ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފެހި މާހައުލެއް ގާއިމް ކުރުމުގެ ގޮތުން އެކުލަވައިލި ސިޔާސަތަށް އަމަލު ކުރަން ރައީސް އިބްރާހީ މުހައްމަދު ސޯލިހު ނިންމައިފި އެވެ.
އެ ސިޔާސަތަށް އަމަލުކުރަން ރައީސް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރަދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.
އަމަލުކުރަން ނިންމި ސިޔާސަތުގައި ސަރުކާރާއި، މިނިވަން މުއައްސަސާތަކުން އަދި ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން، ކުރާ އިއުލާންތަކުގައި ބިޑަށް ހުޅުވާލާއިރު އެ އިއުލާން ކުރާ ޕްރޮޖެކްޓެއްގެ އަގު 2.5 މިލިއަން ރުފިޔާއަށް ވުރެ ދަށްނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭން ހިމަނާފައި ވެއެވެ. އަދި ޓެކްސް އިދާރާތަކުން ތަފާތު އެހީތެރިކަން ފޯރުކޮށްދޭ ގޮތަށްވެސް އެ ސިޔާސަތުގައި ވަނީ ހިމަނާފަ އެވެ. އެގޮތުން ކުޑައަގެއްގައި ޕީއޯއެސް ފޯރުކޮށްދިނުމާއި ތަމްރީނު ދިނުން ފަދަ ކަންކަން އެ ސިޔާސަތުގައި ހިމެނެއެވެ.
އެ ސިޔާސަތުގައި ވާގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކުރާ އިންވޮއިސްތަކަށް އަވަހަށް ފައިސާ ދެއްކުމަށް ބާރު އެޅޭ ގޮތަށް ބައްޓަންކޮށް މީހުން ތަމްރީނު ކުރުން އަދި އެފަދަ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އެވޯޑްދިނުން ވެސް ހިމަނާފައިވެ އެވެ.
ރާއްޖޭގައި ވިޔަފާރިކުރަމުންދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރި އެރުވަން ފަހަކަށް އައިސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެ އެވެ. އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ސަރުކާރުން ވަނީ އެސްއެމްއީ ބޭންކެއް ވެސް ހުޅުވާފަ އެވެ.