ރައްޔިތުންގެ މަޖިލިސް

އެމްޑީޕީގެ ސިފަތައް ނެތް އެމްޑީޕީގެ ވަޒީރެއް އެބައުޅޭ: ޝަފީގު

އެމްޑީޕީގެ ސިފަތައް ނެތް އެމްޑީޕީގެ ވަޒީރަކު ކެބިނެޓްގައި މަސައްކަތް ކުރައްވާ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) ތުހުމަތު ކުރައްވައިފި އެވެ.

ވަކި ވަޒީރެއްގެ ނަން ވިދާޅު ނުވެ އެމްޑީޕީގެ ވަޒީރަކަށް މޯޑް ފާޑު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުދި އަދި މެދުުފަންތީގެ ވިޔަފާރިތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

ވަކި ވަޒީރެއްގެ ނަން މޯޑް ވިދާޅުނުވި ނަމަވެސް ނަމަވެސް އޭނާ އިޝާރާތްކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ކަމަށް ބެލެވެ އެވެ. އެއީ ބިދޭސީން ލިބުމުގައި ވަކިން ހާއްސަކޮށް ބަންގްލަދޭޝް މަސައްކަތްތެރިން ލިބުމުގައި ހުރި ދަތިތަކުގެ ވާހަކަ އޭނާ ދެއްކެވި އެވެ.

ބިދޭސީންގެ މައްސަލައާއި ޒިންމާވާންޖެހޭ ވަޒީރަކީ އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ފައްޔާޒެވެ.

މޯޑް ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި މިއަދާ ހަމައަށް ވެސް ހުންނަވަނީ އޭނާ ގަބޫލުކުރާ އުސޫލުތަކެއް އެމްޑީޕީގެ އަސާސްތަކުގެ ތެރޭގައި ހިމެނޭތީ ކަމަށެވެ. އަދި އެ އަސާސްތަކުގެ ވާހަކަ އެމްޑީޕީން ކޮންމެ އިންތިހާބެއްގައި ވެސް ދައްކާ ކަމަށެވެ. ހަމަހަމަ ކަމުގެ ވާހަކައާއި އިންސާފުގެ ވާހަކަ ދެއްކި ނަމަވެސް ވަޒީރެއްގެ ފަރާތްޕުޅުން އެމްޑީޕީގެ އެފަދަ ސިޔާސަތުތައް ފެންނަމުން ނުދާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ހަމަހަމަކަމެއް ނެތި މަސައްކަތް ކުރައްވާ ބޭފުޅުންގެ ވާހަކަ. ކުރީ ސަރުކާރުގެ ވަޒީރެއްގެ ވާހަކައެއް ނޫން. މި ދަންނަވަނ މި ސަރުކާރުގެ ވަޒީރެއްގެ ވާހަކަ. އަޅުގަނޑުމެން އުއްމީދުކުރި ވަރެއް ނުވެއޭ. ކުދި ކުދި ކަންކަން އެބަ ހުއްޓޭ މި ކަންކަން އިސްލާހު ކުރައްވާށޭ. އަޅުގަނޑުމެން އައީ އެ ވަހާކަ ދައްކައިގެންނޭ. މި ކަންކަން އަޅުގަނޑުމެންނަށް ކުރެވޭނެއޭ. އަޅުގަނޑުމެން އެ ޕާޓީގެ މަގުސަދު އެބައޮތޭ." މޯޑް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެ ނުގެނެވޭއިރު މިހާރު ލިބެނީ ހަމައެކަނި އިންޑިއާގެ މަސައްކަތްތެރިން ކަމަށެވެ. އެހެންނަމަވެސް އިންޑިއާގެ މަސައްކަތްތެރިން ހަވާލުކުރާ ހުރިހާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.

ބިދޭސީންގެ މައްސަލަތައް ބޮއްސުންލައިގެން ދިޔައީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެެވެ. އަދި މި ސަރުކާރަށް ވެސް އެ މައްސަލަ އަދި މިހާތަނަށް ހައްލުނުކުރެވޭ ކަމަށްވެސް މޯޑް ވިދާޅުވި އެވެ.

"މި ސަރުކާރުން އެ މައްސަލަ ހައްލުކުރާނެ ކަމަށް ވިދާޅުވެ އެކަން ހައްލު ނުވެއްޖެނަމަ ވަޒީރު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ މިގޮތަށް ކަންތައްތައް ދިޔައީ. ނަމަވެސް އަދިވެސް ހައްލެއް ނުވޭ. ކޯޓާ ދިނުން މެދުކަނޑާލައިފައި މިއޮތީ އެކަން ހައްލުކުރުމަށްޓަކައި. އެހެންވެއްޖިއްޔާ އެކަމުގެ އިންތިޒާރުގައި އެބަތިބި ބަޔަކު. ހާއްސަކޮށް ކުދި ވިޔަފާރިތައް ކުރާ ފަރާތްތަކަކީ ބަންގްލަދޭޝްގެ މަސައްކަތްތެރިން ބޭނުންކޮށްގެން މަސައްކަތްތައް ކުރާ ފަރާތްތައް. އެ އިންތިޒާރުގައި އެ ބޭފުޅުން ތިއްބަވާ މައްސަލަ ހައްލުނުވެ ދިގުލާކަމަށް ވަނީނަމަ އެ ޝަކުވާ ހުންނާނެ،" މޯޑް ވިދާޅުވި އެވެ.