ފައްޔާޒް އިސްމާއީލް

އެސްއެމްއީ ތަކަށް އެހީވާން ޕެކޭޖެއް ހަދަނީ

Jun 3, 2021
2

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރު ކޮށްދޭން ސްޓިމިއުލަސް ޕެކޭޖެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ސެލޫންތަކާއި، ޖިމްތަކާއި، ކެފޭ / ރެސްޓޯރަންޓްތައް ވަނީ ބަންދު ކޮށްފަ އެވެ.

އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނުވަތަ އެސްއެމްއީ ތަކަށް ހާއްސަ ކުރާ ސްޓިމިއުލަސް ޕެކޭޖްގެ ތެރެއިން ސެލޫންތަކާއި، ޖިމްތަކާއި، ކެފޭ އާއި ރެސްޓޯރަންޓްތަކާއި އެ ގިންތިއަށް ފެތޭ އެހެން ވިޔަފާރިތަކަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށެވެ.

އެސްއެމްއީ ތަކަށް ހާއްސަަކޮށްގެން ޕެކޭޖެއް ތައާރަފް ކުރުން ލަސްވަނީ މިނިސްޓްރީގެ މުވައްޒަފުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކަމަށްވެސް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެފަދަ ޕެކޭޖެއް ވަރަށް އަވަހަށް ތައާރަފް ކުރުމުގެ އުއްމީދު ވަނީ ދެއްވާފަ އެވެ.

ރާއްޖެއިން އެންމެ ފުރަަތަމަ ކޮވިޑް ކޭސްތައް މިދިޔަ އަހަރުގެ ތެރޭގައި ފެނުމާ ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ދަށުން ވެސް ސެލޫންތަކާއި، ޖިމްތަކާއި، ކެފޭ، ރެސްޓޯރަންޓްތައް ބަންދުކުރި އެވެ. އޭރުވެސް އެފަދަ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި ބައެއް ވިޔަފާރީތައް ވަނީ ހުއްޓާލާފަ އެެވެ.

އޭރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ ހާއްސަ ޕެކޭޖެއް ތައާރަފްކޮށް ބައެއް ވިޔަފާރިތަކަށް އެހީތެރިވެ ދީފަ އެވެ.

ފިނޭންސް މިނިސްޓްރީ އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ބޭންކުން މިހާތަނަށް ވަނީ 360 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ކޮވިޑް-19 އިގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރާނެ ކަމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ.