ޓޫރިސްޓް އެރައިވަލް

މި އަހަރުގެ ފުރަަތަމަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި

މި އަހަރު ރާއްޖެ އަށް ޒިޔާރަތް ކުރި ފުރަތަމަ ޓޫރިސްޓަށް ރާއްޖޭން މަރުހަބާ ކިޔައިފި އެވެ.

ރާއްޖެ މާކެޓު ކުރުމުގެ ޒިންމާ އުފުލާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވަނީ މި އަހަރުގެ ފުރަތަމަ ދުވަހު އައި ޓޫރިސްޓަށް މަރުހަބާ ކިއުމުގެ ގޮތުން ޓުވީޓެއްކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ޓޫރިސްޓު ނިބަތްވަނީ ކޮން ގައުމަކަށްކަމެއް އެ ކުންފުނިން އަދި ނުބުނެ އެވެ.

އާ އަހަރުގެ ފުރަތަމަ ޓޫރިސްޓު މީހާ އައުން ފާހަގަ ކުރަން މި ފަހަރު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެއް ނުވެ އެވެ. ފުރަތަމަ ޓޫރިސްޓު މީހާ ރާއްޖެއަ ށް ޒިޔާރަތްކޮށްފައިވަނީ މިއަދު ހެނދުނު ރާއްޖެ އައި އެމިރޭޓްސްގެ އެއާލައިން އަކުންނެވެ.

ކޮވިޑް-19 އަށްފަހު 2020 މާޗު މަހު ބޯޑަރު ބަންދުކޮށް ޖުލައި 15 ގައި ބޯޑަރު ހުޅުވިފަހުން ރާއްޖޭން ޓޫރިޒަމަށް ވަނީ ކުރިއެރުން ލިބެން ފަށާފަ އެވެ. އެގޮތުން 2020 ނިންމާލީ 555,494 ޓޫރިސްޓުންނާއެކުގަ އެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 1,312,706 ޓޫރިސްޓުން އައިސްފައިވެ އެވެ. ނަމަވެސް އެންމެ ފުރަތަމަ އަންދާޒާކުރީ މިދިޔަ އަހަރު 1.5 މިލިއަން އަންނާނެ ކަމަށެވެ. އެކަމަކު ފަހުން އަންދާޒާ ރިވިއުކޮށް ބުނެފައިވަނީ 1.2 މިލިއަން އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.