ފައްޔާޒް އިސްމާއީލް

ލިބުނު ސަރަހައްދުގައި ކުރެވޭނެ އިގުތިސާދީ ކަންކަން ބަލަނީ

ރާއްޖެއަށް ލިބުނު ކަނޑުގެ ސަރަހައްދުގައި ކުރެވޭނެ އިގުތިސާދީ ކަންކަން ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒު މިހެން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

"އެތަނުގައި އިގްތިސާދީ ގޮތުން ކޮންކޮން ކަމެއްތޯ އަޅުގަނޑުމެން ބަލާނަން. އެތަނުގެ އަޑީގައި މައުދަން ހުރިއްޔާ އެކަމެއްވެސް އަޅުގަނޑުމެންނަށް ބެލޭނެ. އަދި ކިރިޔާ އަޅުގަނޑުމެންނަށް މި ލިބުނީ އެތަނުގައި އިގުތިސާދީ މަސައްކަތެއް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖެއަށް އެއްވެސް އިރެއްގައި 200 މޭލު ކަނޑައެޅިފައިނުވާ ކަމަށާއި 12 ބޭލުގެ ބޭރުން ސަރަހައްދެއް ލިބިގެންދިޔައީ އަދި ކިރިޔާ ކަމަށެވެ.

ރާއްޖޭގެ ބައެއް ނުގެއްލޭ ކަމަށާއި އަލަށް ލިބުނު ސަރަހައްދުގެ ސަބަބުން އެ ސަރަހައްދުގައި ދާ އެޅުން ހުއްޓުވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"(ހާއްސަ އިގުތިސާދީ ސަރަހައްދު) އީއީޒެޑް އަޅުގަނޑުމެންނަށް ކަނޑައެޅިފައި އޮތީ އުތުރުގައި. އެހެންވީމާ ދެކުނުގައި 24 މޭލާ ހިސާބަށް، މިއަދާ ހިސާބަށް ކޮންމެ ގައުމަކުން އައިސް އެތަނުގައި ދާ ވެސް އެޅޭ. ދާ އަޅަމުން ދަނީވެސް، އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް. އެކަމަކު މިއަދުން ފެށިގެން އެ ދާ އެޅުން 25 މޭލާ ހިސާބުން ދެނެއް ދަލެއް ނޭޅޭނެ އަޅުގަނޑުމެންގެ ހުއްދަ ލިބިގެން ނޫނިއްޔާ،" ފައްޔާޒު ވިދާޅުވި އެވެ.

މޮރިޝަސް އާއި ޗާގޯސް ސަރަހައްދުގައި ބޭރުގެ މަސްވެރިން ދާ އަޅާ ވާހަކަ ދައްކާއިރު މިހާތަނަށް ރާއްޖޭގެ 24 މޭލު ބޭރުންވެސް ދާ އަޅަމުންދިޔަ ކަމަށާއި އެކަން ދެން ހުއްޓުވޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.