އިވަންދިއްޕޮޅުގައި ބޮޑެތި އާގު ބޯޓު ފަހަރަށް ހިދުމަތް ދޭނެ ޓްރާންޝިޕްމަންޓް ބަނދަރު ހެދުމަކީ ފީޒިބަލް ކަމަކަށް ނުވިޔަސް މި އަހަރު އެ މަސައްކަތް ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސް ކޮށްދިނުމަށް އެދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަރާރާ ގުޅިގެން އިގްތިސޯދީ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުގައި އެމެރިކާގެ ބޮސްޓަން ކޮންސަލްޓަންސީ ގްރޫޕަކުން ހަދާފައި އޮތް ދިރާސާ އިން ދައްކާ ގޮތުގައި މި ޕްރޮޖެކްޓަކީ ވައިބަލް- ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭނެ- ކަމެއް ނޫން ކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން ވެސް ދިރާސާއެއް ހަދާފައިވާނެ ކަމަށާއި އެ ދިރާސާ އިން ދައްކާ ގޮތުގައި ވެސް އެއީ ވިޔަފާރީގެ ނަޒަރަކުން ކުރެވޭވަރުގެ ކަމެއް ނޫން ކަމަށް ދައްކާފައިވާ ކަމަށެވެ.
ނަމަވެސް ދިރާސާތަކަށްފަހު ވެސް ޕްރޮޖެކްޓް ޓެންޑާ ކުރިކަން ފާހަގަކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޓެންޑާ ކޮށްގެން ކުރިމަތިލި ހަ ކުންފުންޏަކީ ވެސް އެކަންކުރާ ބައެއް ނޫން ކަމަށާއި އަދި ބަނދަރު އަޅަން މާލީ ތަނަވަސްކަން ވެސް އެ ކުންފުނިތަކުގައި ނެތް ކަމަށެވެ. އިހަވަންދިއްޕޮޅު ބަނދަރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭ ސަބަބެއްގެ ގޮތުގައި އެކަން ވެސް ފާހަގަކުރެއްވި އެވެ.
ޓްރާންޝިޕްމަންޓް ބަނދަރެއް ތަރައްގީ ކުރުމަށް މިހާރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އަވަށްޓެރި އެހެން ގައުމުތަކުގައި އެފަދަ ބަނދަރުތަކުގެ ހިދުމަތް ފެށުން ކަމުގައިވެސް ވިދާޅުވި އެވެ.
"[ރާއްޖެއަށް] މި މަސައްކަތް ކުރަން މާލަސްވުން މިހާރު މައްސަލަ އަކީ،" ފައްޔާޒު ވިދާޅުވި އެވެ.
"ރާއްޖެ އޮންނަ ލޮކޭޝަނަކީ އެންމެ ފައްކާ ލޮކޭޝަން. އެއިޓް ޑްގްރީ ޗެނަލްއެއް. އެއިޓް ޑިގްރީ ޗެނަލުން ދުވާލެއްގެ މައްޗަށް ދަތުރު ކުރޭ 200 އެއްހާ އާގު ބޯޓު. ރާއްޖެ އޮންނަނީ އެ އުނޅަދުތައް ދަތުރުކުރާ މަގުގައި. ނަމަވެސް ރާއްޖޭގައި އެ ހިދުމަތް ތައާރަފްކޮށްފައި ނުވާތީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އަވަށްޓެރި ގައުމުތަކުގައި އެ ހިދުމަތައް ގާއިމްކޮށްފައިވާތީ ރާއްޖެ އަށް ކޮމާޝަލީ އިންވެސްޓަރަކު އައިސް 600 އެއްހާ މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކޮށްގެން މަސައްކަތް ކުރުމަށް ކޮމާޝަލް ލެވެލްއެއްގައި ފީސަބަލްއެއް ނޫން،"މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.ފައްޔާޒު އިސްމާއިލް | އިކޮނޮމިކް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ އެވަރުގެ އިންވެސްޓެއް ކޮށްގެން އެ ހަރަދު އަނބުރާ ލިބެން 15 ވަރަކަށް އަހަރު ހޭދަވާ ކަމަށެވެ.
"އިންވެސްޓްމަންޓް އިންނަނީ އެންޕީވީ ނެގެޓިވްކޮށް، އިންޓާނަލް ރޭޓް އޮފް ރިޓާން މި އުޅެނީ ހަތް ޕަސެންޓްގައި. އެހެންވެ ކޮމާޝަލް ވެންޗާއަކަށް އިންވެސްޓާއަކަށް އޭތި ފީސަބަލް ނުވޭ" މިނިސްޓަރު ވިދާޅުވި އެވެ.
