ރައްޔިތުންގެ މަޖިލިސް

ބިދޭސީންގެ ވިޔަފާރި ހަނިކުރާ ބިލު ފާސްކޮށްފި

ނިވަލުގައި ދިވެހިން ތިބެގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިތައް ހަނިކޮށް ދިވެހި ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.

ބިލު ފާސްކުރުމަށް މަޖިލީހުގައި ނެގުނު ވޯޓްގައި 53 މެންބަރުން ބައިވެރިވެވަޑައިގެން ވޯޓް ދެއްވާފައިވެއެވެ. ސަރުކާރުގެ ފަރާތުން އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހެއް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމެވެ.

މި ބިލުގެ ބޭނުމަކީ ދިވެހިން ނިވާފަތްގަނޑަކަށް ވެގެން ސީދާ ގޮތުންނާއި ނުސީދާކޮށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ ސަބަބުން ރާއްޖޭގެ އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރި އާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސޯދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށް ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެއްސުމެވެ. އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަަކަށް މިހާރު ދިމާވެފައިވާ ދަތިތައް ހައްލުކޮށް ހާލަތު ދެނެގަނެ ކަންކަން ރަަނގަޅު ކުރުމެވެ.

ދިވެހި ވިޔަފާރިތައް ހިމާޔަތް ކުރުމުގެ ގޮތުން، ބިދޭސީންގެ ގަވައިދާ ހިލާފު ވިޔަފާރިތައް ބާތިލު ކުރެވޭނެ އުސޫލު ވެސް ބިލުގައި ހިމަނާފައި ވެއެވެ. އެގޮތުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީން ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެއްކާއެކު އެކަން ރަޖިސްޓްރާއަށް ގަބޫލު ކުރެވިއްޖެ ނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލު ކުރެވެ އެވެ.

އަމިއްލަ ވިޔަފާރިތައް ރަޖިސްޓްރީ ކޮށްދޭ މުއްދަތާއި އެ ރަޖިސްޓްރީ އާ ކޮށްދޭ މުއްދަތުވެސް އިތުރު ކުރަން ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެފަދަ ވިޔަފާރިތައް ފަސް އަހަރު ދުވަހަށް ރަޖިސްޓްރީ ކޮށްދޭން މިހާރު އޮންނަ އުސޫލު ބަދަލުކޮށް 10 އަހަރަށް ރަޖިސްޓްރީކޮށް އިތުރު 10 އަހަރަށް ރަޖިސްޓްރީ އާ ކޮށްދެވޭ ގޮތަށް ހަދަން ބިލުގައި ހިމަނައިފައި ވެއެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނާ ހިލާފުވުމުން އެ ކުރި ކުށުގެ ކުޑަ ބޮޑުމިނަށް ބަލައި 1000ރ. އާއި 20،000 ރުފިޔާއިން މިހާރު ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް އެ ޖޫރިމަނާ 100،000 ރުފިޔާއަށް ބޮޑު ކުރަން ބިލުގައި ހިމަނައިފައި ވެއެވެ.