ގަވާއިދަ ހިލާފަށް އެތެރެވާ ބިދޭސީން ބައިތިއްބަން ގުޅީފަޅުގައި ޑިޓެންޝަން ސެންޓަރެއް ގާއިމު ކުރުމުގެ މަސައްކަތް މި މަހު ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ބިދޭސީ މަސައްކަތްތެރިިންގެ މެންޑޭޓްތައް ދީފައި އޮންނަނީ އިމިގްރޭޝަނަށެވެ. ނަމަވެސް މި ސަރުކާރުގައި ބިދޭސީ މަސައްކަތްތެރިންގެ ހުރިހާ ކަމެއް އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ރާއްޖޭގައި މިހާރު މަސައްކަތް ކުރަމުންދާ ބިދޭސީންގެ އަދަދު 250000 އަށްވުރެ ގިނަ ކަމަށާއި އޭގެ ތެރޭގައި ގަވާއިދާ އެއްގޮތަށް އެތެރެވެގެން އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނޭ ކަމަށެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އެތެރެވާ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެންމެ ފުރިހަމަ ގޮތުގައި އެ މަސައްކަތް ކުރަން ދަތިތަކެއް ހުރި ކަމަށެވެ. އެ ގޮތުން އިންސްޕެކްޓްކޮށް ބަލަހައްޓާނެ މުވައްޒަފުންނާއި ވަސީލަތްތައް މަދު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން އަންނަ ޖުލައި މަސް ތެރޭގައި ރެގިއުލޝަނަލައިޒް ޕްރޮގްރާމެއް ފަށައި، ގަވާއިދުގެ ތެރެއަށް ގެނެސްގެން މަސައްކަތް ކުރެވެން ތިބި ބިދޭސީންނަށް އެކަން ކޮށްދިނުމުގެ އިތުރަށް ފޮނުވާލަން ޖެހޭ މީހުންގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެފަދަ ބިދޭސީން ބައިތިއްބަން ގުޅީފަޅުގައި ޑިޓެންޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް ވެސް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ގޮތުން ވާގޮތަކީ އަޅުގަނޑުމެންނަކަށް މީހުން ހައްޔަރު ކޮށްގެން ގެންގުޅޭވެނެ ގޮތެއް ނެތް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 1000 މީހުންގެ ޑިޓެންޝަން ސެންޓަރެއް ގުޅީފަޅުގައި ގާއިމު ކުރުމުގެ މަސައްކަތް ވެސް މި މަސް ތެރޭގައި ޓެންޑާ ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެވެ މަސައްކަތް ކުރާ ބިދޭސީން މަދު ކުރަން ކޯޓާގެ ކަންކަން މިހާރަށްވުރެ ލުއި ކުރެވޭނެ ގޮތަށް ގަވާއިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ވެސް ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޯޓާގެ ކަންކަން މިހާރު ލަސްވަމުން ދަނީ ކުރަން ޖެހޭ މަސައްކަތަށް މިނިސްޓްރީގައި އެކަށީގެންވާ ވަރަށް ވަސީލަތްތަކާއި މުވައްޒަފުން ނެތުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޯޓާ އެޕްލައި ކުރީމަ އަޅުގަނޑުމެން އެބަ ޖެހޭ އެ ތަނެއް ބަލައި އިންސްޕެކްޝަނަށް ފޮނުވަން. މާލޭގައި އެ ކަން މި ކުރަނީ މިނިސްޓްރީން. ނަމަވެސް މިނިސްޓްރީގަ ނެތް އެ ވަރަށް މުވައްޒަފުންނެއް ނެތް. އެހެންވެ ލަސްތަކެއް ވޭ. ރަށްރަށުގައި އެ ކަން ކުރަނީ ކައުންސިލްތަކުން. އެހެންވެ ކައުންސިލްތަކުން އެކަންކޮށް އަޅުގަނޑުމެންނަށް ފޮނުވީމަ އިތުރަށް ކުރިއަށް މި ދެވެނީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ކޯޓާގެ ކަންކަމަށް ގެންނާނެ އެއް ބަދަލަކީ މިނިސްޓްރީއަށް އެ ކަމެއް ހުށަހެޅުމުގެ ކުރިން ކައުންސިލަށް ހުށަހަޅައިގެން އިންސްޕެކްޓްކޮށް އެ ތަނުން ހުރިހާ ކަމެއް ކުރުމުން މިނިސްޓްރީން ހުއްދަ ދޫކުރާ ގޮތަށް ހަމަޖެއްސުމެވެ. އެއިރުން މިހާރަށްވުރެ ކޯޓާގެ ކަންކަން އަވަސްވެގެން ދާނެ އެވެ.
"އަޅުގަނޑުމެންގެ ޓާގެޓެއް އެއީ ހަތް ދުވަސް ތެރޭގައި ކޯޓާގެ ކަމަކާ ގުޅޭ ގޮތުން ނިންމަން ޖެހޭ ހުރިހާ ނިންމުމެއް ނިންމުން. އަދި ޓާގެޓެއް އެއީ އެމްޕްލޯއިމަންޓް އެޕްރޫވަލްތަކާއި އެމްޕްލޯއިމަންޓް ކެންސަލޭޝަން ކުރުމުގައި ވެސް މަދުވެގެން ތިން ދުވަސް ތެރޭގައި އެ ކަމާ މެދު ގޮތެއް ނިންމުން. އަދި އެ ހިސާބަށް ނުދެވޭ. އެކަމަކު ޓާގެޓަކީ އެއީ." މިނިސްޓަރު ވިދާޅުވި އެވެ.