ޓޫރިސްޓް އެރައިވަލް

މިމަހު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިއްޔެ

Jun 14, 2021

މި މަހުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހަކީ އިއްޔެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖޭގެ "ޑެއިލީ އެރައިވަލް" ނުވަތަ އައި ޓޫރިސްޓުންގެ އަދަދު އުޅެނީ 2،415 ގަ އެވެ. މި އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ބަލާނަމަ މި މަހު އެއްރެޖު ގޮތެއްގައި ރާއްޖެ އަށް އައިސްފައިވަނީ 1،500 އާއި 2،000 ވަރަކަށް ޓޫރިސްޓުންނެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ނިޔަލަށް ރާއްޖެއަށް މި އަހަރު އައި ޖުމްލަ ޓޫރިސްޓުންގެ އަދަދު އުޅެނީ 475،745 ގަ އެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް ބަލާއިރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ނުވަ ދުވަހު މަޑު ކުރެވެ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވި ނަމަވެސް ނުވަ ދުވަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ރާއްޖޭގައި މަޑު ކުރުމަކީ މިހާރު އޮތް ހާތަލަށް ބަލާއިރު ލިބޭ ކުރިއެރުމެކެވެ. އޭގެ ސަބަބުން ޓޫރިސްޓު ބެޑްނައިޓްސް އިތުރުވެ އާމްދަނީ އުފުލޭނެ އެވެ.

ސަރުކާރުން ވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ގެނައުމުގެ ލަނޑުދަޑިއެއް ކަނޑައަޅާފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އައިސްފައިވަނީ 555،494 ޓޫރިސްޓުންނެވެ. އަދި އޭގެ ކުރީ އަހަރު 1.7 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.