ބިދޭސީން

ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކުރާ ބިލުގެ ބަހުސް ފަށައިފި

ނިވަލުގައި ދިވެހިން ތިބެގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހެއް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމެވެ.

ބިލުގެ ބޭނުމަކީ ދިވެހިން ނިވާފަތްގަނޑަކަށް ވެގެން ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމެވެ.

ބިލު ހުށަހަޅުއްވަމުން ގަނީ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ރަޖިސްޓްރީ ނުކުރާ މަސައްކަތްތެރިންނާއި ތަރުކާރީއާ މޭވާ ވިއްކާ ފަރާތްތައް އުޅޭ ތަން ފެންނަމުންދާ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އިތުރު މަންފާއާ ލުއި ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ގޮތުން، ބިދޭސީންގެ ގަވައިދާ ހިލާފު ވިޔަފާރިތައް ބާތިލު ކުރެވޭނެ އުސޫލު ވެސް ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެއްކާއެކު އެކަން ރަޖިސްޓްރާއަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރެވެ އެވެ.

އަމިއްލަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްދޭ މުއްދަތާއި އެ ރަޖިސްޓްރީ އާކޮށްދޭ މުއްދަތުވެސް އިތުރު ކުރަން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެފަދަ ވިޔަފާރިތައް ފަސް އަހަރު ދުވަހަށް ރަޖިސްޓްރީ ކޮށްދޭން މިހާރު އޮންނަ އުސޫލު ބަދަލުކޮށް 10 އަހަރަށް ރަޖިސްޓްރީކޮށް އިތުރު 10 އަހަރަށް ރަޖިސްޓްރީ އާ ކޮށްދެވޭ ގޮތަށް ހަދަން ބިލުގައި ހިމަނައިފައިވެ އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނާ ހިލާފުވުމުން އެކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 1000ރ. އާއި 20،000 ރުފިޔާއިން މިހާރު ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް އެ ޖޫރިމަނާ 100،000 ރުފިޔާއަށް ބޮޑު ކުރަން ބިލުގައި ހިމަނައިފައިވެ އެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާ ބިލް މަޖިލީހަށް ތައާރަފް ކޮށްފައިވަނީ މިމަހުގެ އަށްވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގަ އެވެ.