ރައްޔިތުންގެ މަޖިލިސް

ޓްރާންޝިޕްމަންޓް ބަނދަރު ހަދަން އެންގުމަށް ފާސްކޮށްފި

އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ ގޮތެއް ހޯދުމުގެ ގޮތުން ޓްރާންސްޝިޕްމަންޓް ބަދަރު ހެދުމަށް އިލްތިމާސްކޮށް އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކުރުމަށް އިލްތިމާސްކޮށް އެކަމާ ގުޅޭ ގަރާރުގެ މަސައްކަތް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީން ފާސްކޮށްފި އެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓުފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް ގޮވާލައި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.

ގަރާރު ދިރާސާކުރުމަށްފަހު ރިޕޯޓް ފާސްކުރުމަށް މިއަދު އިގްތިސޯދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވީ އެ ގަރާރުގެ މަސައްކަތް ކޮމިޓީން ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކަކުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ގަރާރު ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ ތިން ކަމެއް ކުރަން ސަރުކާރުގެ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ.

ފުރަތަމަ ކަމަކީ ޓްރާންޝިޕްމަންޓް ބަދަރު ހެދުމާއި، ބަންކަރިން، ލޮޖިސްޓިކް ޕާކް، އިންޓަނޭޝަނަލް ޑޮކްޔާޑް، މެރިޓައިމާ ގުޅޭ އެހެނިހެން ހިދުމަތްތަކާއި، ބޯޓު ފަރަހަށް ބޭނުންވާ ސަޕްލައި އަދި ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމެވެ. އަދި ފަޅުވެރިން ބަދަލުކުރުމަށް ބޭނުންވާ ހިދުމަތްތަކާއި، ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް ވިޔަފާރި ފަދަ ސިނާއަތްތައް ރާއްޖޭގެ އުތުރުގައި ތަރައްގީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާއި ބެހޭ ވުޒާރާތަކަށް އިލްތިމާސް ކުރުމެވެ.

ދެވަނަ އަަށް އިލްތިމާސް ކޮށްފައިވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އާގު ބޯޓު ފަހަރަށް ބޭނުންވާ ސަޕްލައި އަދި ސެކިއުރިޓީ ފޯރުކޮށްދިނުމަށާއި ފަޅުވެރިން ބަދަލުކުރުންފަދަ ހިދުމަތްތައް ރާއްޖޭގެ އުތުރުގައި ތަރައްގީ ކުރުމަށް ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށެވެ.

ރިޕޯޓްގައި އެންމެ ފަހު ކަމަކަށް އިލްތިމާސްކޮށްފައިވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އާގު ބޯޓު ފަހަރުތަކަށް ދޭ ހިދުމަތްތަކަކީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ދެވޭ ހިދުމަތްތަކެއްކަން ކަށަވަރުކުރުމަށް މޮނިޓަރިން ކޮންޓްރޯލް އަދި ސަވެއިލަންސް ނިޒާމު އެކުލަވާލުމަށެވެ.

ސަރުކާރަށް ކަންތައްތަކެއް އިލްތިމާސްކޮށް އެކުލަވާލި ރިޕޯޓް ކޮމިޓީން ފާސްކުރީ ކޮމިޓީގައި އެ ވަގުތު ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

އިހަވަންދިއްޕޮޅުގައި ބޮޑެތި އާގު ބޯޓު ފަހަރަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަކީ ފީޒިބަލް ކަމަކަށް ނުވިޔަސް މި އަހަރު އެ މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ތަރައްގީކުރަން ސަރުކާރުން ވަނީ ޕްލޭންކޮށްފަ އެވެ. އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު އުފުލާ ބޭލުމުގެ ގާބިލްކަން ލިބޭ ގޮތަށް ތަރައްގީ ކުރާ މި ބަނދަރުގެ އަގަކީ 466 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަން ރުފިޔާ އެވެ.

ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރު ކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަހައްދެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިހެވަންގެ ނަމުގައި މި މަޝްރޫއު އިއުލާނު ކުރި އެވެ. އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން އާއި އިންޑަސްޓްރިއަލް އެސްޓޭޓް އަދި ފްރީ ޓްރޭޑް ޒޯން އާއި އެންޓަޕްރައިޒް ޒޯންގެ އިތުރުން ޓޫރިޒަމަށް ހާއްސަ ފްރީޕޯޓްތަކާއި ހައިޓެކް ޕާކާއި އޮފްޝޯ ފައިނޭންސިން ސާވިސް ހިމެނޭ ގޮތަށް އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް ގޮތުގަ އެވެ. މަޝްރޫއުން 500 މިލިއަން ޑޮލަރު -- 7.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ.