ދުނިޔެ

ނިކަރާގުއާއިން އިޒުރޭލާ ސިޔާސީ ގުޅުން ކަނޑާލައިފި

މެދުތެރޭ އެމެރިކާ ގައުމެއް ކަމަށްވާ ނިކަރާގުއާ އިން އިޒުރޭލާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ. ސަބަބެއް ކަމަށް ބުނީ އިޒުރޭލު ސިފައިން ޣައްޒާގައި އިންސާނީ ކަރާމަތް ނަގާލައި ގަތުލުއާންމު ހިންގާތީ ކަމަށެވެ.

ނިކަރާގުއާގެ ނައިބް ރައީސް، ރޮސާރިއޯ މުރިއްލޯ ތުހުމަތުކުރެއްވި ގޮތުގައި އިޒުރޭލަކީ ގަތުލުއާންމަށް ހިތްވަރުދޭ ގައުމެކެވެ. އަދި ސިފައިން ލައްވައި ޣައްޒާގައި އަދި މިހާރު ލުބްނާންގައިވެސް ކުރަނީ އެއް ކަމެއް ކަމަށް ވިދާޅުވި އެވެ.

އިޒުރޭލުގެ އަމަލުތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމުން މެނުވީ ޔަހޫދީ ދައުލަތާ އެކު ގުޅުން ބަދަހިނުކުރައްވާނެ ކަމަށްވެސް ނައިބް ރައީސް ވިދާޅުވި އެވެ.

މުރިއްލޯ ވިދާޅުވި ގޮތުގައި އިޒުރޭލުން ޣައްޒާގައި ނަސްލެއް ނައްތާލަނީ އެވެ. ބައިބޯ ސިޓީއަކުން މީހުން ބޭރުވުމަށް އިންޒާރުކޮށް -- ރެފިއުޖީންނާއި ބަލި މީހުން ތިބޭ ޖިފުޓިތަކަށް ހަމަލާދިނުމަކީ ހަނގުރާމަކުރުން ނޫން ކަމަށް ވިދާޅުވި އެވެ.

ނިކަރާގުއާ އަކީ މީގެ ކުރިންވެސް އިޒުރޭލާ އެކު މާބޮޑު ގުޅުމެއް އޮންނަ ގައުމެއް ނޫނެވެ. އަދި އިޒުރޭލުގެ ސަފީރަކު ވެސް އެ ގައުމުގައި ނުހުރެ އެވެ.

މިހެން ކަން އޮތް ނަމަވެސް އިޒުރޭލާ ގުޅުން ކަނޑާލުމަކީ ބައިނަލްއަގްވާމީ ގޮތުން އިޒުރޭލަށް ލިބޭނެ ނިކަމެތި ކަމެކެވެ. އަދި އިތުރު އެހެން ގައުމުތަކުން އިޒުރޭލާ ގުޅުން ކަނޑާލުމަށް ހިތްވަރަކަށްވެސް ވާނެ އެވެ.

މުރިއްލޯ ވިދާޅުވި ގޮތުގައި އިޒުރޭލުގައި ވެރިކަން ކުރަނީ ލޭބޯ ސަރުކާރެކެވެ. އެއީ އިންސާނީ ކަރާމާތަކީ ކޮބައިކަން އެއްވެސް ވަރަކަށް ދަންން ސަރުކާރެއް ނޫނެވެ.

ދުނިޔެއާ ސުލްހަވުމަށް މުޅި ދުނިޔެއިން އިޒުރޭލަށް ދިން ދައުވަތު ގަބޫލުނުކުރުމަށް ވުރެ ނުބައި ހާލަތެއް އިޒުރޭލަށް ކުރިމަތިވާނެތޯ އޭނާ ސުވާލުކުރެއްވި އެވެ.

އިޒުރޭލު ސިފައިން ފަލަސްތީންގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް -- އޮކްޓޯބަރު ހަތަކަށް އެއް އަހަރު ފުރިހަމަވެއްޖެ އެވެ. މަރުވި އަދަދު ކަރުދާހަށް ތިލަވެފައި އޮތް މިންވަރަށް ބަލާއިރު، 42،000 އަށް ވުރެ ގިނަ މީހުން އިޒުރޭލު ސިފައިން ވަނީ މަރާފަ އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް އެއްގަމު މަގުން އަރައި، ހޮސްޕިޓަލްތައް ލޫޓުވައި އަދި ގަބުރު ކޮނެގެންވެސް ވަނީ ނަގާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންސާނީ ގުނަވަންތަކުން ތަހުލީލުކުރުމަށް ބޭނުންވާ ގުނަވަންތައް، ޣައްޒާގެ ގަބުރުސްތާންތައް ކޮނެގެން ވަނީ ނަގާފަ އެވެ.