އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން އުފުލި ހުރިހާ ދައުވާއެއް އަނބުރާ ގެންގޮސްފި އެވެ.
ނިހާންގެ މައްޗަށް 2019 ވަނަ އަހަރު ދައުލަތުން ޖުމްލަ ހަތް ދައުވާއެއް ކުރި އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.
މި ހަތް ދައުވާއަށް ނިހާން އިންކާރުކޮށްފައި ވަނިކޮށް ރިޝްވަތު ހިފުމުގެ އެއް ދައުވާ މުރާޖައާ ކުރުމަށްފަހު މެއި 25، 2022 ގައި ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.
ކްރިމިނަލް ކޯޓުގައި އޮތް ބާކީ ހަ ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ވަނީ ނިހާނަށް އަންގާފަ އެވެ.
ނިހާނަށް ކުރި ދައުވާތައް އަނބުރާ ގެންދިއުމަށް ދައުލަތުން ނިންމީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަކާ ގުޅިގެން 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކަށް ރިއާޔަތް ކުރާއިރު ނިހާންގެ މައްޗަށް ކުށް ސާބިތުވާނެ ކަމަށް ދައުލަތަށް ގަބޫލުނުކުރެވޭތީ އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ކުރިން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް އޭނާ ހުންނެވި ދުވަސްވަރު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.
ދައުވާތަކާ ގުޅިގެން ކުރިން އޮތް އަޑުއެހުމެއްގައި ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ. މީގެތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި، ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.
ނިހާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް އަނބުރާ ގެންދިޔައިރު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފްގެ މަގާމަށް ނިހާން ވަނީ އައްޔަންކުރައްވާފަ އެވެ.