަމަލާއެއް ދިން އިރު ސިފައިން ދެމުން ދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން ކުރިއަށްް ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރު ނުކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެންގި އެންގުމުގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްސަލަ ބަލައި ދޭން އެދި ރައީސް ނަޝީދު ހުށައެޅުއްވި މައްސަލަ އިމްތިޔާޒު ކޮމެޓީން ބޭރު ކޮށްލި މައްސަލައިގެ ތުހުމަތު އޮތް ބިގޭ މިހެން ވިދާޅުވީ ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުންނެވެ.

ބިގޭ ވިދާޅުވީ މާރިޔާ ދީދީ އަކީ "އެމްޑީޕީގެ މަންމަ" ކަމަށް އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް ދެކޭ ކަމަށެވެ. އަދި އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދަށް ދެރެވާނެ އެއްވެސް ކަމެއް އެކަމަނާ ނުކުރައްވާނެ ކަން ހުރިހާ މެންބަރުން ވެސް ހިތުގެ އަޑިން ގަބޫލު ކުރައްވާނެ ކަމަށެވެ. ބިގޭ ވިދާޅުވި ގޮތުގައި މާރިޔާއަށް އޮތް ތުހުމަތުތަކަކީ ސިޔާސީ ގޮތުން ކުރައްވާ ތުހުމަތުތަކެކެވެ.

"މާރިޔާއަކީ އެމްޑީޕީގެ މަންމައެއްގެ ގޮތުގައި ބަލާ ޕާޓީގެ ހުރިހާ އެންމެން ވެސް އިނގޭތޯ، އެހެންވީމަ އެމްޑީޕީއަކަށް ދެރަވާނެ ކަމެއްވެސް ނުކުރާނެ އަދި ހާއްސަކޮށް ރައީސް ނަޝީދަށް ގެއްލުމެއް ލިބޭނެ ކަމެއް މާރިޔާ ނުކުރައްވާނެކަން ހިތުގެ އަޑިން ގަބޫލު ކުރައްވާނެ އިނގޭތޯ. ސިޔާސީ ބޭނުމަކަށްޓަަކައި އިނގިލި ދިއްކުރެވި ދާނެ މާރިޔާއަށް އަދި އެހެން ވަޒީރަކާ ދިމާއަށް ވެސް. އެ ސިޔާސީ ގޮތުން އެ އަންނަ އައުމަކީ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އިންސާފުވެރިކަމާއެކު އަންނަ ތުހުމަތުގެ އިނގިއްޔެއް ކަަމަކަށް،" ބިގޭ ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިހާރު އޮތް ހާލަތަކީ މާރިޔާ އިސްތިއުފާ ދެއްވަން ޖެހޭ އަދި މަގާމުން ދުރުކުރަން ޖެހޭވެސް ހާލަތެއް ނޫން ކަމަށެވެ.

މާރިޔާއަކީ އެމްޑީޕީގެ މަންމައެއްގެ ގޮތުގައި ބަލާ ޕާޓީގެ ހުރިހާ އެންމެންވެސް އިނގޭތޯ. އެހެންވީމަ އެމްޑީޕީއަކަށް ދެރަވާނެ ކަމެއްވެސް ނުކުރާނެ އަދި ހާއްސަކޮށް ރައީސް ނަޝީދަށް ގެއްލުމެއް ލިބޭނެ ކަމެއް މާރިޔާ ނުކުރައްވާނެކަން ހިތުގެ އަޑިން ގަބޫލުކުރައްވާނެ އިނގޭތޯ. ސިޔާސީ ބޭނުމަކަށްޓަަކައި އިނގިލި ދިއްކުރެވިދާނެ މާރިޔާއަށް އަދި އެހެން ވަޒީރަކާ ދިމާއަށްވެސް. އެ ސިޔާސީ ގޮތުން އެ އަންނަ އައުމަކީ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އިންސާފުވެރިކަމާއެކު އަންނަ ތުހުމަތުގެ އިނގިއްޔެއް ކަަމަކަށް
މުހައްމަދު ރަޝީދު ހުސައިން | އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އެސްޖީ

ބިގޭ ވިދާޅުވީ ހަމަލާއާ ގުޅިގެން ދައުލަތުގެ ލެވެލްގައި ދަނީ ތަހުގީގު ހިނގަމުންނެވެ. ކަންކަމާމެދު ގޮތް ނިންމަން ވާނީ އޭގެ ފަހުންނެވެ.

ތަހުގީގުތަކުން އެއްވެސް ބޭފުޅެއްގެ އިހުމާލެއް އޮތް ކަމަށް ފެނި ޔަގީން ކުރެވިއްޖެނަމަ މަގާމުން ދުރަށް ވަޑަައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާ އަދި އިތުބާރު ނެތް ކަމުގެ ވޯޓް ނަންގަވާ މަގާމުން ދުރުކުރަން ޖެހޭ ނަމަ އެކަން ވެސް ކުރަންވަން ޖެހޭނެ ކަމަށް ބިގޭ ވިދާޅުވިއެވެ.

"މިހާރު މިދަނި ހާދިސާއާ ގުޅިގެން އިންކުއަރީތައް ހެދެމުން. އެގޮތުން ފުލުހުން ރައީސުލްޖުމްހޫރިއްޔާގެ ލެވެލްގައި އަދި މަޖިލީހުން މި ހުރިހާ ހިސާބަކުން އެކަން ކުރެވެމުން އެބަދޭ. ޑިފެންސް މިނިސްޓަރެއް ނޫން އަދި އެހެން ބޭފުޅެއްގެ ވިޔަސް އިހުމާލެއް އޮތް ހިސާބު ކަށަވަރުވާ ހިސާބުން އެއީ ދުރަށް ޖެހިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށްވާކަމަށްވަންޏާމު ދުރައްޖެހިވަޑައިގަންނަވަން ޖެހޭނެ. އަދި އިތުބާރު ނެތް ކަމަށް ނަގަންޖެހޭ ކަމެއް ފާހަގަވެއްޖެނަމަ އެ ހިސާބަށްވެސް ދާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،" ރައީސް ސޯލިހްގެ އާއިލީ ބޭފުޅެއް ކަމަށްވާ ބިގޭ ވިދާޅުވި އެވެ.