އަހުމަދު މަހްލޫފު

މަހްލޫފާ މެދު އަމަލުކުރި ގޮތުން ކޯޓާއި ސަރުކާރަށް ފާޑުކިޔައިފި

Jan 27, 2022
1

ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން ބުނުމާ ގުޅިގެން ކޯޓުން އަމަލުކުރަނީ ދެ ފުށް ފެންނަ ގޮތަށް ނޫން ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ފާޑު ކިޔައިފި އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ދައުވާ ލިބޭ މިނިސްޓަރު މަހްލޫފްގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކޯޓުން ނިންމާފައިވާ ކަމަށެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ މިދުވަސްވަރު ވެސް ކްރިމިނަލް ކޯޓުގައި އެހެން ޝަރީއަތްތައް ކުރިއަށް ގެންދާ ކަމަށެވެ. މަހްލޫފްގެ މައްސަލަ އަކީ ސީރިއަސް މައްސަލައަކަށް ވާއިރު ކޮވިޑް ހާލަތު ރަނގަޅުވުމުން އެ މައްސަލަ ކުރިއަށް ގެންދަން ނިންމި ނިންމުމަކީ ކޯޓުގެ ގައިޑްލައިންތައް ދެކޮޅު ނުޖެހޭ ކަން އަންގައިދޭ ކަމެއް ކަމަށެވެ.

މީގެއިތުރުން އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެ އުސޫލެއް އޮގަސްޓް 6، 2020 ގައި ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާއިރު އެ އުސޫލުން މަހްލޫފްގެ ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަހަލަ ގޮތަކަށްވެސް ޓްރާންސްޕޭރަންސީން ވާހަކަދައްކާފައިވެ އެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކޮށްފިނަމަ ސަރުކާރުން އޭނާ އަށް ފިޔަވަޅު އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކުރިން ވިދާޅުވެފައި ވަނިކޮށް ޕީޖީ އޮފީހުން މަހްލޫފްގެ މައްޗަށް ދައުވާ ކުރީ މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ.

ސަރުކާރުން ކުރިން ބުނި ގޮތަށް މަހްލޫފަށް ފިޔަވަޅު އަޅާފައި ނުވާތީ އެކަމަށް ފާޑު ކިޔަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނީ ކޮރަޕްޝަން ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ސަރުކާރުން ކުރިން ނިންމާފައިވީ ނަމަވެސް އެކަމާ ގުޅޭ އުސޫލު މިހާތަނަށް ވެސް އާންމު ނުކޮށް މަހްލޫފްގެ ސަސްޕެންޝަން އުވާލުމުން ކަންބޮޑުވާ ކަމަށެވެ. އަދި ސަރުކާރުން މަހްލޫފްގެ މައްސަލައިގައި އަމަލުކުރި ގޮތުން ކޮރަޕްޝަން ހިންގާ މީހުންނަށް އެމީހުންގެ މަގާމު ބޭނުންކޮށްގެން ހެކި ނައްތާލުމާއި ކޮރަޕްޝަންގެ އަމަލުތައް އިތުރަށް ހިންގަން ފުރުސަތު ލިބޭ ކަމަށްވެސް ބުނެފައިވެ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން އަޑުއެހުމެއް ކުރިއަށް ގެންދަން މިދިޔަ ބުދަ ދުވަހު ތާވަލް ކުރި އެވެ. ނަމަވެސް ފަހުން އެ ދުވަހުގެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކޯޓުން ބުނެފައެއް ނުވެ އެވެ.

މަހުލޫފަށް ދައުވާކޮށްފައިވާއިރު އޭނާ ގެންދަވަނީ ރަސްމީ ދަތުރުތަކުގައި އެކި ކަންކަމުގައި އަތޮޅުތެރެއަށް ދަތުރުކުރައްވަމުންނެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި ވެސް މަހުލޫފް ގެންދަވަނީ ބައެއް ރަށްރަށަށް ވަޑައިގަންނަވަމުންނެވެ.

މަހުލޫފުގެ މައްޗަށް ދައުވާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ހިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހްލޫފަށް ލިބިފައިވާ ކަން ފާހަގަކުރެވިގެންނެވެ.

އޭސީސީން ބުނެފައި ވަނީ މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ.