ރައްޔިތުންގެ މަޖިލިސް

ވިޔަފާރިވެރިންގެ ޖަމިއްޔާއާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއްް

Jun 21, 2021

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ ހިންގުމުގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާގެ މައްސަލަ މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވީ މިއަދު ބޭއްވި މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކޮމިޓީގައި ކުރިއަށް ދިޔައީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ބިލް ދިރާސާކުރުމުގެ މަސައްކަތެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަގެއްގެ މަތިން ވެސް ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ އަޑެއް މިހާރު އިވެމުން ނުދާ ކަމަށެވެ. އެހެންކަމުން ވިޔަފާރިވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާނެ ޖަމިއްޔާއެއްގެ މުހިއްމު ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑަށް ލިބެނީ ޗެމްބާ އޮފް ކޮމާސް ހަދަން ދީފައި އޮތް ބިމުގައި ލޯކަލް މާރުކޭޓެއް ހިންގައިގެން އެ ތަނާ ގުޅޭ ކޮމްޕްލެއިންޓްސް ތަކެއް،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ވިޔަފާރިވެރިންގެ ޖަމިއްޔާ އުފެއްދެވި ބޭފުޅުންނާ އެމަނިކުފާނާ ބައްދަލުވި ކަމަށާ އެބޭފުޅުން ވެސް ޝަކުވާތަކެއް ކުރެއްވި ކަމަށެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ޖަމިއްޔާއާއި ވިޔަފާރިވެރިންނާ ގުޅުން ނެތުމާއި ޖަމިއްޔާގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުތަކާ ގުޅޭ މައްސަލަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ވިޔަފާރިވެރިންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި މަސައްކަތް ކުރާނެ ޖަމިއްޔާއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވިޔަފާރިވެރިންނާ ގުޅޭ ސިޔާސަތުތައް ސަރުކާރުން އެކުލަވާއިރު ވިޔަފާރިވެރިން ތަމްސީލް ކުރަން ޖަމިއްޔާއެއް ނެތުމުން ބައެެއް ކަންކަމުގައި ނިކަމެތިކަމެއް ލިބޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ވިޔަފާރިވެރިންގެ ޖަމިއްޔާގައި މިހާރު ތިއްބެވީ ކޮން ބޭފުޅުންނެއް ކަމެއް ނޭނގޭ. އެހެންވެ ޖަމިއްޔާ އަށް ގުޅާނަމަ ގުޅާނެ ބޭފުޅެއް ވެސް ނޭނގޭ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާ މީގެ 27 އަހަރު ކުރިން އުފެއްދިއިރު އެ ޖަމިއްޔާގެ އެންމެ އިސް މަގާމުތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިން މީގެ ކުރިން މަސައްކަތް ކުރައްވާފައިވެ އެވެ. ނަމަވެސް މީގެ 10 އަހަރުން ކުރިން ފެށިގެން އެ ޖަމިއްޔާގެ އިސް މަގާމުތަކުން ފެންނަނީ ނަން މަޝްހޫރު ވިޔަފާރިވެރިންނެއް ނޫނެވެ.

އެ ޖަމިއްޔާގެ މިދައުރުގެ ރައީސަކީ އިސްމާއިލް ނޫރައްދީނެވެ. ނައިބު ރައީސަކީ އިސްމާއިލް އާސިފް (އާސިއްޕެ)އާއި އަހްމަދު ރިޒްވީ އެވެ.

ވިޔަފާރަވެރިންގެ ގައުމީ ޖަމިއްޔާ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅުން ވަނީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވާފަ އެވެ.