އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރުގެ ފުރަތަމަ ފިޔަވައްސަށް ބޭނުންވާ ބިން ހިއްކާ ފުރަތަމަ ދޭ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖު އާއި ޝިޕް ސަޕްލައިޒް ހިމެނޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރާއި ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯދެއްވުމަށް ސުވާލު ކުރެއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމު އެވެ.
ލިޔުމުން ދެއްވި ޖަވާބުގައި ފައްޔާޒު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރެވެންދެން އެ ސަރަހައްދުން ދަތުރުކުރާ އާގުބޯޓުފަހަރަށް ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން މިނިސްޓްރީން ގިނަ މަސައްކަތްތަކެއްކޮށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
"މިސަރަހައްދުގައި އެންމެ ފުރަތަމަ ހިދުމަތްތައް ފަށައިގަންނައިރު ކްރޫ ޗޭންޖު، ޝިޕް ސަޕްލައިޒް އަދި ބަންކަރިންއަށް ފޯކަސްކުރުމަށް މަޝްވަރާކުރެވި. މި ހިދުމަތްތައް ފަށައިގަތުމަށް މިހާރު އަމަލުކުރެވެމުންދާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކުރެވި އެ ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ވަނީ ނިމިފަ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ ފުރަތަމަ ފިޔަވައްސައް ބޭނުންވާ ބިން އަވަސް މުއްދަތެއްގެ ތެރޭގައި ހިއްކާ ފުރަތަމަ ދޭ ހިދުމަތްތަކުގެ ތެރޭގައި ކްރޫ ޗޭންޖު، ޝިޕް ސަޕްލައިޒް ފަދަ ހިދުމަތްތައް ހިމެނޭނެ އެވެ.
އެ ސަރަހައްދުގެ އެހެން ރަށެއްގައި ޓްރާންސިޝަން އެރޭންޖުމަންޓެއްގެ ގޮތުގައި އިންވެސްޓްމަންޓްތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ އަމާޒަކީ އިހަވަންދިއްޕޮޅު ޕޯޓް ސިޓީގެ މަޝްރޫއަށް ބޭނުންވާ ބިން ހިއްކުން އަވަހަށް ފެށުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބަންކަރިންގެ ހިދުމަތްތައް ފެށުމަށްޓަކައި ބައިނަލްއަގުވާމީ ތެޔޮ ކުންފުނިތަކާ މަޝްވަރާކޮށް މިކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރުގެ ހިދުމަތްތައް ފެށުމަށްޓަކައި އިމިގްރޭޝަން،، ކަސްޓަމްސް އަދި އެހެނިހެން ރެގިއުލޭޓަރީ މުއައްސަސާތަކުގެ ހިދުމަތްތައް ގާއިމުވެފައިވާ އައިއެސްޕީއެސް މިންގަނޑުތަކަށް ފެތޭ ފެސިލިޓީއެއް އިހަވަންދިއްޕޮޅު އަތޮޅުގައި ގާއިމުކުރަންޖެހޭކަން ފައްޔާޒު ފާހަގަކުރެއްވި އެވެ.
މި ފެސިލިޓީ ގާއިމުކުރާ ލޮކޭޝަނަކީ ބަނދަރުގެ ޖާގަ އާއި ބަނދަރަށް ވަދެ ނިކުތުމަށް ފަސޭހަކަމާއި ހުޅަނގު މޫސުމާއި އިރުވައި މޫސުމުގައި ބަނދަރު ނިވާ ލިބޭ ފަދަ ކަންކަމަށް ރިއާޔަތްކޮށް އެފަދަ ކަންކަމަށް އެކަށީވެންވާ ލޮކޭޝަނަކަށް ވާންޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ.