ބްލޫ ޕެރަނޯމާ އެއާލައިންސް އިން އޮޕަރޭޓް ކުރާ ލޫކް އެއާގެ ޗާޓަޑް ފްލައިޓްތައް ޕޮލެންޑުން ރާއްޖެއަށް މިއަދު ފަށައިފި އެވެ.
އެމްއެމްޕީއާރްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕޮލިޝް މާކެޓްގައި ޓުއާ އޮޕަރޭޓަރު އިޓާކާއާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ސަން އޯޝަން އާއި ގުޅިގެން ފަށާފައިވާ ޗާޓަޑް ފްލައިޓްގެ A330ގެ އެއާކްރާފްޓް ހަފްތާއަކު އެއްފަހަރު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފެބުރުއަރީ މަހުގެ 19 ވަނަ ދުވަހު ލޮޓް ޕޮލިޝް އެއާލައިންއިން 290 ޕަސިންޖަރުންނާއި އެކު ޗާޓަޑް ފްލައިޓް ފަށާފައިވާ ކަމަށާއި އެ ފްލައިޓްތައް މިއަހަރުގެ މެއި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ކަމަށެވެ.
މިއަދު ފެށި ލޫކް އެއާގެ ޗާޓަޑް ފްލައިޓްތައް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެވެ. އަދި ލޫކް އެއާގެ ފުރަތަމަ ޗާޓަޑް ފްލައިޓުގައި 297 ފަތުރުވެރިން ޕޮލެންޑުން ރާއްޖެއަށް މިއަދު ޒިޔާރާތް ކުރި އެވެ. ޕޮލެންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ސީދާ ދަތުރުތައް ފަށާފައިވަނީ ޖޫން 20، 2019 ގައެވެ.
އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ރީތި ނަން ދަމަހައްޓާ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ޕޮލޭންޑް މާކެޓަށް އަމާޒުކޮށް އިޓާކާ އާއި އެކު ޖޮއިންޓް ކެމްޕެއިނެއް ވެސް މި މަހު ފަށާފަ އެވެ.
އެ ކެމްޕެއިންގައި އިޝްތިހާރު ތަކާއި ޑިޖިޓަލް ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ރާއްޖޭގައި ތަޖުރިބާކުރެވޭނެ ތަފާތު ކަންތައްތައް ކެމްޕޭންގައި ބުނެދެމުންދާނެ އެވެ. އަދި ރާއްޖެ އަކީ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށް ވުމުން ރާއްޖެ އަކީ ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި ގައުމުގެ ގޮތުގައި އިޝްތިހާރު ކުރުމަށް ނިންމާފައިވެ އެވެ.
ކެމްޕެއިން ފެށީ ޕޮލެންޑުން ރާއްޖެއަށް އިޓާކާގެ ފަރާތުން ޗާޓާޑް ފްލައިޓްތައް ފެށުމާއި ގުޅުވައިގެންނެވެ. އެފަދަ ކެމްޕެއިންތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ފެށޭ ޗާޓާޑް ފްލައިޓްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
ޕޯލިޝް މާކެޓުން މިއަހަރުގެ މިހާތަނަށް ވަނީ 8000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. ދަތުރުފަތުރުކުރުމަށް ލުއިތަކެއް ލިބި ވާސޯ އާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ފެށޭ ގޮތްވުމުން އެ މާކެޓުން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުވާނެ ކަމަށްވެސް އެމްއެމްޕީއާރްސީން އުއްމީދު ކުރެ އެވެ.