އިޒްރޭލް

އިޒުރޭލުގެ ޔަޙޫދީން ގެރި ބަކަރިއަށް ވިހަދެނީ

އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ފޭރިގެންފައި އޮތް ފަލަސްތީންގެ ބިންތަކުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ޒަޔަނިސްޓް ޔަހޫދީން -- ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުން ގެންގުޅޭ ގެރި ބަކައްޓަށް ވިހަދީ މަރަން ފަށައިފި އެވެ.

ފަލަސްތީންގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުން ޒަޔަނިސްޓުންގެ މި އަމަލުތަކަކީ، ފަލަސްތީންގެ އާންމު ރައްޔިތުން ވަޒަނުން ބޭރުކުރުމަށް ހިންގަމުން ގެންދާ ޖަރީމާ އެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގެރި ބަކަރި ބޯން ބަހައްޓާފައި ހުންނަ ފެން ޓައްޕުތަކަށް ވިހަ ގިރުވުމުގެ ސަބަބުން 72 ކަންބަޅި މިދާކަށް ދުވަހު ވަނީ މަރުވެފަ އެވެ.

ފަލަސްތީން ދަނޑުވެރިންގެ ދަނޑުބިންތަކަށް ވިހަ ކާނާ އެޅުމުގެ ސަބަބުން ގަސްތައް މަރުވެ އަދި ފަތް ކެއުމުގެ ސަބަބުން ކަންބަޅި ބަކަރިތައް ހޮޑުލައި ވަރަށް ބޮޑަށް ހާލުދެރަވެފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

މީގެ ތެރެއިން ބައެއް ބަކަރި ވަރަށް ބޮޑަށް ވިހަވުމުގެ ސަބަބުން މަރުވެފައިވާ ކަމަށްވެސް ދަނޑުވެރިން ބުންޏެވެ.

ގެރި ބަކައްޓަށް ވިހަދިނުމުގެ އިތުރުން ޔަހޫދީ ބައިގަނޑުތައް ނުކުމެ ފަލަސްތީންގެ އާންމުގެ ގައިގައި ގަލުން ތަޅައި 785 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ޒަޔަނިސްޓުންގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ފަލަސްތީން މީހުން ފައްސާލައި ބިންތައް ފޭރުން ކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެ އެވެ.

ފަލަސްތީންގެ ސަރުކާރުން ބުނާ ގޮތުން، ދަނޑުބިންތަކުން ފަލަސްތީން މީހުން ބޭލުމަށްފަހު ފަސްގަނޑު ޖަހައި، ބިން އެއްވަރުކޮށް އިޒުރޭލުގެ އިދާރާތަކުން ދަނީ ޔަހޫދީންނަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހުޅަނގު އައްސޭރީގައި ޔަހޫދީންނަށް ހިޔާވަހިކަށް ފޯރުކޮށްދިނުމަށް އިމާރާތްކުރާ ގުރޫޕްތަކުން މަސައްކަތްކުރާއިރު، އެ މީހުންނަށް ރައްކާތެރިކަން ދިނުމުގައި އިޒުރޭލުގެ އަސްކަރިއްޔާ ހަރަކާތްތެރިވާ ކަމަށްވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.

ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ގެދޮރުވެރި ނުކުރުމަށް އދ އާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން އިޒުރޭލުގެ މައްޗަށް ކޮށްފައި އޮތް އަރުމު އެ ގޮތުގައި އޮއްވައި -- އެ ހުރިހާ އަމުރެއް ބޮލާލައި ޖެހުމަށްފަހު އިޒުރޭލުގެ އިސްތިއުމާރީ ބާރުތަކުން ދަނީ ފަލަސްތީންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވަމުންނެވެ.