އެމްއޭސީއެލް

ނޮވެމްބަރުގެ ނިޔަލަށް 26،00 ޕްރައިވެޓް ޖެޓް ރާއްޖެއަށް

މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޖުމުލަ 2،610 ޕްރައިވެޓް ޖެޓު ޖައްސާފައިވާ ކަމަށާއި މިއީ 2019 ވަނަ އަހަރާ އަޅާބަލާ އިރު 53 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖެއަށް އައިސްފާވަނީ 1،702 ޕްރައިވެޓު ޖެޓު ކަމަށާއި މިއަހަރުގެ ނޮވެމްބަރާއި ހަމައަށް 2،610 ޖެޓު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން އަރީފް ފާހަގަކުރެއްވި އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން އަރީފް ވިދާޅުވީ މިއަހަރުގެ ނޮވެމްބަރާއި ހަމައަށް އެއާ ޓްރެފިކް މޫވްމެންޓްވެސް ހުރީ 27،000 ގައި ކަމަށާއި މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރި އެރުމެއް ކަމަށެވެ. އެއާ ޓްރެފިކް މޫވްމަންޓް 2019 ވަނަ އަހަރު ހުރީ 24،000 ގަ އެވެ.

"ފަސިންޖަރުންނަށް ބަލާ ކަމަށްވާނަމަ އެރައިވިން ގާތްގަނޑަކަށް އަޅުގަނޑުމެންގެ ރިކަވަރީ 2019 އާއި އަޅާބަލާއިރު މިއުޅެނީ 98 އިންސައްތަ ރިކަވަރީއެއްގައި. މިއީ އަދި ޖަނަވަރީން ނޮވެމްބަރާއި ހަމައަށް. މާނައަކީ މިއަހަރު ނިމެންވާއިރަށް ވަރަށް ބޮޑަށް އެކްސީޑްވެގެންދާނެއޭ،" އަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮވިޑު ހާލަތާ ގުޅިގެން ހުއްޓާލައިފައިވާ އަށް އެއާލައިނެއްގެ ދަތުރުތައް އަލުން ފަށާފައިވާ ކަމަށްވެސް އަރީފް ވިދާޅުވި އެވެ. އޭގެ ތެރެއިން ބްރިޓިޝް އެއާވޭސް އިން މިހާރު ކުރަމުން ގެންދާ މޫސުމީ ދަތުރުތައް އަންނަ އަހަރު ބަދަލުވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ. ބްރިޓިޝް އެއާވޭސް އިން އަންނަ އަހަރުން ފެށިގެން އަހަރު އެއްކޮށް ދަތުރު ކުރާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.

އަރީފް ވަނީ ޗައިނާގެ ބޯޑަރު ބަންދުކޮށްފައި ވަނިކޮށް އަދި ޔުކްރެއިން ރަޝިއާ ހަނގުރާމަ ހިނގަމުން ދަނިކޮށް ރާއްޖެއިން މިއަހަރަށް ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވުމަކީ ލިބުނު ވަރަށް ބޮޑު ކުރި އެރުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.