ލީބިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރަށް އަމާޒުކޮށް އެމެރިކާއިން ދިން ވައިގެ ހަމަލާތަކެއްގައި އޭނާ މަރާލާފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ބުނެފިއެވެ.
އައިއެސްގެ ލީބިޔާ ގޮފީގެ ލީޑަރު އަބޫ ނަބީލް އަކީ އިރާގުގެ ރައްޔިތެކެވެ. އައިއެސް އުފެދުމުގެ ކުރިން އޭނާއަކީ އަލްގައިދާއަށް އެތައް އަހަރަކު މަސައްކަތް ކޮށްދިން މީހެކެވެ.
އަބޫ ނަބީލް މަރާލި ހަމަލާއާ ބެހޭގޮތުން ޕެންޓަގަންއިން ބުނީ މި ހަމަލާއިން ދައްކުވައިދެނީ އައިއެސްގެ ލީޑަރުން ދުނިޔޭގެ ކޮންމެ ތަނެއްގައި އުޅުނަސް އެމެރިކާ އެމީހުން ހޯދާނެކަން ކަމެވެ. އަދި އަބޫ ނަބީލްގެ މަރުގެ ސަބަބުން އައިއެސްއަށް ލީބިޔާގައި އެމީހުންގެ މަގުސަދުތައް ހާސިލް ކުރުމަށް ދަތިވާނެ ކަމަށްވެސް ޕެންޓަގަން ބުނެއެވެ. އޭގެ ތެރޭގައި ލީބިޔާގައި އައިއެސްގެ އަސްކަރީ މަގާމުތައް ގާއިމް ކުރުމާއި، އައިއެސްއަށް އިތުރު ހަނގުރާމަވެރިން ހޯދުމާއި އެމެރިކާއާއި ދެކޮޅަށް ހަމަލާތައް ރޭވުން ހިމެނޭ ކަމަށް ޕެންޓަގަންގެ ތަރުޖަމާނު ޕީޓާ ކުކް ވިދާޅުވިއެވެ.
ކުކް ވިދާޅުވީ މި ހަމަލާއަކީ ޕެރިސްގައި ހުކުރު ދުވަހު ދިން ހަމަލާތަކުގެ ކުރިން ރާވާއި ނިމިފައިވާ ހަމަލާއެއް ކަމަށެވެ. މިއީ ލީބިޔާގައި އައިއެސްއާ ދެކޮޅަށް އެމެރިކާއިން ދިން ފުރަތަމަ ހަމަލާއެވެ. ހުކުރު ދުވަހު ޕެރިސްގައި ދިން ގެއްލުން ބޮޑު ހަމަލާތަކުގެ ޒިންމާ އުފުލާފައިވަނީ އައިއެސް އިންނެވެ.
ލީބިޔާގެ ކުރީގެ ރައީސް މުއައްމަރުލް ގައްޒާފީގެ ވެރިކަން ހުޅަނގުގެ މަސައްކަތާއި އެކު ވައްޓާލައި އޭނާ އަނިޔާވެރި ގޮތަކަށް މަރާލި ފަހުން މިވީ ހަތަރު އަހަރު ލީބިޔާ އޮތީ ހަމަނުޖެހުން ގަނޑެއްގެ ތެރޭގައެވެ. އެގައުމުގެ ވެރިކަން ހޯދުމަށް ހައްދުފަހަނަ އަޅާފައިވާ އެތައް ގުރޫޕަކުން ދަނީ ހަނގުރާމަ ކުރަމުންނެވެ. އޭގެ ތެރާގައި އައިއެސް ވެސް ހިމެނެއެވެ.