ބިދޭސީން

ބިދޭސީންގެ ވިޔަފާރި ހަނި ކުރެވޭނެތަ؟

ދަނޑު ހައްދަނީ ވެސް ބިދޭސީންނެވެ. ދޯންޏަށް އެ ތަކެތި އަރުވަނީ ވެސް އެ މީހުންނެވެ. ވިއްކަން ގެންނަނީ ވެސް އެ މީހުނެވެ. އަގު ހަދަނީ ވެސް އެ މީހުނެވެ. ޖުމްލަކޮށް ބުނާ ނަމަ މުޅި ދިވެހި ދަނޑުވެރިކަމުގެ ސިނާއަތް އޮތީ ބިދޭސީންގެ މުށުތެރޭގަ އެވެ. ދަނޑުން ނުކުމެ މާލެ ތެރެ ހިނގާލާއިރު މާރުކޭޓުތައް ހަދައިގެން ކަންކަން މަތީގައި ވިޔފާރި ކުރަނީ ވެސް މިހާރު ބިދޭސީންނެވެ. އެ މީހުން އެންމެ ފަހުން ފަށާފައިވާ ކަމަކީ އަންހެނުންގެ "އެތެރެއިން ލާ އަންނައުނު" ވިއްކުމުގެ ވިޔަފާރި އެވެ. ޒަމާނީ އޮންލައިން ވިޔަފާރި އެވެ. ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ސިނާއަތް އެއްކޮށް މިހާރު އޮތީ ބިދޭސީންގެ އުނގު ތެރޭގައޭ ބުނުން އެއީ ތެދެކެވެ.

މިކަން ހުއްޓުވޭނީ ކިހިނެއް ހެއްޔެވެ؟ މިކަން ނުހުއްޓުވެނީ ކީއް ވެގެން ހެއްޔެވެ؟ މައްސަލައަކީ ކޮބައި ހެއްޔެ؟ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ގެންނަން މިހާރު މަޖިލީހަށް ލާފައިވާ އިސްލާހުން ބިދޭސީންގެ އަތުން މި ވިޔަފާރިތައް "އަތުލައި" ދިވެހިންނަށް ފޯރުކޮށް ދެވިދާނެ ހެއްޔެވެ؟ އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ ކޮބައި ހެއްޔެވެ؟

ރާއްޖޭގައި އުޅޭ ބިދޭސީންގެ މިހާރުގެ އަމަލުތައް ހުރި ގޮތުން ވިޔަފާރި ކުރަން ބޭނުންވ ވެގެން ވިޔަފާރި ފަށާ ދިވެހިން ވެސް ދަނީ ހަނާވެ ހަލާކު ވަމުންނެވެ. މުޅި ސިސްޓަމް އެއްކޮށް މޮނޮޕޮލައިޒް ވެފައި ވަނީ ބިދޭސީންނަށެވެ. ކޮންމެ ދުވަހެއްގެ އިރުއަރާ އޮއްސޭއިރު ފެންނަނީ މި ބިރުވެރި މަންޒަރެވެ.

"ދިވެހިންނަަށް ވިޔަފާރި ކުރެވޭކަން ނެތް. މުސާރަ ދީގެން ވިސާ އާއި ހުރުން ދީގެން ގެންގުޅުނަސް އެ މީހުން މިހާރު އުޅެން ބޭނުމެއް ނުވޭ. އެ މީހުންނަށް އެނގޭ މި ގައުމުގައި އަމިއްލައަށް ފިލައިގެން ގޮސް ވިޔަފާރި ކޮށްގެން މުއްސަނދި ވެވޭކަން،" ބ. އަތޮޅު އަންހެނުން ފުށީގައި އެތަށް މިލިއަން ރުފިޔާއެއް އިންވެސްޓް ކޮށްގެން ފުޅާކޮށް ވިޔަފާރި ކުރާ މަޝްހޫރު ދަނޑުވެރިޔާ، ގަމީރާ އާދަމް ބުންޏެވެ.

