ފައްޔާޒް އިސްމާއީލް

އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ބޭރު ބަޔަކަށް ނުވިއްކާނަން: ފައްޔާޒު

ރާއްޖޭގެ އެއްވެސް އެއާޕޯޓެއްގެ އެންމެ ހިއްސާއެއްވެސް ބޭރު ބަޔަކަށް ވިއްކުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ބޭރުގެ ފަރާތްތަކަށް އެއާޕޯޓް ހިންގޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) އިސްލާހުކޮށް އިއްޔެ އަމަލުކުރަން ފެށިއިރު އެ ޕޮލިސީގައި އެއާ ޓްރެފިކް ކޮންޓްރޯލް ވެސް އިންވެސްޓުކުރާ ބޭރުގެ ކުންފުންޏަށް ލިބޭތީ އެކަމާއި ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން މިރޭ ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

ނޫސްވެރިންނަށް ވަރަށް ކުރުކުރު ނޯޓިސްއެއް ދީގެން ބޭއްވި މި ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ ރީޖަނަލް އެއާޕޯސް ކޮމްޕެނީ ބަޔަކަށް ވިއްކާލަން އުޅޭ ކަމަށް ބަޔަކަށް ހީވިނަމަވެސް އެއީ ހުވަފެނެއްގައިވެސް ދެކެފައިވާ ކަމެއް ނޫން ކަމަށެވެ. އަދި ވަރަށް ޔަގީންކަމާއެކު ވިދާޅުވީ އެއާޕޯޓަކުން އެންމެ ހިއްސާއެއްވެސް ބޭރުގެ ބަޔަކަށް ނުވިއްކާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއާ ދޭތެރޭ ސަރުކާރުގެ އުންމީދުތަކެއް އެބަހުރި ކަމަށާ އެއީ ވަރުގަދަ ކުންފުންޏަކަށްވާ ދުވަހަކުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ދޫކޮށްލުމުގެ ހިޔާލެއް ނޫނީ ސަރުކާރުގެ ނެތް ކަމަށެވެ.

"ތިބޭފުޅުންނަށް ފަހަރުގައި އެގޮތަށް ހުވަފެނުގައި ފެނިވަޑައިގެންނެވި ނަމަވެސް އަޅުގަނޑުމެންނަށް ހުވަފެނުންވެސް ފެނުނު ކަމެއް ނޫން ރީޖަނަލް އެއާޕޯޓް ކުންފުނީގެ އެންމެ ހިއްސާއެއް، އެންމެ ހިއްސާއެއްވެސް އެނގޭތޯ، ޕަސެންޓެއްގެ ވާހަކައެއް ނޫން މި ދައްކަނީ އިނގޭތޯ. އެންމެ ހިއްސާވެސް ބޭރުގެ އެހެން އެއްވެސް ބަޔަކަށް ވިއްކުމުގެ އެއްވެސް ވިސްނުމެއް ނެތް. އެހެނެއް ނޫން މި ކުންފުނި ހަދައިގެން މި ކުންފުނި ވަރުގަދަވެ ބޮޑުވެ ކާމިޔާބު ކުންފުންޏަކަށްވުމުން، އެކަންވެދާނެ ދިހަ އަހަރު، ފަނަރަ އަހަރު، ވިހި އަހަރު ފަހުން، ރަނގަޅު ހަރުފަތަކަށް މި ކުންފުނި ގެންދެވޭ ހިސާބުން ދިވެހި ރައްޔިތުންނަށް އޭގެން ފައިދާވާގޮތަށް އަޅުގަނޑުމެން ޕަބްލިކް ލިސްޓިސްއަކަށް ގޮސްދާނެ ކަމީ އަޅުގަނޑުމެންނަށް ހުވަފެނުން ފެންނަ ކަމެއް،" ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ކްލިއާކޮށް މި ދަންނަވަނީ ރީޖަނަލް އެއާޕޯޓް ކުންފުނި ނުވަތަ އަޅުގަނޑުމެންގެ އެއްވެސް އެއާޕޯޓެއްގެ އެއްވެސް ހިއްސާއެއް މި ސަރުކާރުން އަޅުގަނޑުމެން ބަޔަކަށް ވިއްކާލުމުގެ، ދިނުމުގެ އެއްވެސް ޝައުގުވެރި ކަމެއްވެސް ވިސްނުމެއްވެސް ހުވަފެނެއްވެސް ނެތް
ފައްޔާޒު އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

މިނިސްޓަރު ފައްޔާޒު މިއަދު ވިދާޅުވީ އެފްޑީއައި އިސްލާހުކޮށް އެއާޕޯޓްތައް ހިންގަން އަމިއްލަ ފަރާތަކަށް ދިނަސް އަދި ބޭރުގެ ފަރާތަކަށް ދިނަސް އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސީދާ ދިވެހި ދައުލަތުން ކަމަށެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ އެފްޑީއައި ޕޮލިސީގެ އިބާރާތުގައި އޮޅުންތަކެއް ހުރި ނަމަ އެކަން ސާފު ބަޔާންކުރުމުގެ ގޮތުން އެ އިބާރާތް އިސްލާހު ކުރާނެ ކަމަށެވެ.