އަހުމަދު ނިހާން ހުސައިން މަނިކު

ނިހާންގެ ޝަރީއަތް މިއަދުވެސް ކެންސަލް

އަހުމަދު ނިހާން މީގެ ކުރިން ބޭއްވި ޝަރީއަތެއްގައި: ނިހާންގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލް ކޮށްފި
0%
0%
0%

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތް މިއަދުވެސް ކެންސަލް ކޮށްފި އެވެ.

މިއަދުގެ ނިހާންގެ ޝަރީއަށް ކެންސަލް ވެފައިވާ ކްރިމިނަލް ކޯޓުން ވަނީ ޔަގީން ކޮށްދީފަ އެވެ. ނަމަވެސް ކެންސަލްވި ވަކި ސަބަބެއް ނުބުނެ އެވެ.

ކުރިއަށް ގެންދަން މިއަދު ނިންމާފައި އޮތީ ނިހާނަށް ކުރާ ހަ ދައުވާގެ ޝަރީއަތެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. ކުރީގެ ޝަރީއަތުގެ މަޖިލީހެއްގައި ނިހާން ވަނީ ހުރިހާ ދައުވާ އަކަށް އިންކާރު ކުރައްވާފަ އެވެ.

ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.

ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް ޝަރީއަތުގައި އެދިފަ އެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.

ދައުލަތުގެ ދައުވާގައި ބުނެފައި ވަނީ ފްލެޓަކީ ނިހާން މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމުގައި ހުންނެވިއިރު އަދީބު މެދުވެރިވެގެން ލިބިވަޑައިގެންނެވި 150،000 ޑޮލަރުން ގަނެފައިވާ ފްލެޓެއް ކަމަށެވެ. އަދި އެ ފައިސާގެ ޗެކް ނިހާނު ގަބޫލު ކުރެއްވީ އަދީބު ދޭ ފައިސާއަކީ ކުށް ކޮށްގެން ހޯދާ ފައިސާކަން ނިހާނަށް ޝައްކުކުރެވޭ ހާލަތުގައި ކަމަށެވެ.

ދައުލަތަށް ނަގަން އެދުނު ނިހާންގެ ރޮލެކްސް ގަޑިއަކީ ވެސް ރިޝްވަތުގެ ގޮތުގައި އަދީބު ދެއްވައިފައިވާ ހަދިޔާއެއް ކަަމަށް ދައުލަތުން ބުނެ އެވެ. އެގޮތުން 2014 ވަނަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަނަށް މެމްބަރަކު އައްޔަނު ކުރުމަށް ނެގި ވޯޓާ ގުޅިގެން ރޮލެކްސް ގަޑިއެއް ދިނުމަށް ނިހާނު އަދީބުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް ދައުވާގައިވެ އެވެ.

އޭގެ އިތުރުން އަދީބު އެދިވަޑައިގަންނަވާ ގޮތަށް މަސައްކަތް ކުރައްވާނަމަ 650،000 ރުފިޔާ ވެސް އަދީބު، ނިހާނަށް ދެއްވައިފައިވާ ކަމަށްވެސް ދައުލަތުން ބުނެ އެވެ. އެ ފައިސާ ވެސް ދައުލަތަށް ހޯދުމަށް ޝަރީއަތުގައި އެދިފައި ވެއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910