ދައުލަތުގެ އާމްދަނީ

ޓޫރިޒަމް އާމްދަނީ: މިއަހަރު ފަސް ބިލިއަން ޑޮލަރު

ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު އިތުރުވުމުން މި އަހަރު ގާތްގަނޑަކަށް ފަސް ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 77 ބިލިއަން ރުފިޔާ) އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވިއްޖެ އެވެ.

މި އަހަރު ޓޫރިޒަމުން ލިބޭނެ އާމްދަނީގެ އަންދާޒާއެއް އެނގުނީ، ސީއެންބީސީ އިންޓަނޭޝަނަލް އަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެއްވި އިންޓަވިއުއެއްގައި މި އަހަރު ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާނެ ކަމަށް ބެލެވޭ ބެޑް ނައިޓްސްގެ އަންދާޒާއެއް ވިދާޅުމުންނެވެ.

އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވެފައިވާ ގޮތުން މި އަހަރު ޓޫރިސްޓުންގެ ބެޑްނައިޓްސް ހުންނާނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 10 މިލިއަނުގަ އެވެ.

މި އަދަދުން ބަލާނަމަ އެވްރެޖު ގޮތެއްގައި މިހާރު ރާއްޖެ އަންނަ ޓޫރިސްޓުންގެ ދުވާލަކު އެންމެ ކުޑަކޮށް 500 ޑޮލަރު ހޭދަ ކުރާނެ ކަމަށް އަންދާޒާ ކުރި ނަމަވެސް ރާއްޖެއަށް އާމްދަނީގެ ގޮތުގައި ފަސް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

މިހާރު ރާއްޖޭގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ނުވަ ދުވަހު މަޑުކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މި އަހަރު ކުރިން އަންނާނެ ކަމަށް އަންދާޒާ ކުރެވުނީ އެއް މިލިއަން ޓޫރިސްޓު ނަމަވެސް މިހާރުގެ އަންދާޒާއަކީ މި އަހަރު 1.5 މިލިއަން މީހުނެވެ.

"ދައުލަތުގެ އާމްދަނީއަށް ބެލި ނަމަވެސް ޓޫރިޒަމަކީ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ. ނުސީދާ ގޮތުން ބެލި ނަމަވެސް ގައުމީ އުފެއްދުންތެރިކަމުގެ 60 ޕަސެންޓަކީ ޓޫރިޒަމް އަދި ބޭރު ފައިސާ ވަންނަ މައިގަނޑު ދާއިރާއަކީ ވެސް ޓޫރިޒަމް. އުންމީދު ކުރަނީ ރަނގަޅު ވާނެ ކަމަށް. މިދިޔަ އަހަރަށްވުރެ ރަނގަޅު ވެގެން ދާނެ ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޓޫރިސްޓުންގެ ބެޑް ނައިޓް ހުރީ ގާތްގަނޑަކަށް ހަތަރު މިލިއަންގަ އެވެ. އެހެންވެ މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރެވެ. ބެޑްނައިޓްސް މަދުވުމުގެ މައިގަނޑު ސަބަބަކީ އަހަރުގެ ބޮޑުބައި ކޮވިޑް-19 ގެ ސަބަބުން ބޯޑަރު ބަންދުކޮށްފައި އޮތުމެވެ.

މިދިޔަ އަހަރު ބެޑް ނައިޓްސް ދަށްވި ނަމަވެސް 2019 ވަނަ އަހަރު އެވްރެޖުކޮށް ޓޫރިސްޓުން ރާއްޖޭގައި ގާތްގަނޑަކަށް 10 މިލިއަން ބެޑްނައިޓްސް ހޭދަ ކޮށްފައިވެ އެވެ. އެހެންވެ އެ އަހަރު ވެސް ރާއްޖެއަށް ފަސް ބިލިއަން ޑޮލަރުވަރު ލިބިފައިވާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.