އަހުމަދު ނިހާން ހުސައިން މަނިކު

ވަކީލުން އެދިގެން ނިހާންގެ ޝަރީއަތް ކެންސަލް

Jul 13, 2021

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މައްސަލަތައް މިއަދު ކުރިއަށް ގެންދަން ތާވަލްކުރުމަށް ފަހު ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 ޖެހިއިރު ކުރިއަށް ގެންދަން ތާވަލްކުރި މައްސަލަތައް ކެންސަލް ކުރީ ނިހާންގެ ވަކީލުން އެދިވަޑައިގެނެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. އޭނާއަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.

ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް ޝަރީއަތުގައި އެދިފަ އެވެ.

ދައުވާތަކާއި ގުޅިގެން މިހާތަނަށް އަދި ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކެވެ.

ނިހާންގެ މައްޗަށް ދައުވާ އުފުލުމަށްފަހު ދައުލަތުން އެދިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. އެއީ ޝަރީއަތަށް ފިލުމުގެ ފުރުސަތު އޮތް ކަމަށް ދައުލަތުން ކޯޓުގައި ބުނުމާ ގުޅިގެންނެވެ. ޕީޕީއެމުން ވަކިވެވަޑައިގެން ނިހާން މިވަގުތު މަސައްކަތް ކުރައްވަނީ ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީގަ އެވެ.