ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

މަހްލޫފްގެ މައްސަލަ އަނބުރާ ފޮނުވައެއް ނުލަން: ޕީޖީ އޮފީސް

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަޕް ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލާފައިވާ ކަމަށް ބުނާ ވާހަކަތައް ޕީޖީ އޮފީހުން ދޮގުކޮށްފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވީ މިނިސްޓަރު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައިވާ މައްސަލަ ޕީޖީ އޮފީހުގައި އެބައޮތް ކަމަށާއ އެ މައްސަލަ އަނބުރާ ފޮނުވާލި ކަމަށް ބުނާ ވާހަކަތަކަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

"މައްސަލަ މި އޮފީހުގައި ބާއްވާފައި ކުރިން ވެސް އިސްލާހު ކުރުމަށް ދެންނެވި ބައެއް ކަންކަން އިސްލާހުކުރުމަށް ދެންނެވީ. އަދި އިތުރު ބައެއް ލިޔުންތައް ބޭނުންވާތީ ހުށަހެޅުމަށް [އޭސސީ އަށް] ދެންނެވީ،" އޮފިޝަލް ވިދާޅުވި އެވެ.

މަހްލޫފްގެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލާފައި ނުވާ ކަން ޕީޖީ ހުސައިން ޝަމީމް ވެސް ރޭ ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ.

މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކުރަން މިމަހުގެ ނުވަވަނަ ދުވަހު ފޮނުވާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާތީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.

މަހްލޫފްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހްލޫފަށް 33،000 އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެއީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތެއް ކަމަށް ދެއްކުމަށް މަހްލޫފް މަސައްކަތްތަކެއް ކުރެއްވި ކަމަަށާއި ނަމަވެސް ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާ އަށް ބަލާއިރު އެއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އަތުން ހޯއްދަވާފައިވާ ރިޝްވަތުގެ ފައިސާ ކަން އެނގޭ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އޭސީސީން ބުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލް ފާސްކުރުމަށް މަޖިލީހުގައި ނެގުނު ވޯޓުގައި އޭރު މަޖިލިސް މެންބަރަކަށް ހުންނަވައިގެން މަހްލޫފް ވޯޓު ދެއްވާފައިވާ ކަމަށާއި އޭނާއަށް 33،000 އެމެރިކާ ޑޮލަރު ލިބުނީ އެކަމުގެ މުގާބިލުގައި ކަމަށެވެ. ވޯޓު ދެއްވުމަށް މަހްލޫފް މަޖިލީހަށް ވަޑައިގެންނެވީ މެލޭޝިއާގައި ހުންނެވުމަށްފަހު ކަމަށްވެސް ފާހަގަކޮށްފައިވެ އެެވެ.

އޭސީސީން ވަނީ މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް އުފުލައިދިނުމަށް އެެދިފަ އެވެ. އެގޮތުން އެދިފައިވަނީ ކޮރަޕްޝަންގެ ދައުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ކޮށްދިނުމަށެވެ.

މި މައްސަލައާ ގުޅިގެން މަހްލޫފް މީގެ ކުރިން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ ފެށުނު ހިސާބުން ފެށިގެން ވެސް އޭނާއާ މެދު އަމަލުކުރަމުންދަނީ ޒާތީކޮށް ސިޔާސީގޮތުން ކަތިލާ "ކަންބަޅި" އެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަމުންދަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެެގެން ކަމަށާއި އެ ބައެއްގެ ބޭނުމަކީ އޭނާ މަގާމުން ވަކިކުރުން ކަމަށް ވެސް ވިދާޅުވި އެވެ.

‎މަހްލޫފް އިތުރަށް ވިދާޅުވީ އޭނާ އަށް ތުހުމަތުކުރާ މައްސަލާގައި ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް އޭސީސީއަށް އަށް ލިބިގެން ނުވާ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފުވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެ އެވެ.