ކޮމާޝަލީ ނުކުރެވުނަސް ގައުމުގެ ލެވަލްގައި ކުރެވޭނެ
ލަންކާގެ ކޮލަމްބޯގައި ޓްރާންސްޝިޕްމަންޓް ތިން ޕޯޓެއް ތަރައްގީކޮށް، އިންޑިއާގެ މަސިމްޖިމްގައި ވެސް ޕޯޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެ ތަންތަނުގެ ހިންގުމުގެ ހަރަދު ރާއްޖެ އަށް ވުރެ ކުޑަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ޕޯޓެއް އެޅުމަކީ ވިޔާފާރީގެ ގޮތުން މިހާރު ފައިދާވާނެ ކަމަކަށް ނުވި ކަމުގައިވިޔަސް އެއީ ގައުމީ ލެވަލްއެއްގައި ކުރެވިދާނެ ކަމެއް ކަމަށެވެ. އިހަވަންދިއްޕޮޅު މަޝްރޫއަށް ސަރުކާރަށް އިންވެސްޓް ކުރެވެން އޮތް ނަމަ އެކަމަށް ބާރު އަޅުއްވާނެ ކަމަށާއި ނަމަވެސް އެ ވަރުގެ އިންވަސްމަންޓެއް ކުރާވަރަށް ސަރުކާރުގައި ފައިސާ ނެތް ކަމުގައި ވިދާޅުވި އެވެ.
ޕޯޓްގެ މަސައްކަތް ކުރުމަށް ހިސާބުތަކެއް ހެދުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވަނީ ދިގު މުއްދަތެއްގައި ކުރިއަށް ގެންދާ މަޝްރޫއެއްގެ ގޮތުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރާއި، ބަންކަރިން ސާވިސްއާއި، ސެކިއުރިޓީ ސާވިސަސްއާއި، ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އިތުރުން ކުރީގެ ޕްލޭންތައް ވެސް ލައިގެން ތަރައްގީކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރަން ވިސްނަނީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ ޖޮއިންޓް ވެންޗާއެއްގެ ތެރެއިން ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފުރަތަމަ ސްޕޭސްގައި މިސާލަކަށް ބަނދަރަށްވާ ބައި އެމްޓީސީސީން ހިއްކާނީ. ދެން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މަޑުމަޑުން އެހެން ކުންފުނިތަކުން އެތަން ޑިވެލޮޕް ކުރަމުން ދާނީ. ބަންކަރިން ސާވިސްގެ މަސައްކަތް އެސްޓީއޯއިން ކުރާގޮތް ހަމަޖެހިފައި އޮތީ" މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އިވަހަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓުގެ ބައި ބައެއް ޝިޕިން ކުންފުނިތަކާ ހިއްސާވާ ގޮތަށް އެ މަސައްކަތް ކޮށްފިނަމަ ބަދަރުން ފައިދާ ލިބިދާނެ ކަމަށްވެސް ވިދާޅުވި އެވެ. އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ބައެއް ހިދުމަތްތަކާއި ކްރޫ ޗޭން އަދި ސެކިއުރިޓީ ކްލިއަރެންސްގެ ހިދުމަތްތަކެއް ދިނުމަށް ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށް ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަޝްވަރާތައް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ތަރައްގީ ކުރަން ސަރުކާރުން ވަނީ ޕްލޭންކޮށްފަ އެވެ. އަހަރަކު 1.8 މިލިޔަން ކޮންޓެއިނަރު ހޭންޑުލް ކުރުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ތަރައްގީ ކުރާ މި ބަނދަރުގެ އަގަކީ 466 މިލިއަން ޑޮލަރު ނުވަތަ ހަތް ބިލިއަން ރުފިޔާ އެވެ.
ޓްރާންޝިޕްމަންޓް ބަނދަރު ތަރައްގީ ކުރާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓު ފަހަރު ދަތުރު ކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަހައްދެކެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިހެވަންގެ ނަމުގައި މި މަޝްރޫއު އިއުލާނު ކުރި އެވެ. އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން އާއި އިންޑަސްޓްރިއަލް އެސްޓޭޓް އަދި ފްރީ ޓްރޭޑް ޒޯން އާއި އެންޓަޕްރައިޒް ޒޯންގެ އިތުރުން ޓޫރިޒަމަށް ހާއްސަ ފްރީޕޯޓްތަކާއި ހައިޓެކް ޕާކާއި އޮފްޝޯ ފައިނޭންސިން ސާވިސް ހިމެނޭ ގޮތަށް އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއެއް ގޮތުގަ އެވެ. މަޝްރޫއުން 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ)ގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން އޭރު ބުނެފައިވެ އެވެ.