ބިދޭސީގެ ވިޔަފާރި ހުއްޓުވަން މިހާރު މަސައްކަތް ކުރާއިރު ގައުމު އޮތީ ކޮން ހާލަތެއްގައި ހެއްޔެވެ؟ މި އިސްލާހާ ހަމައަށް ދާއިރު ރާއްޖޭގައި މި މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ މައްސަލައެއްގެ ދަރަޖައަށް ވެއްޓިފަ އެވެ. ގަމީރާ ފަދަ އުފެއްދުންތެރި އެތައް ދިވެހިންނެއްގެ މަސައްކަތް ހުއްޓުމަކާ ގާތްވާ ހިސާބުގަ އެވެ. ބިދޭސީ މީހާ ކުދިކޮށް ކުރާ ވިޔަފާރި މީގެ ފަސް އަހަރު ފަހުން ފެންނާނީ ބޮޑު "ވީބީއެއް" އެއް ނުވަތަ ބޮޑު "އެމްއެޗްއޭ" އެއްގެ ގޮތުގަ އެވެ.

ދިވެހިންނަަށް ވިޔަފާރި ކުރެވޭކަން ނެތް. މުސާރަ ދީގެން ވިސާ އާއިހުރުން ދީގެން ގެންގުޅުނަސް އެ މީހުން މިހާރު އުޅެން ބޭނުމެއް ނުވޭ. އެ މީހުންނަށް އެނގޭ މި ގައުމުގައި އަމިއްލައަށް ފިލައިގެން ގޮސް ވިޔަފާރިކޮށްގެން މުއްސަނދި ވެވޭކަން
ގަމީރާ އާދަމް | ދިވެހި ވިޔަފާރިވެރިއެއް

ރާއްޖޭގައި ދެ ލައްކައެއްހާ ބިދޭސީން މަސައްކަތް ކުރާއިރު "އަން ޑޮކިއުމެންޓެންޑް" ލޭބަރުންގެ މައްސަލަ ވަނީ ފާލުން ނެއްޓިފަ އެވެ. ނެއްޓިފައިވާ ފާލު ނޭޅުވިގެން އުޅެނިކޮށް އެ މީހުން ވިޔަފާރިކޮށް އިގްތިސޯދުގެ މުޅި ނިޒާމު އެއްކޮށް ފުނޑާލައިފި އެވެ.

މި ވާހަކަތަކަކީ އެންމެނަށް އެނގޭ އެކަމަކު ނުހުއްޓުވި އޮތް ބޮޑު ފެއިލްވުމެކެވެ. އަބަދު ވެސް ބިދޭސީން ވިޔަފާރިކޮށް ދިވެހިންނަށް އޮތް ފުރުސަތު ގެއްލުވާލާ ވާހަކައާ ހިސާބުން ސަރުކާރުން ދައްކާ ބަހަނާއަކީ ކޮންމެ ވެސް ގާނޫނެއް ނެތް ވާހަކަ އެވެ. ގާނޫނު ހަދައި ދިނުމުން އެ ތަންފީޒު ނުކޮށް އެއިން ނާޖާއިޒު މަންފާ ނެގުން ނޫން ކަމެއް ނުކުރެ އެވެ. ކޮންމެ ފަސް އަހަރުން ވެރިކަން ބަދަލުވާއިރަށް މޮޅެތި ނަން ނަމުގައި "މެނިފެސްޓޯ" ހެދިއަސް މި މައްސަލަ ހައްލު ކުރުމުގެ ބައިގައި އަތްލަނީ އެންމެ ފަހުން ފަސް އަހަރު ނިމެން ގާތްވުމުންނެވެ. ހަގީގީ މައްސަލަ ބާއްވަނީ އަތް ނުލަ އެވެ.

ބިދޭސީން ހިންގާ ވިޔަފާރި ހަނިކުރާ ބިލާ ބެހޭ ގޮތުން އައްޑޫ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވިދާޅުވި ގޮތުގައި ބިދޭސީން މުޅި ސިސްޓަމް އެއްކޮށް އެފުށް މި ފުށަށް ޖަހާފައިވާއިރު މި މައްސަލަ ނުހުއްޓުވިގެން އުޅެނީ ކޮން ގާނޫނެއް ނެތިގެން ކަމެއް އޭނާއަށް އެނގިވަޑައެއް ނުގަންނަވަ އެވެ.

