ދިވެހިން ލިބެން ނެތް ދާއިރާތަކަށް ނޫނީ ބިދޭސީން ނުގެވޭ ގޮތް ހަދަން މަސައްކަތް ކުރަމުން ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި މިނިސްޓަރު ފައްޔާޒު ރޭ ވިދާޅުވީ އެކި ދާއިރާތަކުން ދިވެހިން އުފެއްދުމަށް ގިނަ މަަސައްކަތްތަކެއް ކުރަމުންދާ ކަމަަށާ މިހާރުވެސް ވޯލްޑް ބެންކުގެ އެހީގައި ދެ ޕްރަގްރާމެއް ހިންގަމުންދާ ކަމަށެވެ. އެއް ޕްރަގްރާމަކީ ދިވެހި އެކައުންޓެންޓުން އުފެއްދުމަށް ހާއްސަކޮށް ގެން ކުރިއަށް ގެންދެވޭ ޕްރަގްރާމެއް ކަމަށާ ރިސޯޓްތަކަށް ދިވެހިން ނެރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ރިސޯޓްތަކުގެ މިޑުލް މެނޭޖްމަންޓް ލެވެލްގެ ވަޒީފާތަކަށް ދިވެހިން އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ޖޮބް ސެންޓަރުގެ މަސައްކަތް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރަމުންދާއިރު ބޭރު މީހުން ވަޒީފާތަކަށް ގެނައުމަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަަށެވެ. އެ ގޮތުން ދިވެހިން ލިބެން ނެތް ދާއިރާތަކަށް ނޫނީ ބިދޭސީން ނުގެވޭ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.
"ޖޮބް ސެންޓަރުގައި ހުނަރުހުރި ވަކި ދާއިރާއަކުން ވަޒީފާއެއް ބޭނުންވެފައި ހުރި މީހަކު ރަޖިސްޓްރީވެފައިވާނަމަ އަޅުގަނޑުމެންގެ ވިސްނުން ހުރީ އެ ދާއިރާއަކުން ފުރުސަތެއް ނުދެވޭނެއޭ ދިވެއްސަކު އެކަމަށް ބޭނުންވެފައި ހުއްޓާ ބިދޭސީ އަކަށް،" ފައްޔާޒު ވިދާޅުވިއެވެ.
ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ވަރަށް ބޮޑު އާބާދީއެއް އެބައޮތެވެ. އޭގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ އެތަށް ހާސް ބިދޭސީނެއް އުޅެއެވެ. އެކަމުގެ ސަބަބުން ދިވެހި އިގްތިސާދަށް ކޮންމެ އަހަރަކު އެތަށް ބިލިއަން ރުފިޔާގެ ގެއްލުން ވަމުންދެއެވެ. އިމާރާތް ކުރުމުގެ ދާއިރާ އާއި އެ ނޫން ބައެއް ދާއިރާތަކުގައި މުޅީންހެން މަސައްކަތް ކުރަނީ ބިދޭސީންނެވެ. މީގެ ކުރިން ދިވެހި މަސައްކަތްތެރިން އިސްކޮށް އުޅުނު އެތަށް ދާއިރާއެއް މިހާރު މުޅީން ކޮންޓްރޯލް ކުރަނީ ބިދޭސީ މަސައްކަތްތެރިންނެވެ.