"ދުނިޔޭގެ އެއްވެސް ގައުމެއްގައި އެ ގައުމުގެ ރައްޔިތުންގެ ނަމުގައި ގޮސް ވިޔަފާރި ކުރެވޭނެ އުސޫލު ތަކެއް ނޯވެ. އެކަން ބެލޭނެ ކޮންމެ ވެސް އިންތިޒާމު ތަކެއް ހުރޭ، އެކަން ހުއްޓުވޭ،" ޝަރީފު ވިދާޅުވި އެވެ. "ހިތާމައަކީ [ރާއްޖޭގައި] ގާނޫނަށް ކިތަންމެ ބޮޑު އިސްލާހެއް ގެނައި ނަމަވެސް އެ ގާނޫނަށް ބަދަލު ގެނެސް ފާސް ކުރުމުގެ މާނައެއް ނެތް."

ރާއްޖޭގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި 18،000 ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްގެން ހިންގަ އެވެ. ނަމަވެސް ރާއްޖޭގެ މި ކެޓަގަރީގެ ތެރޭގައި ދިވެހިން ނިވާފަތްގަނޑަކަށް ތިބެގެން ހިންގަނީ ކިތައް ވިޔަފާރިކަމެއް ސަރުކާރަށް ހޯދިފައެއް ނުވެ އެވެ. ނުވެސް އެނގެ އެވެ. ނަމަވެސް މިހާރު ގެންނަ އިސްލާހާއެކު މި މައްސަލަ ހައްލު ކުރުމަކީ ސަރުކާރުގެ މަގުސަދެކެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީ މަރިޔަމް ވިސާމް ވިދާޅުވި ގޮތުގައު މި ބިލުގެ ސަބަބުން "ދިވެހިން ނިވާފަތްގަނޑަކަށް" ހަދައިގެން ބިދޭސީން ކުރާ ވިޔަފާރިތައް ހޯދައި ހުއްޓުވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ. މައިގަނޑު މަގުސަދަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވެ އެވެ.

"މި އިސްލާހު ފާސްވެ ގާނޫނަކަށް ވުމުން ހަދާ ގަވައިދާއެކު މިކަން [ބިދޭސީ ވިޔަފާރިތައް] ހުއްޓުވަން ފިޔަވަޅު އަޅަން ފެށޭނެ. މިކަން ހުއްޓުވަން އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތަކުގެ އެންމެ މެކްސިމަމް ޔޫޓިލައިޒް ކުރާނަން. އިންސްޕެކްޓް ކުރުން ކުރިއަށް ގެންދާނަން،" ވިސާމް ވިދާޅުވި އެވެ.

މި އިސްލާހު ފާސްވެ ގާނޫނަކަށްވުމުން ހަދާ ގަވައިދާއެކު މިކަން [ބިދޭސީ ވިޔަފާރިތައް] ހުއްޓުވަން ފިޔަވަޅު އަޅަން ފެށޭނެ. މިކަން ހުއްޓުވަން އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތްތަކުގެ އެންމެ މެކްސިމަމް ޔޫޓިލައިޒް ކުރާނަން
މަރިޔަމް ވިސާމް | ރަޖިސްޓްރާ އޮފް ކޮމްޕެނީ

އޭނާ ވިދާޅުވި ގޮތުގައި މި އިސްލާހުގެ ސަބަބުން ދެ ފައިދާއެއް ލިބިގެންދާނެ ކަމަށާ، އެ ފައިދާއަކީ މި ވިޔަފާރި ހުއްޓުވުމުން ދިވެހިންނަށް ފުރުސަތު ފަހިވުމާއި އިގްތިސޯދުން ބޭރުވާ ފައިސާ މަދުވުމެވެ.

މި ބިލުގައި ބުނަނީ ކީކޭ؟

މި ބިލުގައިވާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ރަޖިސްޓްރޭޝަން ބާތިލުކުރުމަށް ރަޖިސްޓްރާ އަށް ލިބިގެންވާ ބާރުތައް އިތުރު ވެގެންދެ އެވެ. މި ބިލުގައި ބިދޭސީން ކުރާ ވިޔަފާރިތަކުގެ ތެރެއިން ޝައްކުވާ ވިޔަފާރިތަކުގެ ރަޖިސްޓްރޭޝަން ބާތިލު ކުުރެވޭނެ ދެ ހާލަތެއް ހިމަނާފައިވުމެވެ.

ބިދޭސީ ވިޔަފާރި ބާތިލް ކުރެވޭނެ ހާލަތްތައް

  • ސީދާ ގޮތުން / ނުސިދާ ގޮތުންވިޔަސް ބިދޭސީ ފަރާތްތަކަށް ވިޔަފާރީގެ މަންފާ ލިބިދޭން ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލުކުރެވުން
  • ގާނޫނުގައިވާ ބަޔާން ކުރާ މައުލޫމާތު ހުށަހަޅަން ގާނޫނުގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ މުއްދަތު ހަމަވާ ތާރީހުން ފެށިގެން އެއް އަހަރު ވެފައިވުން

ބިދޭސީ ވިޔަފާރިތައް ހަނި ކުރުމަށް ފިޔަވަޅު

  • ވިޔަފާރީގެ މަސްއޫލުވެރިޔާ ރާއްޖޭއިން ބޭރުގައި އުޅޭނަމަ ޝަރުތު ފުރިހަމަވާ އެހެން މީހަކާ ވިޔަފާރި ހިންގުން ހަވާލުވުން
  • ވިޔަފާރި ހިންގަން ހަވާލުވާ މީހާއަކީ ރާއްޖޭގައި ދިރިއުޅޭ 18 އަހަރުވެފައިވާ ދިވެއްސަކަށްވުން
  • ގާނޫނާ ހިލާފު ވާނަމަ 1،000ރ އާއި 100،000ރ ދެމެދުގެ އަދަދެއްގެ ޖޫރިމަނާ

ރަޖިސްޓްރާ ވިސާމް ވިދާޅުވީ މި އިސްލާހުގެ ސަބަބުން އަމިއްލަ ފަރުދުންގެ ވިޔަފާރިތައް ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށެވެ.

"އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނު މިހާރު އޮންނަ ގޮތުން ރަޖިސްޓްރީ ކުރެވޭނީ ފަސް އަހަރަށް. އަދި ރަޖިސްޓްރީ އާ ކުރެވެނީ ފަސް ފަސް އަހަރަށް. ފަސް އަހަރުގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަން ޖެހޭ. އެކަމަކު މިހާރު ގެންނަ އިސްލާހުގައިވާނެ 10 އަހަރަށް ރަޖިސްޓްރީކޮށްދީ، އާ ކުރުން 10 އަހަރަށް ބަދަލު ކުރަން އަދި ހަމަވުމުގެ އެއް އަހަރު ކުރިން އާ ކުރަން ހުށަޅަން،" ވިސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މީގެ އިތުރުން މި އިސްލާހުގެ ސަބަބުން މި ވިޔަފާރިތައް ހިންގާ ގޮތް ބަލައި އެހީތެރިވެދޭނެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

"ހަގީގީ ބަދަލަކީ މުޅި ނިޒާމަށް ގެންނަން ޖެހޭ ބަދަލެއް،" ވިސާމް ވިދާޅުވި އެވެ.

ބިދޭސީންގެ ވިޔަފާރި ހުއްޓުވުމުގެ މަގުސަދުގައި އަނެއްކާވެސް ގާނޫނެއް އިސްލާހު ކުރަން މިވަނި ފަށާފަ އެވެ. މި ފިޔަވަޅުން ހަގީގީ ބައްޔަން ފަރުވާއެއް ލިބޭނެ ހެއްޔެވެ؟ ރާއްޖޭގައި ބޮޑުވެ ގައުމީ ބޮޑު ކާރިސާއަކަށް ވަމުންދާ ބިދޭސީންގެ މައްސަލަ ހުއްޓުވަން ފިޔަވަޅު އެޅޭނެ ހެއްޔެވެ؟ ބިދޭސީން ކުރާ ވިޔަފާރިތައް އަތުލައި ދިވެހިންނަށް ކުރި އަށް ދާނެ މަގު ދެއްކޭނެ ހެއްޔެވެ؟